ތުރުކީގެ އިންފްލޭޝަން ރޭޓު 36 ޕަސެންޓް މައްޗަށް

ތުރުކީގެ ރައީސް އުރުދުޣާން ވަނީ އެގައުމުގެ ސިފައިން ލީބިޔާއަށް ފޮނުވާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އަންދަލޫ އޭޖެންސީ

ތުރުކީގެ އިންފްލޭޝަން ރޭޓް 36 ޕަސެންޓް އުފުލިއްޖެއެވެ.

މިއީ ފާއިތުވެ ދިޔަ 19 އަހަރުގެ ތެރޭގައި އެ ގައުމުގެ އިންފްލޭޝަން ރޭޓް މި ވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ތުރުކީގެ އިންފްލޭޝަން ރޭޓް މަތިވުމުގެ ސަބަބުން ކާޑުގެ އަގުވެސް ވަނީ އުފުލިފައެވެ. އަދި ދަތުރުފަތުރުގެ އަގުތައްވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ.

އިންފްލޭޝަން މަތިވާ މައިގަނޑު އެއް ސަބަބަކީ ބޭންކުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމެވެ. މީގެ ސަބަބުން ލޯނު ނަގާ މީހުންގެ އަދަދު އިތުރުވެ، ސޭވިންސްގައި ފައިސާ ބަހައްޓާ މީހުންގެ އަދަދު މަދުވާނެއެވެ. އަދި މާކެޓު ތެރޭގައި ދައުރުވާ ފައިސާގެ އަދަދު އިތުރުވެގެންދެއެވެ.

އިންފްލޭޝަން ރޭޓް ކޮންޓްރޯލްކުރުމަށް، އިންޓްރެސްޓް ރޭޓް މަތިކުރުމަށް އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ ދެކޮޅު ހައްދަވާފައެވެ. މީގެ ސަބަބުން އެ ގައުމުގެ ނަގުދު ފައިސާ (ލީރާ)ގެ އަގު ވަނީ ބޮޑުތަނުން ވެއްޓިފައެވެ.

އުރުދުޣާން ވަނީ ކަރަންސީ ސްޓެބިލިޓީއަށްވުރެ ބޮޑަށް އެކްސްޕޯޓް ކުރެއްވުމަށް އަހަމިއްޔަތުކަން ދޭން ނިންމަވާފައެވެ. މިކަމުގެ ސަބަބުން ގިނަ އިގްތިސާދީ މާހިރުންގެ ފާޑުކިޔުންތައް އުރުދުޣާނަށް ވަނީ އަމާޒުވެފައެވެ.

އުރުދުޣާން ވަނީ، އިންޓްރެސްޓަކީ "ހުރިހައި ނުބައެއްގެ މަންމަ އާއި ބައްޕަ" ކަމަށް ބުނެފައެވެ.

"ތުރުކީގެ އިގްތިސާދު ބަދަލުވަމުން އައިސް ދެން ކުރިއަރައިދާނީ އަނެއް ލީގަށް،" އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ އިންޓްރެސްޓް ރޭޓް މަތިކުރަން ގޮވާލައި ގިނަ އިކޮނޮމިސްޓުން ވަނީ އަޑުއުފުލާފައެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ އިގްތިސާދަށް އިތުރަށް ގެއްލުންވާނެކަމަށް އެމީހުން ވަނީ ލަފާކޮށްފައެވެ.

"އިންޓްރެސްޓް ރޭޓުތައް ވަގުތުން ވަގުތަށް މަތިކުރަން ޖެހޭ. މިއީ މިވަގުތަށް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް،" ތުރުކީގެ ކޮންސަލްޓެންސީ އޭޖެންސީއެއްގެ ވެރިއަކު ވިދާޅުވި އެވެ.

ތުރުކީގެ އިންފްލޭޝަން ރޭޓް މައްޗަށް ދިޔަނަމަވެސް އެ ގައުމުގެ އިންޓްރެސްޓް ރޭޓް މަތިކުރުމުގެ ވިސްނުމެއް ސެންޓްރަލް ބޭންކުން ނުގެންގުޅެއެވެ. މިއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ އިންފްލޭޝަން ރޭޓް 50 ޕަސެންޓާ ހަމައަށް އުފުލިގެން ދާނެކަމަށް އިކޮނޮމިސްޓުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް