ހަރުކަށި ފިކުރުގެ ހިންދޫން ގޮވަނީ މުސްލިމުން މަރާ ހުސްކުރަން

ހިންދޫ ހަރުކަށި ފިކުރަށް ނިސްބަތްވާ ހިންދޫ މަހާސަބާ ޕާޓީގެ އިސް މެމްބަރު ޕޫޖާ ޝަކުން ޕާންޑޭ

މުސްލިމުން މަރާ ހުސްކޮށް، އިންޑިއާއަކީ ހިންދޫންގެ ތަނަކަށް ހެދުމަށް އެ ގައުމުގެ ހިންދޫ މަހާސަބާ ޕާޓީގެ އިސް މެމްބަރަކު ގޮވާލައިފި އެވެ.

ހިންދޫ މަހާސަބާ ޕާޓީގެ އިސް މެމްބަރު ޕޫޖާ ޝަކުން ޕާންޑޭ ބުނީ، މުސްލިމުން މަރައި ހުސްކޮށް އިންޑިއާ ރައްކާތެރިކުރަންޖެހޭ ކަމަށެވެ.

"އަހަރެމެންގެ ތެރެއިން 100 މީހުން އެކުވެގެން 2 މިލިއަން މުސްލިމުން މަރައިފިނަމަ، އިންޑިއާއަށް ރައްކާތެރިކަން ލިބި، ހިންދޫ ޤައުމަކަށް ވެގެންދާނެ" ޕޫޖާ ބުންޏެވެ.

ޕޫޖާގެ މި ބަޔާނާ ދެކޮޅަށް މުސްލިމުން އަޑުއުފުލަމުން ދާއިރު، އެ ގައުމުގެ ސަރުކާރުން އެންމެ އެދެވޭ ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ޕޫޖާ ޝަކުން ޕާންޑޭގެ މި ބަޔާން ތަހުގީގުކޮށް، 10 ދުވަހުގެ ތެރޭގައި އެ ގައުމުގެ އެންމެ މަތީ ކޯޓަށް ޖަވާބުދާރީވުމަށް އެ ކޯޓުން ވަނީ ގައުމީ އަދި ސްޓޭޓް އިދާރާތަކަށް އަމުރުކޮށްފައެވެ.

ދީނީ ޝިއާރުތަކަށް ހަޖޫޖެހުމުގެ ސަބަބުން ޕޫޖާއާއި އެހެނިހެން މީހުންގެ މައްޗަށް ދައުވާވެސް އުފުލިދާނެއެވެ. އަދި އެ ދައުވާ ސާބިތުވެއްޖެނަމަ، 4 އަހަރުގެ ޖަލުހުކުމެއް އެމީހުންގެ މައްޗަށް އަތުވެދާނެއެވެ.

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ގިނަ ލާއިންސާނީ އަމަލުތައް ހިންގަމުން އަންނައިރު، ހިންދޫ މަހާސަބާ ޕާޓީއަކީ ހިންދޫ ހަރުކަށި ފިކުރު ފައްކާކުރާ ޕާޓީއެކެވެ. މި ޕާޓީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ) އާ ގުޅުމެއް އޮންނަ ބައެއް ނޫނެވެ.

ހިންދޫ ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ އިންޑިއާގައި ދެވަނައަށް އެންމެ ގިނަ މީހުން ތަބާވާ އިސްލާމްދީނުގެ ފިކުރު ނައްތާލުމަށެވެ. ބޮޑުވަޒީރު މޯދީގެ ދައުރުގައި ހިންދޫ ހަރުކަށި މީހުންގެ އަޑު ގަދަވަމުން އަންނައިރު، އެމީހުންނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

comment ކޮމެންޓް