ޗެނަލް 13ގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތު ކޮށްފި

އަނިޔާކޮށްފައިވާކަމަށް ބުނާ ނޫސްވެރިޔާ -- ފޮޓޯ/ ސޯޝަލް މީޑިއާ

ޗެނަލް 13ގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރިކަމަށް އެ ޗެނަލުން ތުހުމަތުކޮށްފިއެވެ.

އަނިޔާ ލިބިފައިވަނީ ޗެނަލް 13ގެ ނިއުސް ހެޑް މަރިޔަމް އިސްއާދާއަށް ކަމަށް އެ ޗެނަލްއިން ބުނެއެވެ.

ޗެނަލް13ގެ ސްޓޭޝަން އިންޗާޖު އިބްރާހިމް ސައީދު މިރޭ "ސަން"އަށް ވިދާޅުވީ ފުލުހުން އެ ނޫސްވެރިޔާއަށް އަނިޔާކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އިބްރާހިމް ސައީދު ވިދާޅުވީ އެ ނޫސްވެރިޔާއަށް އަނިޔާލިބިފައިވަނީ އިއްޔެގެ މުޒާހަރާއިން ފުލުހުން ހައްޔަރު ކުރި މީހަކަށް އަނިޔާވެ، އޭނާ ހޮސްޕިޓަލަށް ގެންްދިއުމުން އެ މަަންޒަރު ކަވަރު ކުރަން އުޅުމުން ކަމަށެވެ.

ނޫސްވެރިއެއްކަން އެނގޭއިރު ނޫސްވެރިންނަށް ލިބެންޖެހޭ ފުރުސަތުތައް ނުދީ އަނިޔާވާގޮތަށް ފުލުހުން ދުރުކުރުމަކީ ގަސްދުގައި އަނިޔާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރުގައި މާސިންގާ ފާހެއް އަޅާފައި އޮންނަ އިރު އެނގެންޖެހޭނެ ނޫސްވެރިއެއްކަން. ނޫސްވެރިންނަށް މައުލޫމާތު ހޯދުމަށް ޖާގަ ތަނަވަސްކޮށްދެއްވަން ޖެހޭނެ،" އިބްރާހިމް ސައީދު ވިދާޅުވިއެވެ.

މީޑިއާ ފާސް އަޅައިގެން ހުރި ނޫސްވެރިއަކަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީގަ ބޮޑަށް ކަންބޮޑުވަނީ ކާޑު އަޅައިގެން ހުރި އަންހެން ނޫސްވެރިއަކަށް ފިރިހެން ފުލުހުންތަކެއް އަނިޔާ ކުރުމުން،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިއްޔެ ޕީޕީއެމް، ޕީއެންސީން ބޭއްވި އެއްވުމަގައި ވެސް އެ ނޫސްވެރިޔާއަށް އަނިޔާވާގޮތަށް ފުލުހުންގެ އަމަލުތައް ބަހައްޓާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ އެއްވުމުގެ ތެރެއިން ނޫސްވެރިޔާ ފަހަތުން ފުލުހުން އައިސް ޕެޕާ ސްޕޭރޭޖަހައި ކޮށްޕައި ދުރޮކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ނޫސްވެރިޔާއަށް ލިބުނު އަނިޔާގެ ސަބަބުން ހަތަރު ދުވަހުގެ ބެޑްރެސްޓެއްގައި އޭނާ އޮންނަން ހޮސްޕިޓަލުން ބުނެފައިވާކަމަށް ވެސް ޗެނަލް13 ގެ ސްޓޭޝަން އިންޗާޖް ވިދާޅުވިއެވެ.

ޕީޕީއެމާއި ޕީއެންސީން އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 29 މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރިކަމަށް ބުނެ އެ ޕާޓީން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް