ހޯމްސްޓޭއަށް ކުއްޔަށް ދެވޭނީ ވަކި ފާހަނާ ހުންނަ 120 އަކަފޫޓުގެ ކޮޓަރި، މީރާގައި ރެޖިސްޓްރީ ކުރަން ޖެހޭނެ

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ހޯމް ސްޓޭގެ ގޮތުގައި ޓޫރިސްޓު ގެސްޓު ހައުސް ހިންގުމުގެ ގަވައިދު، ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.

ހޯމްސްޓޭ ޓޫރިޒަމް ތައާރަފުކުރުމަށް ޓަކައި، އިއްޔެ ވަނީ ޓޫރިސްޓް ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، އައު ގަވައިދު ގެޒެޓުކޮށްފައެވެ.

ގެސްޓުހައުސް ހިންގުމާ ބެހޭ ގަވައިދަށް ގެނެސްފައިވާ އާ އިސްލާހުގެ ދަށުން ހޯމްސްޓޭއަށް ތަންތަން ދޫކުރުމުގެ ހުއްދަ ދޫކުރާނީ ފަސް އަހަރު ކަމަށް ކަނޑައަޅައިފައިވާއިރު، އަދި ޓޫރިޒަމް ގުޑް އެންޑް ސާވިސަސް ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ވާން ޖެހޭނެއެވެ. އަދި ހޯމް ސްޓޭއަށް ހުއްދަ ދިނުމުގެ ކުރިން އެ ވިޔަފާރީގެ ބައިވެރިން ނުވަތަ ބޯޑު ޑިރެކްޓަރުންގެ ކުށުގެ ރެކޯޑަށް ބަލާނެއެވެ.

ކުއްޔަށް ދެވޭ ތަންތަނުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ވެސް ވަނީ މި ގަވައިދުގައި ހިމަނައިފައެވެ. އެގޮތުން ގަވައިދުގައި ބުނެފައިވާ ގޮތުގައި ހޯމްސްޓޭގެ ގޮތުގައި ބޭނުން ކުރާތަނެއްގައި ގިނަ ވެގެން ހުންނަން ޖެހޭނީ ފަސް ކޮޓަރިއެވެ. އެ ކޮޓަރިތަކަކީ ވަކިވަކި ފާހަނާ ހުންނަ، 120 އަކަފޫޓަށް ވުރެ ކުޑަ ނުވާ ކޮޓަރިތަކަކަށް ވާން ޖެހޭނެއެވެ.

ކޮންމެ ކޮޓަރިއަކަށް ވެސް ވަދެވޭނެ ވަކި ދޮރެއް ހުންނަން ޖެހޭއިރު، ކޮޓަރިތައް ހުންނަން ޖެހޭނީ ރަނގަޅަށް ވައި ބޭރުވާ ފަދަ ގޮތަކަށް ކުޑަދޮރު ހަރުކޮށްފައެވެ. އަދި ހުރިހާ ކޮޓަރިއަކަށް ވެސް ގުދުރަތީ އަލި ލިބެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހޯމް ސްޓޭއަށް ކޮންމެ ކޮޓަރިއެއް ވެސް ކަނޑައަޅާނީ ޑަބަލް ރޫމެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކުއްޔަށް ދޫކުރާ ފަރާތުން ބޭނުންވާ ނަމަ އެ ކޮޓަރީގައި އިތުރު އެނދެއް ބަހައްޓައި، ކުޑަކުދިން ބޭތިއްބިދާނެއެވެ.

ހޯމް ސްޓޭ ޓޫރިޒަމް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހު، މ. ދިއްގަރުންނެވެ. ދިއްގަރުގައި ލޯކަލް ޓޫރިޒަމްއަށް ހާއްސަކޮށް 50 ކޮޓަރި ހުންނާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިހާރުގެ ކައުންސިލްގެ ދައުރު ނިމޭއިރު މުޅި ރަށުން 200 އެނދު ހަމަކުރަން ކައުންސިލުން ވަނީ އަމާޒު ހިފައިފައެވެ.

ގެސްޓްހައުސްގެ ވިޔަފާރި މިހާރު މި އޮތް މޮޑަލްގައި ނެތް ފަރާތްތަކަށް ހޯމްސްޓޭ ޓޫރިޒަމްގައި ފުރުސަތު އޮތް ކަމަށް ދިއްގަރު ރައްޔިތުންނަށް އިހުސާސް ކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް