އަދަދު މައްޗަށް، ސަމާލުކަން ދަށަށް

"ސިޓީ ނައިޓް މާކެޓް" ގެ ތެރެއިން - ސަން ފޮޓޯ/މުހައްމަދު ހައްޔާން

މިއޮތީ އަނެއްކާ ކޮވިޑްގެ އަނެއް ރާޅު ނަގައި ބޯމަތިކޮށްފައެވެ. މުގުރާލަން ތައްޔާރުވެފައެވެ. މިއީ 2019 ވަނަ އަހަރު ފެންނާންފެށި ކޮރޯނާގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރެންފެށި ފަހުން، ދޭތެރެދޭތެރެއިން ކުރިމަތިލާން ޖެހޭ ކަމެކެވެ. އެއް ފަހަރަށްވުރެ އަނެއް ފަހަރު ނަގާ ރާޅު ބޮޑުވެ، ރާޅުގެ ހޮޅިދަށުލާ މީހުންގެ އަދަދު އިތުރުވެއެވެ. އިގުތިޞާދަށް އަރާ ލޮޅުން ވަރުގަދައެވެ. މިއީ ހަމައެކަނި ދިވެހިން ކުރާންޖެހޭ ތަޖުރިބާއެއް ނޫނެވެ. މުޅި ދުނިޔެ ވެސް ކުރަމުން އަންނަ ހިތި ތަޖުރިބާއެކެވެ.

އެންމެ ފަހުން އަހަރެމެންނާ ކުރިމަތިވީ، ޑެލްޓާ ވޭރިއަންޓުގެ ރާޅެވެ. އެ ރާޅުގައި ވެސް ބޮޑު ބިރުވެރިކަމަކަށް ގައުމު ވެއްޓުނެވެ. އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުންނެވެ. މިފަހަރު މި އޮތީ އެމިކްރޮން ވޭރިއަންޓުގެ ރާޅެވެ. މިއީ ޑެލްޓާއަށްވުރެ މާ ހަލުއި ދުވެއްޔެއް ލިބިފައިވާ ވޭރިއަންޓެއްކަން، އެންމެނަށް ވެސް ވަނީ ގަބޫލުކުރަން ޖެހިފައެވެ. ދުނިޔޭގެ ގައުމުތަކުގައި މި ވޭރިއަންޓުގެ ކޭސްތައް ދެ ގުނައަށް އިތުރުވާން ނަގަނީ، އެއް ދުވަހާއި ތިން ދުވަހާ ދެމެދުގެ މުއްދަތެއް ކަމަށް ސިއްޙީ މާހިރުން އެބަ ވިދާޅުވެއެވެ.

މިހައި ހަލުއި ދުވެއްޔެއްގައި ގައުމުތައް އޭގެ ބާރުގެ ދަށަށް ގެންނަ ޑެލްޓާ ވޭރިއަންޓް، މިއަދު މި ގައުމަށް ވެސް ވަނީ ޒިޔާރަތްކޮށްފައެވެ. މިހާތަނަށް މާލެ ފިޔަވައި، ދެ ރަށަކުން މި ވޭރިއަންޓް ވަނީ ފެނިފައެވެ. 19 ފަތުރުވެރިއަކާއި 8 ދިވެއްސަކު މި ވޭރިއަންޓަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 4 ދިވެހިން ފައްސވީ މާލެއިންނެވެ. އަނެއްކޮޅުން ރާއްޖޭގައި ހަލުއިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާ މި ދުވަސްވަރު، މާލެއިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ ވަރަށް ބޮޑުތަން އިތުރުވަމުންނެވެ. އެޗްޕީއޭ އިން ވިދާޅުވާ ގޮތުގައި، މި މަހުގެ ފަހުކޮޅު، ނުވަތަ އަންނަ މަހުގެ ކުރީކޮޅު ޕީކަށް އަރާނެއެވެ. މިހާރު ކުރިމަތިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ. ހައި ރިސްކް މީހުންގެ ހާލަތު މި ވޭރިންޓުންގެ ސަބަބުން ވެސް ސީރިޔަސްވާ ކަމެވެ.

