1440 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އައްބެ ސަރ! ދީބަލަ ކޮފީއެއް!"

އިވުނު ޖުމުލައާއެކު އިސްއުފުލައި ބަލައިލެވުނެވެ. ކޮފީމޭޒުގެ ކުރިމަތީގައި އިން، އައްބެ ސަރގެ ކަނާތްފަރާތުގައި، އިސްކޮޅުން މެދުމިނުގެ، ކަމީނާ ޒުވާނަކު، އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ލައިގެން ހުރި ގަޔަށް ނުހިފާ، ދާވެފައިވާ ޓީޝާޓުގަނޑާއި ސޮހިފައިވާ ފަޓުލޫނާއި ހޭވި ދިގުވެފައިވާ އިސްތަށިގަނޑާއި އިރަށް އަނދައި ކަޅުވެ، ދާވެފައިވާ މޫނާއި ތަރުތީބެއް ނެތް ތުނބުޅިއާއި މި ހުރިހައި ސިފައެއް އެކުވުމުން، އެއީ މަގުމަތީގައި މި އުޅޭ، ވަކި ފޮތަކަށް ނާރާ ޒުވާނުންގެ ތެރެއިން ޒުވާނެއްކަން އެނގުނެވެ.

އެ ޒުވާނާއާ ދިމާއަށް އައްބެ ސަރ ބަލަހައްޓައިގެން އިނީ، ބީރައްޓެހި ނަޒަރަކުންނެވެ. ސުވާލު އުފެދިފައިވާ ބެލުމަކުންނެވެ. ތީ ކާކުހޭ؟ އަހައިލާ ކަހަލަ ގޮތަކަށެވެ. އެހެން އިއްދާ އެ ސޮރު އަނެއްކާވެސް، އައްބެ ސަރއަށް ގޮވާލައިފައި، އޭނާގެ ޖުމުލަ ތަކުރާރުކޮށްލައިފިއެވެ. މިއަދު ކޮފީއެއް ނެތޭ، އެހެން ދުވަހަކުން އަންނާށޭ ބުނީ، ޖެހިގެން އިން އެކުވެރިޔާއެވެ. އެހެން ބުނުމާއެކު އޭނާ ވަގުތުން، އެނބުރި އައި ކޮޅަށް ހިނގައިގެންފިއެވެ. ކެފޭއިން ނިކުމެގެން ހިނގައްޖެއެވެ. އޭރު ވެސް އައްބެ ސަރ އިނީ، ބަސް ހުއްޓިފައެވެ. އެއީ އައްބެ ސަރ ކިޔަވައިދިން ސޮރެއް ދޯއޭ ބުނުމުން، އޭނާ ބުނީ، އެއީ ކޮން ކުއްޖެއްކަން ނޭނގޭ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ހިތުގައި ހިނގައިގަތީ، ވަރަށް ތަފާތު އޮއިވަރެކެވެ. ގައުމުގެ ބައެއް ޒުވާނުންގެ ހާލަތު ވެއްޓިފައިވާ ވަޅުގަނޑުގެ ފުންކަމެވެ. ދަރިވަރުން ނިކުމެ، މުދައްރިސުންގެ ކުރިމައްޗަށް އަރައި، ސަލާންޖަހާ ހިސާބަށް އެ ކުދިންގެ ހާލަތު ދިޔައީއެވެ. މި ދައްކަނީ އަތުން ފައިން ކަމެއް ނުކުރެވޭ ހާލަތަށް ގޮސްފައި ތިބި، މުސްކުޅި ބަލި މީހުންގެ ވާހަކައެއް ނޫނެވެ. ހަށިގަނޑުގައި ވަރު ހުރި، ނޫކަށިފުރައިގެ ޒުވާނުންގެ ވާހަކައެވެ. އަތްފައި ހެލޭ، ގައިގައި ވަރުހުރި، ޖެހުނު ކޮންމެ ކަމެއް ވެސް ކޮށްލެވޭ އުމުރުގެ މީހުންގެ ވާހަކައެވެ. އެއީ އެ ގޮތަށް ހޮޓާހޮޓަލަށާއި ކެފޭތަކަށް ވަދެ، އެއް މޭޒުން އަނެއް މޭޒަށް ހިނގައި، ސައި ތަށްޓަކަށް، ކޮފީ ތަށްޓަކަށް، ވިއްސަކަށް ރުފިޔާއަށް، ސިގިރެޓަކަށް އެދި އާދޭސްކޮށް، ސަލާންޖަހަން ޖެހޭ ފަދަ ބައެއް ނޫނެވެ. އެހެންނަމަވެސް މިއީ އެތައް ޒުވާނުންނެއްގެ ކިބައިން މިއަދު ފެންނަމުން ދާ އުޅުމެކެވެ. މި ހާލަތަށް އެ މީހުންގެ ކަންކަން މި ދިޔައީ ކީއްވެގެން ބާވައެވެ؟ ހަމަ ޔަގީނުން ވެސް ކޮންމެވެސް ހިސާބަކުން، ކޮންމެވެސް ބަޔެއްގެ އިހުމާލު އޮންނާނެއެވެ.

