އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޭސީސީގެ ނަމްބޯޑު -- ސަން ފައިލް ފޮޓޯ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އޭސީސީގެ ފަސް މެމްބަރުންގެ މަގާމު ހުސްވެފައިވާތީ މިމަހު ފަސް ވަނަ ދުވަހު ފުރުސަތު ހުޅުވާލީ މާދަމާގެ ނިޔަލަށް ކުރިމަތި ލުމަށެވެ.

ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ އެ މުއްދަތު މިމަހު 31ވާ ހޯމަ ދުވަހުގެ 12:30ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 30 ވާ އާދިއްތަ ދުވަހާއި 31 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

ކޮމަންޑޫ ދާއިރާއަށް މަޖިލިސް މެމްބަރެއް ހޮވުމުގެ އިންތިހާބު އޮތްއިރު އޭސީސީގެ މެމްބަރުން ނެތުމުން އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ކޮމެޓީން ނިންމައި ވަކިކުރަން ތަޅުމަށް ފޮނުވަން ނިންމި ހިސާބުން އެ ކޮމިޝަންގެ ރައީސް ހިމެނޭ ގޮތަށް ދެން ތިއްބެވި މެމްބަރުން ވަނީ މި ފަހުން އިސްތިއުފާ ދެއްވައިފައެވެ.

އެކޮމިޝަންގައި އެންމެ ފަހުން ތިއްބެވީ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީކޮށް ފިޔަވަޅު އެޅުމުގައި އެ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް