"އެއީ ނުލާހިކު ބުރަކޮށް އުޅޭ މީހެއް... ކޮންމެހެން ރަންކިޔާއިރަކު އޭނަ ހުންނާކަށް ނުޖެހެއެއްނު.. މިހާރު ފޯނުންވެސް އެކަހަލަ ކަންކަން ނިންމާލެވޭ ޒަމާނެއް... އަހަރެންވާ ރަނގަޅުތާ ހެކިވެރިންވެސް މިގެއަށް ގެނައިކަން..." ރަހުމާ ރުޅިއައިސްފައި ބުންޏެވެ. "ދެން ހެވޭ... މިއޮތީ އޭނަގެ ފޮޓޯ... ބަލާނެ ވަރަކަށް ބަލާބަލަ..."

ރަހުމާ ހޫރައިލި ތަސްވީރު ގޮސް ވެއްޓުނީ އިރަމްގެ ފައި ކައިރިއަށެވެ. އިރަމްގެ ހިތް ތެޅިގަތެވެ. ނުބަލަން ހުއްޓަސް، ތަސްވީރާއި ދިމާއަށް އޭނައަށް ބަލައިލެވުނެވެ.

********

ތަސްވީރު އޮތީ ބަންޑުންނެވެ. އެ ނަގައި ބަލައިލާނެ ހިތްވަރެއް އިރަމްއަކަށް ނުލިބުނެވެ. އަނެއްކޮޅުން ރަހުމާ ތަސްވީރު ހޫރައިލިގޮތުން އެ ނަގާކަށް އިކްރާމް ބޭނުމެއް ނުވިއެވެ.

"ރަހުމާ ކޮންފާޑަކަށްތަ ތިއުޅެނީ؟... ރަހުމާތަ ރުޅި އަންނަންވީ؟... ނޫނީ އަހަރެންތަ؟..." އިކްރާމް ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ.

"އަބަދު އަހަރެންގެ މައްސަލަ ދައްކަން އުޅެންޏާ ރުޅިވެސް އަންނާނެ..." އިކްރާމަށްވުރެ ބޮޑަށް ރަހުމާ ރުޅިއައިސްފައި ވާހަކަ ދެއްކިއެވެ. "އާނ އެހެންޏަ، ހީވަނީ އަހަރެން ވަގުކަމެއް ކުރަން އުޅޭތީ އުޅޭހެންވިއްޔަ... ބަލަ އަހަރެންގެވެސް ހައްގެކޭ އަހަރެންގެ ދަރިއަކު މީހަކާ ނީނދެ އެހެން ހުންނަންޏާ، މީހަކު ހޯދައިދިނުމަކީ..."

"އަހަރެން ބުނީ ކީކޭ؟... އަހަރެން ބުނީ މީހަކާ އިންނައިރު އެއީ ކާކުކަން އެނގެންވާނެއޭ... އެއީ މީހަކު ތިހާ ރުޅި އަންނަންޖެހޭވަރުގެ ކަމެއްތަ؟... އަހަންނަށް މިހާރު ހީވާން ފަށައިފި ރަހުމާގެ ތި ނިންމުމުގެ ފަހަތުގަ ފޮރުވިފަ އޮތް ކަންތައްގަނޑެއް އޮންނާނެހެން..." އިކްރާމްވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

އިރަމްގެ ބޯ ފަޅައިގެންދާވަރުވިއެވެ. އިކްރާމާއި ރަހުމާ ޒުވާބުގައި ތިއްބައި އޭނާ އެތެރެއަށް ވަނެވެ. ހެކިވެރިންގެ ކައިރިއަށް ގޮސް ކައިވެންޏަށް ގަބޫލުކަމާއި، ރަނުގެ އަދަދު ހާމަކުރިއެވެ. އަދި ފޯމު ފުރުމަށް ބޭނުންވާނޭ މުހިއްމު މައުލޫމާތު ދީފައި އެތަނުން ނުކުތެވެ. އިރަމް ހުރީ އިންތިހާއަށް ހިތުގައި ޖެހިފައެވެ. މަޔަކު ހުރީތީ، އޭނާއަށް ލިބެނީ ހިތާމައެވެ. ބައްޕައިން ދަރިންނަށް ހިމާޔަތްދެއެވެ. އެހެނަސް، ބައްޕައަކު ހުރެ، ހަމްދަރުދީ ފާޅުކުރުން ފިޔަވައި އެ ބައްޕައަށް ކޮށްދެވޭ އިތުރު ކަމެއް ނޯވެއެވެ. ދެލޯ ފެންކަޅިވުމުން އިރަމް ހިނގަމުން ދިޔައީ އިސްޖަހާލައިގެން ހުރެއެވެ.