ކޮންމެ ކުއްޖަކީ ވެސް މަޔަކާއި ބަފައަކުގެ ދެމެދުން އުފަންވާ ކުއްޖެކެވެ. އުފަންވަނީ ގޯސް އެއްވެސް ސިފައެއް ނެތް، މައުސޫމު ކުއްޖެއްގެ ގޮތުގައެވެ. ވިޔާނުދާ ސިފަތަކާއި ގޯސް އުޅުންތައް އަށަގަނެ، ދަސްވަނީ ދުނިޔޭގެ އޮޔާއި ވައި އަޅާންފެށުމުނެވެ. ގިނަ ފަހަރު މިހެން ވަނީ، ބޮޑުވަމުން އަންނަ ދުވަސްވަރު، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިނުދެވޭތީއެވެ. ނޫނީ ގޯސް ނަމޫނާ ފެންނާތީއެވެ. އިހުމާލުގެ ފެށުމަކީ މިއެވެ.

އެއްވެސް މަންމައަކު ބައްޕައަކު، ގޯސް ކުއްޖެއްގެ ލޭބަލު ތަތްކޮށްގެން އޭނާގެ ދަރިފުޅު، މުޖުތަމަޢަށް ނެރޭކަށް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ، ހުރިހައި ގޮތަކުން ވެސް ވަރަށް ރަނގަޅު ކުއްޖަކު ބޮޑުކުރާށެވެ. ކަން މިހެން އޮތް އިރު، އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ އެންމެ މުހިންމު ކަމަކީ، ރަނގަޅު މަގަށްވުރެ، ގޯސްމަގުގައި ދަމާބާރު ގަދަކަމެވެ. އެ މަގުގައި ޝައިޠާނާ ހުންނާނޭކަމެވެ. ހަނައި އަޅައިލައަލައިލައެވެ. ހިތްއެދޭ ފަދަ އެތައް މަންޒަރަކާއި ކުލަތަކެއް ދައްކަމުންނެވެ. ކިރިޔާ ލިބޭ ހަނިހަނި ފުރުސަތެއްގައި ވެސް، އަތުގައި ހިފައި ދަމައިގަންނާނެއެވެ. އެހެން ވެއްޖެ ނަމަ، އެހައި ހިސާބުން ހަމަ މަގު ގެއްލުނީއެވެ. އެނބުރި އައި ކޮޅަށް ހިނގައިގަންނާން ވަރަށް އުނދަގޫވާނެއެވެ. އެހެންކަމުން މި ކަމާމެދު ވިސްނާންޖެހޭ ބަޔަކީ، މައިންބަފައިންނާއި ބެލެނިވެރިންނެވެ. ރީތި ހެދުމާއި މީރު ކާނާ ދަރިފުޅަށް ހޯދައިދޭ ފަދައިން، ތަރުބިއްޔަތަށް ވެސް އިސްކަން ދޭން ޖެހޭނެއެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް ޓަކައި، ވިސްނައި ސަމާލުވާންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، ދަރިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމެވެ. އިސްލާމް ދީނުގައި އަންގަވާފައި އޮންނަ ގޮތަށް އުޅޭން، ދަރިންނަށް ދަސްކޮށްދިނުވެ. އެންމެ ތުއްތު އުމުރުން ފެށިގެން، ދީނާ ގާތް ގުޅުމެއް އުފެއްދޭތޯ މަސައްކަތްކުރުމެވެ. އެކަމަށް ޓަކައި މައިންބަފައިން ދަރިންނަށް ނަމޫނާ ދައްކަންވާނެއެވެ. ހެޔޮ ނަސޭހަތް ދޭން ވާނެއެވެ.

ބައެއް ފަހަރު އިވޭ އަޑެކެވެ. ވަރަށް ނަސޭހަތް ދެވިއްޖެއެވެ. ވީ ކަމެއް ނެތެވެ. މިހާރު އެހެރީ ނަސޭހަތުން އަރާފައެވެ. ނޫނެކެވެ. ނަސޭހަތް ދިނުމަކީ ނިމުމެއް އޮތްކަމެއް ނޫނެވެ. ހެޔޮ ގޮތާއި ނުބައި ގޮތް ބުނެދީ، އޭގެ ނަތީޖާ ކިޔައިދީ ވިސްނައި ދިނުމުގެ ސިލްސިލާ މެދުކަނޑާލައިގެން ނުވާނެއެވެ. ސަބަބަކީ ޝައިޠާނާ ވެސް އެ ސޮރުގެ ވަސްވާހަކަށް، މަގުފުރެއްދުމަކަށް ނިމުމެއް ނުގެންނާނެއެވެ. ސައުވީސްގަޑިއިރު ހުންނާނީ ހުތް ފެލަފެލައެވެ. އެހެންކަމުން ދަރިންނަށް ޓަކައި ހެޔޮ ދުޢާކުރަމުން، ގިނަގިނައިން ނަސޭޙަތްދޭށެވެ! ރިވެތި ނަމޫނާ ދައްކާށެވެ! އިންޝާﷲ! ނަތީޖާ ފެންނާނެއެވެ. މިއަދު މަގުތައްމަތިން މި ފެންނަ ހިތްދަތި މަންޒަރުތައް ފެންނަ މިންވަރު މަދުވާނެއެވެ.

comment ކޮމެންޓް