މޮނިޓަރިން އުވާލި މަހިބަދޫއާއި އައްޑޫގައި އެކްޓިވް ކޭސްތައް މިހާރު 100 އިން މަތީގައި

މަހިބަދޫ -- ފޮޓޮ: ގެސްޓްހައުސަސް އޮފް މޯލްޑިވްސް

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން މޮނިޓަރިންއަށް ލައި، އޭގެ ފަހުން މޮނިޓަރިން އުވާލާފައިވާ އދ. މަހިބަދޫއާއި އައްޑޫ ސިޓީ ގައި އެކްޓިވް ކޭސްތައް މިހާރު 100 އިން މައްޗަށް އަރައިފިއެވެ.

މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން މޮނިޓަރިންއަށް ލާފައިވާ މަހިބަދޫގެ މޮނިޓަރިން އެންމެ ފަހުން އުވާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

ނަމަވެސް ޑައިރެކްޓް ކޮންޓެކްޓުންނާއި ރޯގާގެ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ މީހުން އޭރުން ފެށިގެންވެސް ޕޮޒިޓިވް ވަމުން އަންނަކަން އެރަށު ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތުން އެނގެއެވެ.

އިއްޔެ މަހިބަދޫ ހޮޮސްޕިޓަލުން އާއްމުކުރި ކޮވިޑް އަޕްޑޭޓަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 21 މީހުނާއެކު މިވަގުތު އެރަށުގެ އެކްޓިވް ކޭސް ތަކުގެ އަދަދަކީ 103 އެވެ.

ހަތަރު މަސްދުވަހު މޮނިޓަރިންގައި އޮތް އައްޑޫސިޓީގެ މޮނިޓަރިން ހާލަތު އުވާލީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އައްޑޫ މޮނިޓަރިންގަ އޮތުމުގެ ސަބަބުން އެރަށުގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރުމާއި ވިޔަފާރިތަކަށް ދަތިކަން ހުރުުމުގެ އިތުރުން ރައްޔިތުންނަށް އިޖުތިމާއީ ދަތިތަކެއް ހުރުމާއެކު، ރަށުގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ އެރަށު ކައުންސިލުން އެޗްޕީއޭގައި އެދުނީ އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާށެވެ.

އައްޑޫގެ މޮނިޓަރިން އުވާލީ ރެންޑަމް ސާމްޕަލް ނަގައި، މޮނިޓަރިން އުވާލުމަށް ޝަރުތު ހަމަވެގެންނެވެ.

ނަމަވެސް މިހާރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 132 ގައެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 27 މީހުން އިއްޔެ އެރަށުން އަަލަށް މި ބައްޔަށް ޕޮޒިޓިވްވި އިރު، އެކަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އައްޑޫގައި ކޮވިޑް ކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު ކޮވިޑަށް ފަރުވާ ކުރަމުންދާ 79 މީހުން ތިބި އިރު، މީދޫގައި ތިބީ 21 މީހުންނެވެ. އޭގެ އިތުރުން ފޭދޫއާއި ހުޅުމީދޫގައި ކޮވިޑް ބަލީގެ 11 މީހުން ތިބި އިރު މަރަދޫގައި ކޮވިޑް ޖެހިފައި މިވަގުތު ވަނީ ހަ މީހަކަށެވެ. ދެން ހިމެނެނީ މަރަދޫފޭދޫއިން ޕޮޒިޓިވްވި ދެ މީހުނާއި އެހެނިހެން ކެޓަގަރީގެ ދެމީހުންނެވެ.

comment ކޮމެންޓް