"ދަރިފުޅާ..." އިރަމް ފަސްދީ ދާންފެށުމުން އިކްރާމް ގޮވައިލިއެވެ.

ދަރިފުޅުގެ ހާލާއިމެދު ހަމްދަރުދީވި ނަމަވެސް، މަސްލަހަތަށްޓަކައި ގިނަފަހަރަށް އިކްރާމް ހިޔާރުކުރަނީ ހިމޭންކަމެވެ. ރަހުމާއާއި ދެކޮޅަށް އެއްޗެއް ބުންޏަސް، ފަހުވަގުތު އޭނާ ގޮތްދޫކުރެއެވެ. ރަހުމާ ބޭނުންވާގޮތަށް ކަންވާން ދޫކޮށްލައެވެ. އެއީ ހެދޭ ގޯހެއްކަން އެނގުނު ނަމަވެސް މެއެވެ.

"ދަރިފުޅު ކައިވެނިކުރަން ބޭނުން ނޫނިއްޔާ..." އިކްރާމްއަށް ބުނެވުނީ އެހިސާބަށެވެ.

ފެންކަޅިވެފައިވާ ދެލޮލުން އިރަމް އިކްރާމަށް ބަލައިލިއެވެ.

"އަހަންނަށް ބައްޕައެއްގެ ލޯބި އެންމެ ބޭނުންވީއިރު ބައްޕަ ކޮބާ؟... އަހަންނަށް އަޅާލާނެ އެކަކުވެސް އެބަހުރިތަ؟... ލޯބިނުވިޔަސް އެމީހަކާ އިނދެގެން އަހަންނަށް ދަރިއަކު ލިބިއްޖެއްޔާ، އެކުއްޖާ އަހަރެންދެކެ..." އިރަމްއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަރު ބެދުނެވެ.

"ދަރިފުޅާ... ބައްޕައަށް މާފުކުރޭ..." އިކްރާމް އުޅުނީ އިރަމް އާއި ދިމާއަށް ހިނގައިގަންނާށެވެ.

އިރަމް ރޮމުން، ދުއްވައިގަތެވެ.

********

ހަފްތާއެއް ފާއިތުވެގެންދިޔައިރު، ހިނިތުންވުމަކީ ކޮބައިކަން އިރަމްއަށް ނުވެސް އެނގޭ ކަހަލައެވެ. ވެއްޓެން އުޅެނީ ކިހާ ވަރެއްގެ ވަޅުގަނޑެއްގެ ތެރެއަށް ކަމެއް ނޭނގޭތީ، އޭނާގެ ހިތް ނުތަނަވަސްވެފައި ވިއެވެ. އަނެއްކޮޅުން އޮފީސްތެރެއިން އައިޒަކް ފެނުނަސް އޭނާ އިރަމްއާއިމެދު ބަހައްޓަނީ ރަސްމީގޮތެކެވެ. ހިނިތުންވުމެއް ހަދިޔާކޮށްލުން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ. ރަސްމީކޮށް ދައްކަންޖެހޭ ވާހަކައެއް މެނުވީ އޭނާ އިރަމްއަކާއި ނުދައްކައެވެ. އެހުރިހާ ކަމަކާއިއެކު މުޅި ދުނިޔެމަތީންވެސް އިރަމް ހުރީ ފޫހިވެފައެވެ. އިންސާނުންގެ ހިތް އެހާ ފަސޭހައިން ބަދަލުވަނީ ކީއްވެ ހެއްޔެވެ؟ ލޯބިވާ މީހަކު އެހާ ފަސޭހައިން ދާން ދޫކޮށްލެވޭނެ ހެއްޔެވެ؟