މިހައި ތަނަށް ފެނުނު އެންމެ ހަލުއިކޮށް ފެތުރޭ އެމިކޮރޮން ވޭރިއެންޓް، މާލެއާއި އަތޮޅުތެރޭގައި ކޮޅުކޮޅަށް ހަރަކާތްތެރިވަމުން އަންނައިރު، ބައެއް މީހުން މި ކަމަށް ދޭ ސަމާލުކަން ވަރަށް ކުޑަކަން ފާހަގަކުރެވެއެވެ. ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި، އަނގައާއި ނޭފަތް ނިވާވާގޮތަށް މާސްކު އެޅުމާއި ގިނަގިނައިން އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ. ފުރަތަމަ ރާއްޖެއަށް ކޮވިޑުގެ ވައިރަސް އައިސްގެން އުޅުނު ދުވަސްވަރު، ދިވެހިން މި ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން އުޅުނެވެ. ގެއިން ބޭރުގައި ހޭދަކުރާއިރު މާސްއަޅައެވެ. ވީ ވަރަކުން ގައި ދުރުކަން ބެހެއްޓިއެވެ. އަތް ދޮވުމާއި ސާފުކުރުން އަމިއްލަ ނަފުސަށް މަޖުބޫރުކުރިއެވެ.

މިއަދު މި ކަންކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު ބައެއް މީހުން މާސްކެއް ނާއަޅައެވެ. އަޅައިގެން އުޅޭ އެތައް ބަޔެއްގެ މާސްކް އޮންނަނީ ދަތްދޮޅި ދަށުގައެވެ. މި ގޮތަށް އެޅުމެކޭ ނޭޅުމެކޭ އެއްވެސް ތަފާތެއް ނޯންނާނެއެވެ. މަގުމައްޗަކުން ވެސް، ފިހާރަތަކަކުން ވެސް، ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނަކުން ވެސް، ގައިދުރުކަމެއް ނުފެނެއެވެ. މި ދައްކަނީ އެންމެން ކަންކުރާ ގޮތުގެ ވާހަކައެއް ނޫނެވެ. މި ފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން އުޅޭ މީހުން ވެސް އުޅޭކަން މި ފުރުސަތުގައި ފާހަގަކޮށްލަން ޖެހެއެވެ. އެހެންނަމަވެސް އެއް ބަޔަކު ސަމާލުކަން ދީގެން ނިކުންނާނެ އެދެވޭ ނަތީޖާއެއް ނޯންނާނެއެވެ. މި ބާވަތުގެ ކަންކަމަކީ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ނޫނީ ކާމިޔާބު ކުރެވޭނެ ކަންކަމެއް ނޫނެވެ.

ޑެލްޓާގެ ރާޅު އުފުލުނު އިރު، މުޅި ގައުމުގެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެ ރާޅުގެ ހޮޅުދަށުގައިވެ، ދިވެހި އެތައް ފުރާނައެއް ދުނިޔެއާ ވަކިވެގެން ދިޔައެވެ. އެއީ ދުރު މާޒީއެއް ނޫނެވެ. ދާދި މިދާކަށްދުވަހުގެ ކަމެކެވެ. އެ ފަދަ ހާލަތަކަށް ގައުމު ދާކަށް އެއްވެސް ދިވެއްސަކު ނޭދޭނެއެވެ.

އެހެންކަމުން މިހާރުން ފެށިގެން ވެސް، މި ކަމާމެދު ސީރިޔަސް ނަޒަރަކުން ވިސްނާން ފަށަން އެބަ ޖެހެއެވެ. ސިއްޙީ މާހިރުން ދެއްވާ އިރުޝާދުތައް، ކަނުލައި އަޑުއަހާން އެބަ ޖެހެއެވެ. އެއާ އެއްގޮތަށް އަމަލުތައް ބައްޓަންކުރާން އެބަ ޖެހެއެވެ. ތިމާގެ ސަލާމަތަށެވެ. ތިމާގެ މައިންބަފައިންނާއި އާއިލާގެ ރައްކާތެރިކަމަށެވެ. މުޅި ގައުމުގެ މުސްތަޤުބަލަށް ޓަކައި ވެސް މެއެވެ.

comment ކޮމެންޓް