ހަށިގަނޑުގައި ހިނގަނީ ޕީޕީއެމްގެ ލޭ، މި ފިކުރާ ދުރެއް ނުވެވޭނެ: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) --

ހަށިގަނޑުގައި ހިނގަނީ ޕީޕީއެމްގެ ލޭ ކަމަށާއި އެހެންކަމުން އެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ ރޭ ބޭއްވި ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މޮސްޓާ ވިދާޅުވީ ކަން ދިމާކުރި ގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރަން ޖެހުނަސް ޕީޕީއެމް އުފެއްދި ދުވަހުން ފަށައިގެން ވެސް އޭނާއަކީ އެ ޕާޓީން ގެންގުޅޭ ފިކުރަށް ތާއީދުކުރާ، އަދި އެ ޕާޓީގެ މީހެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން ބަޔަކާއެކު މޭޒެއްގެ ކައިރީގައި އިށީނީ ވެސް އެންމެ ފަހަރަކު ކަމަށާއި އެދުވަހު ނިދަން ވެސް އުނދަގޫވި ކަމަށެވެ.

"އެންމެ ދުވަހަކު އެހެން ބަޔަކާއެކު މޭޒެއްގެ ކައިރީގައި އިށީނދެވުނީތީ އެރޭ ނިދަން ވެސް އުނދަގޫވި. މިތާ ދޮރުމަތިން ނުހިނގާ އަޅުގަނޑަށް ކެތެއް ނުވި. މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ހުއްޓަސް، ފެށުނީއްސުރެ، އަޅުގަނޑުގެ ވިސްނުމަކީ ހަމަ މި ވިސްނުން. އެހެންވީމަ މިއާ ދުރަށް ނުދެވިގެން މި އުޅެނީ. ހަމަ ޔަގީނުން ވެސް އަޅުގަނޑުގެ ގައިގައި ހުރީ މި ލޭ،" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ އެހެން ފިކުރަކުން ނުފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް ކައިރި މުސްތަގުބަލެއްގައި އެއަށްވުރެ ގާތުން ޕާޓީ ތެރޭގައި ވެސް މަސައްކަތްކުރާތަން ފެންނާނެ ކަމުގެ ޔަގީންކަން މެމްބަރުންނަށް ދެއްވައި ކަމަށެވެ.

ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން ---

މޮސްޓާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ދިން ދާއިރާއަކީ ނޮޅިވަރަމް ދާއިރާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް އެ ދާއިރާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވަތު ދެއްވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދާއިރާގައި ހިމެނޭ ދެ ރަށުންކުރެ، ކޮންމެވެސް އެއް ރަށަކަށް ވަޑައިގެން އެ ރަށުގައި ބޮޑު ޖަލްސާއެއް ބާއްވައިދިނުމަކީ ރައީސް ޔާމީންގެ ކިބައިން ރައްޔިތުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ދާއިރާއަށް ޔާމީން ވަޑައިގަންނަވައިފި ނަމަ ވަރަށް އުފާވެރި ޚަބަރެއް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ނޮޅިވަރަމް ދާއިރާއަށް ވީހާވެސް އަވަހަކަށް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލު ކުރުން. ދެ ރަށުން ކުރެ ކޮންމެވެސް އެއް ރަށެއްގަ ބޮޑު ޖަލްސާއެއް ބާއްވައި ދެއްވުން. އެ ރަސްމިއްޔާތުގައި އަޅުގަނޑު އުއްމީދު ކުރަން ރައީސް ޔާމީނަށް އުފާވެރި ހަބަރުތަކެއް ލިބިގެންދާނެ ކަމަށް،" މޮސްޓާ ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް އިޝާރާތް ކުރައްވައި މޮސްޓާ ވިދާޅުވީ މިވަގުތު ގައުމަށް ބޭނުންވަނީ ބޮޑު ތިލަދުންމަތިން، މީގެ ކުރީން އުފަންވި ކަހަލަ މުހައްމަދު ތަކުރުފާނަކާއި ހުސެއިން އާދަމެއް ކަމަށެވެ.

މޮސްޓާ ވިދާޅުވީ އެތަނުން އެފަދަ ދަރީންތަކެއް އުފަންކުރާނެ ކަމަށާއި އަދި ހަނިމާދޫން އިންޑިއާ ސިފައިން ބޭރު ކުރުމަށް ޓަކައި ވަޑައިގަންވާއިރު ރައީސް ޔާމީންގެ އަރިހުގައި އޭނާ ވެސް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ތައުރީފް ކުރައްވައި މޮސްޓާ ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ވެރިކަން ކުރެއްވި ހަމައެކަނި ވެރިޔަކީ އެމަނިކުފާނު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ފިޔަވައި ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާ ވެރިކަން ކުރެއްވި ވެރިއަކު އޭނާގެ ހަޔާތުން ވެސް ދެކެފައިނުވާ ކަމަށެވެ.

"އެއީ ކޮމަންވެލްތް ވިޔަސް އެމެރިކާ ވިޔަސް އިނގިރޭސި ވިލާތް ވިޔަސް އަދި އިންޑިއާ ވިޔަސް. އެ އެންމެންގެ ކުރިމަތީގަ ކުޑަކަކޫ ނުޖަހާ ހަމައެކަނި ރައީސަކީ ޔާމީން،" މޮސްޓާ ވިދާޅުވިއެވެ.

ސިޔާސީ ޕޯޑިއަމެއްގައި ހުރެ، ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ވާހަކަ ދައްކަވަން ލިބުނު ފުރަތަމަ ފުރުސަތުކަން ފާހަގަ ކުރައްވައި މޮސްޓާ ވިދާޅުވީ އެއީ އޭނާ ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއް ކަމަށެވެ. އެހެންކަމުން އެ ފަދަ ފުރުސަތެއް ދިން ކަމަށް ޓަކައި މޮސްޓާ ވަނީ ޕާޓީއަށް ޝުކުރު ދަންނަވާފައެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ވެސް މޮސްޓާ ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ މަސައްކަތުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އެމްއެންޕީ އުފެއްދުމާބެހޭ ގޮތުން މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައި ވެސް މޮސްޓާ ވަނީ ބައިވެރިވެފައެވެ.

ނަމަވެސް ޕާޓީ އުފެއްދުމުގެ މަޝްވާރަ ކުރިއަށް ދިޔައިރު، ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތީން ފައިސާ ނުދޭ ކަމަށް ބުނެ، މޮސްޓާ ވަނީ އެ ޕާޓީގެ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެންފައެވެ.

comment ކޮމެންޓް