ރާއްޖެއަށް އެންމެ ބޮޑަށް ގައްދާރުވި ބޭފުޅަކީ ރައީސް މައުމޫން: އަދުރޭ

މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

ރާއްޖެއަށް ފަހުގެ ތާރިހެއްގައި އެންމެ ބޮޑަށް ގައްދާރުވި ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރާއްޖެ މިހާރު އޮތް ނުތަނަވަސް ހާލަތުގެ ފުރިހަމަ ޒިންމާ ނަަންގަވަންޖެހޭނެ ބޭފުޅަކީ ރައީސް މައުމޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިންގުންތެރި ވެރިކަމާ ދެކޮޅަށް ފުރަތަމަ ނިކުންނެވި ބޭފުޅަކީ ރައީސް މައުމޫން ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރައީސް މައުމޫން ބޭނުންފުޅުވީ އެމަނިކުފާނު އަމިއްލަ އެދުމުން ފޯވެފައި ވާތީކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފެށިގެން ފުރަތަމަ ދޮޅު އަހަރު ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި އޭރު އިދިކޮޅުގައި މަގުމައްޗަށް ނުކުމެލާނެ މީހަކު ވެސް ނެތް ކަމަށެވެ. އެހާވެސް ރައްޔިތުން އޭރު ރައީސް ޔާމީންގެ ވެރިކަމަށް ރުހޭކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ނަމަވެސް 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާއަށް ފަހު މި ހުރިހާކަމެއް ވެސް ބަދަލުވިކަމަށް އަދުރޭ ވިދާޅުވިއެވެ.

އެ މުޒާހަރާ ބޭއްވީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"ހިތާމައަކީ މިކަމުގެ އިސްކޮށް ހުރީ އޭރު ޕީޕީއެމްގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމް. ދިވެހި ރާއްޖެ މިހާލަތަށް ވައްޓަލުމުގެ އެންމެ މުހިންމު އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭ ބޭފުޅަކީ ރައީސް މައުމޫން،" އަދުރޭ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދައުރެއް ވެސް އެ މުޒާހަރާ ބޭއްވުމުގައި އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ތެދުވަން މަޖުބޫރުކުރުވީ އެ ދެ ބޭފުޅުން ކަމަށެވެ.

ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި އަންނަނީ އެ ދާއިރާގައި ގަދަވަމުންނެވެ.

ޕާޓީތަކުގެ މެދުގައި ހޫނު ބަހުގެ ހަމާލާތަކެއް ބަދަލުކުރެވެމުންދާ ޖަލްސާތަކުގައި ބައިވެރިވުމަށް ޕާޓީތަކުގެ އިސްވެރިންނާއި ސަރުކާރުގެ ވެރިން މިހާރުވެސް ތިއްބެވީ ދާއިރާގެ ރަށްރަށުގައެވެ.

އެގޮތުން ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ރައީސް ޔާމީން ވެސް ހުންނެވީ ކޮމަންޑޫ ދާއިރާގައެވެ. އަދި ސަރުކާރުގެ ހިންގާ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހުންނެވީ އެ ދާއިރާގައެވެ.

comment ކޮމެންޓް