އަހަރެން އަބަދުވެސް ބޭނުންވަނީ ލިވަޕޫލަށް ކުޅެން، އެކަމަކު އެކަން އޮތީ ކުލަބުގެ އަތް މަތީގައި: ސަލާހު

މުހައްމަދު ސަލާހު

ޓްރާންސްފާ ވާހަކަތަކާ ގުޅިގެން، އޭނާ ބޭނުންވަނީ އަބަދުވެސް ލިވަޕޫލަށް ކުޅެން ކަމަށާއި އެކަމަކު އެކަން އޮތީ ކުލަބުގެ އަތް މަތީގައި ކަމަށް މިސްރުގެ ފުޓުބޯޅައިގެ ރަސްގެފާނު މުހައްމަދު ސަލާހު ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ހުނަރުވެރި ފޯވާޑް ސަލާހު ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު ކަމަށްވާއިރު ގިނަ ކުލަބުތަކުން އަންނަނީ އޭނާއަށް ޑިމާންޑް ކުރަމުންނެވެ.

ޕްރިމިއާ ލީގުގައި ތަފާތު ދައްކަމުން އަންނަ ސަލާހު ބުނެފައިވަނީ އޭނާ ބޭނުންވާ ގޮތް ލިވަޕޫލަށް އެނގޭނެ ކަމަށާއި ލިވަޕޫލުން އޭނާއާ މެދު ބަހައްޓާ ގާތް ކަމަށް އޭނާ ޝުކުރު ކުރާ ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ ހުންނަން. އެކަމަކު ކުލަބުން ގޮތް ނިންމާނީ. އެއީ ކުލަބުގެ އަތް މަތީގައި އޮތް ކަމެއް. އަހަރެން އަބަދުވެސް ލިވަޕޫލްގެ ކުޅުންތެރިއަކަށްވީތީ ޝުކުރުކުރަން،" ސަލާހު ބުންޏެވެ.

ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ގިނަ ބަޔަކު ސިފަކުރަމުން އަންނަ ކުޅުންތެރިއަކަށްވުމާއެކު މާކެޓް ވެލިއުގައި ސަލާހުގެ އަގު ކިތަންމެހާ ވެސް ބޮޑެވެ.

"އަހަރެން ލިވަޕޫލަށް ކުޅެމުން އަންނަތާ ފަސް އަހަރުމިވީ. މިކުލަބުގެ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ފޭނުން ދެކެ އަހަރެން ވަރަށް ލޯބިވޭ. އަދި އެމީހުން ވެސް އަހަރެން ދެކެ ލޯބިވާކަން އެނގޭ. އެކަމަކު އެޑްމިނިސްޓްރޭޝަން އިން އަހަރެންގެ ހާލަތާ މެދު ގޮތެއް ނިންމާނީ،" ސަލާހު ބުންޏެވެ.

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް --- ފޮޓޯ/ އޭޕީ

މީގެ އިތުރުން މިހާރު ކުޅެމުން އަންނަ އެފްރިކާ ކަޕް އޮފް ނޭޝަންސްއާ ގުޅިގެން ސަލާހު ބުނެފައިވަނީ ވޯލްޑް ކަޕަށް ކޮލިފައިވާން ބޭނުންވާ ކަމަށާއި އެފްރިކާ މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

ސަލާހު ވަނީ މީގެ ހަތަރު މަސް ކުރިން ޕްރިމިއާ ލީގުގައި 100 ގޯލު ޖަހައި ލީގުގެ ސެންޗަރީ ކުލަބުގައި ހިމެނިފައެވެ.

ސަލާހަކީ 1992 ވަަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު ސަތޭކަ ގޯލު ޖަހައިދިން 30 ވަނަ ކުޅުންތެރިޔާއެވެ.

މީގެ އިތުރުން ސަލާހަކީ ލިވަޕޫލަށް ސަތޭކަ ގޯލު ޖަހައިދިން ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ލިވަޕޫލުގެ ސެންޗަރީ ކުލަބުގައި ހިމެނިފައިވަނީ މައިކަލް އޮވެން، ސްޓީވެން ޖެރާޑް އަދި ރޮބީ ފޮވްލާއެވެ.

މިސްރުގެ ފުޓުބޯޅައިގެ ރަސްގެފާނު އޭނާގެ އެންމެ ފުރަތަމަ ގޯލު ޖަހާފައިވަނީ ޗެލްސީ އަށް ކުޅެމުންނެވެ.

comment ކޮމެންޓް