ބްލެކްބެރީގެ ގިނަ ފޯންތަކުގެ ޚިދުމަތް މެދުކަނޑާލައިފި

ފޮޓޯ: ބްލެކްބެރީ

މަޝްހޫރު ބްލެކްބެރީ ކުންފުނީގެ ގިނަ ފޯނުތަކުގެ ޚިދުމަތްތައް މެދުކަނޑާލައިފިއެވެ.

ބްލެކްބެރީން ވަނީ އެ ކުންފުނީގެ ވިންޓެޖް ފޯނުތަކުގެ އޯއެސްއަށް ދޭ ސަޕޯޓް އޮފްކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންކަމުން އެ ފޯނުތަކުން މީހުންނަށް ގުޅުމުގެ ޚިދުމަތާއި، މެސެޖުކުރުމުގެ ޚިދުމަތް އަދި ވައިފައި ނުވަތަ މޯބައިލް ޑޭޓާ ބޭނުންކުރުމުގެ ޚިދުމަތް ދެން ނުލިބޭނެއެވެ.

ބްލެކްބެރީން ޚިދުމަތް ދިނުން ހުއްޓާލަނީ ބްލެކްބެރީ 7.1 އޯއެސް ނުވަތަ އޭގެ ކުރީގެ އޯއެސް ބޭނުން ކުރާ ފޯނުތަކަށެވެ.

ބްލެކްބެރީ ފޯނުތަކުގެ ތެރެއިން ދެން ޚިދުމަތް ލިބޭނީ 2016 ވަނަ އަހަރުގެ ފަހުން އުފައްދާފައިވާ ފޯނުތަކަށެވެ. އެއީ އެ ފޯނުތަކުގައި ބޭނުން ކުރަނީ އެންޑްރޮއިޑް އޯއެސް ކަމަށްވާތީއެވެ.

ދެހާހާއި 2010 ވަނަ އަހަރުގެ ތެރޭގައި މަޝްހޫރުވި ބްލެކްބެރީ ފޯނަކީ އެދުވަސްވަރުގައި އެންމެ ފެންވަރު ރަނގަޅު އެއް ފޯނެވެ. އެގޮތުން ހައި ސެކިއުރިޓީ އެކުލެވޭ އެ ފޯނު ކޯޕަރޭޓް ޕްރޮފެޝަނަލުންގެ މެދުގައިވެސް ވަރަށް މަޝްހޫރުވިއެވެ.

ބްލެކްބެރީ ފޯނު، އެންމެ މަގުބޫލު ފޯނުތަކުގެ ރޭހުން ބޭރުވީ ސެމްސަންގާއި އެޕަލްގެ ފޯނު ތައާރަފްވެ، މަޝްހޫރުވުމުގެ ސަބަބުންނެވެ. މިހާރު އެ ކުންފުނީގެ ސޭލްސް ވަނީ ކުރިއާ އަޅާ ބަލާއިރު އެތައް ގުނައެއް ދަށްވެފައެވެ.

comment ކޮމެންޓް