އާދައިގެ މަތިން އައިޒަކް އުޅުނީ، ރަސްމީ މަސައްކަތްތަކުގައި އަވަދިނެތިއެވެ. ކޮންޕިއުޓަރުގެ އިސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިނދެފައި އެއްޗެއް ހަނދާންވާ ފަދައިން އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ނަޒަރު ހުއްޓައިލިއެވެ. އައިޒަކްގެ ފޯނު ރިންގްވާން ފެށީ ހަމަ އެވަގުތުއެވެ. އިސްކްރީނަށް އަރާފައިވާ ނަން ފެނުމުން އޭނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"ހުރިހާ ކަމެއް ރެޑީ؟..." ފޯނު ނެގިގޮތަށް އައިޒަކް އަހައިލިއެވެ. "ޔަގީނުންވެސް އެއްވެސް އެއްޗެއް މަދުވިޔަ ނުދޭތި.... ގަޑިއަށް ހުރިހާ ކަމެއް ނިމެންވާނެ..."

ފޯނުކޯލު ނިމުނުއިރު އައިޒަކަށް އާދަޔާ ޚިލާފު އުފާވެރިކަމެއް ލިބިފައިވާ ކަހަލައެވެ. ދުވަހުގެ ޝެޑިއުލް އޮތްގޮތެއް ބަލާފައި ބައްދަލުވުމެއް ހަމަޖެއްސުމަށް އޭނާ އެދުނެވެ.

އިރަމް އާއި އަނޫފްގެ އިތުރުން ސުހާ ބައްދަލުވުން ބާއްވާ ހޯލަށް ދިޔައިރު، އައިޒަކް އާއި މާކިން ތިބީ، އެތަނުގައެވެ. އައިޒަކްގެ ކުރިމަތީގައި ކަރުދާސްތަކެއް ހުރިއިރު، އެ ކަރުދާސްތަކަށް ނަޒަރު ހުއްޓާލައިގެން އިނދެ، މާކިން އާއި ވާހަކައެއް ދައްކަމުން ދިޔައެވެ. ދޭތެރެއަކުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާއިރު، މާކިންގެ މޫނަށްވެސް ނަޒަރު ހުއްޓާލައެވެ. އައިޒަކްގެ ފިރިހެންވަންތަ ސިފަތަކަށް ބަލަން އިރަމްއަށް ހުރެވުނެވެ. އެ ތުންފަތާއި ދެލޮލުގެ ހަރަކާތްތަކަށް ކިތަންމެ ވަރަކަށް ބެލިޔަސް، ބަލާ ފޫހި ނުވެއެވެ. އިރަމްއަށް ހިންދިރުވައިލެވުނެވެ. ކައިވެނީގެ ކުރިން އައިޒަކް އާއި ދިމާއަށް ބަލައިލަން ލިބޭނެ ފަހު ފުރުސަތޭ ހީވުމުން، އޭނާގެ ހިތަށް ތަދުވިއެވެ. އިރަމް ވަކީން ދެރަވީ، އައިޒަކް އޭނާ ދުރުކޮށްލާ ގޮތުންނެވެ.

"އިރަމް..." އިރަމްއަށް ހަމަހޭވެރިކަންވީ، ސުހާ އޭނާގެ އަތުގައި ހިފައި ދަމައިލުމުންނެވެ. "ހާދަ ވަރަކަށް ބޮސްއާ ދިމާލަށް ތި ބަލަނީ... ސަޅި ބިޓެއްކަމަށް މިހާރު އެއްބަސްވާނަންދޯ؟..."

"އެއްކަލަ ސުހާ..." އިރަމް ގޮސް އިށީނެވެ.

"މާދަމާއިން ފެށިގެންދޯ ޗުއްޓީ ނަގަނީ؟..." ސުހާ ސުވާލުކުރިއެވެ.

އިރަމް ބޯ ޖަހައިލިއެވެ.

"މަޑުން އިނަސް ވަރަށް ވަގު މީހެއްދޯ މީ؟.... އެހާ ކައިރީ އުޅެފަ، ޗުއްޓީ ނަގަންވީމައޭ އެބުނީ މީހަކާ އިންނަ ވާހަކަވެސް..." ސުހާ އަނޫފްގެ ކައިރީގައި ޝަކުވާކުރިއެވެ.

"އާނ... ދެން އަހަރެމެންނަށް ފެންނާނީ މީހެއްގެ އަންބެއް... ޕާޓީ ބާއްވާތަ؟..." އަނޫފް އަހައިލިއެވެ.

"ވާންއުޅޭ ސޮރު ދައްކާވެސްނުލާ ތިއުޅެނީ... ޕާޓީއަށް ދައުވަތު ނުދީފިއްޔާ ހަނީމޫނަށް ދިޔަކަ ނުދޭނަން..." ސުހާ އިރަމްގެ ކޮނޑުގައި ޖެހިގަތެވެ.

އިރަމް ބޮލަށް އުނދަގޫވެގެން ފޯނާއި ކުޅެން ފެށިއެވެ.

"އަސްލު ބުނަންތަ... އެރޭންޖް މެރިއޭޖް މާ ސަޅިވާނެ..." ފުން ވިސްނުމެއްގެ ތެރޭގައި އިނދެފައި ސުހާ ބުނެލިއެވެ. އަނޫފް އެކަމާއި ދެކޮޅުހެދުމުން ސުހާ އޭނާއާއި ދިމާއަށް ލޯ އަޅައިލިއެވެ.

އިރަމް އިސްޖަހާލައިގެން އިންދައި، އައިޒަކް ވާހަކަ ދައްކަން ފެށިއެވެ. ކުރިއަށް އޮތް ތަނުގައި، ޗެނަލްގެ ޕްރޮގްރާމްތަކަށް ބައެއް ބަދަލު ގެންނަންޖެހިފައިވާކަން އޭނާ ފާހަގަ ކުރިއެވެ.

"މިހާރަށްވުރެ ބޮޑަށް އެބަޖެހޭ އާއްމުންގެ މަގުބޫލުކަން ހޯދަން މަސައްކަތް ކުރަން... އަބަދު އެއްކަމެއް ކޮށްލަކޮށްލާ ތިބީމަ ކަމަކުނުދާނެ..." ފަހަރަކު މީހެއްގެ މޫނަށް ބަލަމުން އައިޒަކް ވާހަކަ ދައްކަމުން ދިޔައެވެ. "މިހާރަށްވުރެ ބޮޑަށް ޒަމާނާގުޅޭ ތަފާތު ޕްރޮގްރާމްތަކެއް ރާވަން އެބަޖެހޭ... މިކަމަށް ތި ސްޓާފުންގެ އެހީ ބޭނުން..."

އައިޒަކް ވާހަކަ ދެއްކިލެއް ރަސްމީކަމުން އިރަމްއަށް އިނދެވުނީ، އަނގަ ލައްޕަންވެސް ނޭނގިފައެވެ. އެއްޗެއް ބުނާށޭ ބުނާ ފަދައިން ސުހާ އިރަމްގެ ގައިގައި ޖެހިގަތެވެ. އޭރު އައިޒަކް އިނީ އިރަމްގެ ވާހަކައެއް އަޑު އަހަން ތައްޔާރުވެލައިގެން އިން ކަހަލަ ގޮތަކަށް ބަލަހައްޓައިގެންނެވެ.

"ކިހިނެއްތޯ ވާނީ، ސެލެބްރިޓީންނާ ގުޅޭ ޕްރޮގްރާމްތަކެއް ރާވާލިއްޔާ... އިރަމް އެބައޮތް އިނގޭތޯ އޭގެ ދެތިން ޕްރޮގްރާމެއް ރާވާލާފަ... އަޅުގަނޑަށް ވަރަށް ކަމުދިޔަ އެ އައިޑިއާސްތައް... އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭނެހެން އަޅުގަނޑަށް ހީވަނީ..." އައިޒަކްގެ ވާހަކަ ނިމުމުން ސުހާ ބުންޏެވެ.

އިރަމް މޭޒުގެ ދަށުން ސުހާގެ އަތުގައި ވިކައިގަތެވެ.

"ވަރަށް ރަނގަޅު... ތި ޕްރޮގްރާމްތަކުގެ ތަފްސީލް އަހަރެން ބޭނުން..." އައިޒަކް ޝައުޤުވެރިކަން ފާޅުކުރިއެވެ. "އިތުރު ބައްދަލުވުމެއް ދެން ބާއްވާނީ މިހާރު ރޭވި، ކުރިޔަށް ނުގެންދެވި ހުރި ޕްރޮގްރާމްތަކުގެ ތަފްސީލު ބަލާލާފަ..."

"އެއްޗެއް ބުނެބަލަ..." ސުހާ ސިއްރުން ބުންޏެވެ.

"ބައްދަލުވުން ނިންމާލާފަ، ތަފްސީލްތައް ހިފައިގެން އިރަމް އަހަރެންގެ ކެބިންއަށް އައިސްލާތި..." އައިޒަކް އެދުނެވެ.

އިރަމްގެ ހިތް ތެޅިގަތެވެ. އޭނާ އައިޒަކާއި އެކަނި ބައްދަލުކުރާނީ ކިހިނެއް ހެއްޔެވެ؟ އައިޒަކްގެ ދުރުކަމުގެ ސަބަބުން އޭނާއަށް އައިޒަކްގެ ކުރިމައްޗަށް އަރަން ވަނީ އުނދަގޫ ކަމަކަށެވެ. އައިޒަކް ދާން ހިނގައިގަނެފައި އެނބުރި ގޮސް އިރަމްގެ ކައިރީގައި ހުއްޓުނެވެ.

"ޗުއްޓީ ހަމަޖައްސައިދީފިން..." އައިޒަކް ހުރީ ސީދާ އިރަމްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. "އެކަމަކު ޗުއްޓީއަށް ދިޔުމުގެ ކުރިން، ޕްރޮގްރާމްތަކުގެ މަސައްކަތް ނިންމާލަންވާނެ..."

އިރަމް ބޯ ޖަހައިލުމުން ހިނިތުންވެލާފައި އައިޒަކް ދިޔައީއެވެ.

"ކީއްވެގެންތަ އަނގައިންވެސް ނުބުނެ އިނީ.. ތީ ކުރީގެ އިރޫތަ؟... ނޫނީ އިރޫ ކާލައިގެން އައިސް އިން ހަންޑިގަނޑެއްތަ؟..." ސުހާ ދިމާކުރިއެވެ.

"ހިތަށް އަރާ ތިހެންވާނެނަމައޭ..." އިރަމް ތެދުވެގެން ހިނގައިގަތެވެ. އޮޅިގެން އޭނާއަށް ދެވުނީ، ބައްދަލުވުން ބާއްވާ ހޯލުގެ ތެރެއިން ގޮސް ވަދެވޭ ގުދަނާއި ދިމާއަށެވެ.

"ކޮންތާކަށް؟..." އިރަމްގެ ފަހަތުން ހިނގައިގަންނަމުން ސުހާ ބުންޏެވެ.

ދެވުނީ ނުބައި ދިމާލަކަށް ކަން އެނގުމުން އިރަމް އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ.

"އޮކްސިޖަން ފުޅިއެއް ހޯދަން...." ދެރަވާކަށް އިރަމް ބޭނުމެއް ނުވިއެވެ. "ކަނޑު އަޑިޔަށް ޤަރަޤުވާއިރު، ސަލާމަތްވާނެ އެއްޗެއް ހޯދަންޖެހޭނެއެއްނު..."

ސުހާ އާއި އަނޫފް އެކަކު އަނެކަކަށް ބަލައިލާފައި ކޮނޑު އަރުވައިލިއެވެ.

ފައިލުތައް ހިފައިގެން އިރަމް ގޮސް އައިޒަކްގެ ކެބިން ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރެއިން އައިޒަކް ދޮރު ހުޅުވައިލީ، އިރަމް ތަޅުގައި ހިފައިލި ތަނާއެވެ. އިރަމްގެ މޫނު ގޮސް ޖެހުނީ، އައިޒަކްގެ މޭގައެވެ. ހަޑި އެއްޗެއްގައި ޖެހުމުން ދުރުވާހެން އިރަމް އައިޒަކާއި ދުރަށްޖެހުނެވެ. އޭރުވެސް ދޮރުމަތިން ދުރަށްވެސް ޖެހިނުލައި އައިޒަކް އޭނާ ހުރިތަނުގައި ހުއްޓެވެ. ޖެހިލުންވެ ހުރެ، އިރަމް ކުޑަކޮށް އިސްއުފުލައި އައިޒަކްގެ މޫނަށް ބަލައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު