ސިޔާސީ ދަހިވެތިކަމުގައި އަވަށްޓެރި ގައުމުތަކާމެދު ނަފުރަތު ނުއުފައްދަން އެމްއާރުއެމް އިން ގޮވާލައިފި

ރައީސް މައުމޫން، އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ގައުމުތަކާމެދު ނަފުރަތު އުފައްދައި އެ ގައުމުތަކާއެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް، މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އިން ގޮވައިލައިފިއެވެ.

އެމްއާރުއެމުން މިގޮތަށް ގޮވާލީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސުނާމީ ކާރިސާއާ ގުޅުވައިގެން ދިވެހި ރައްޔިތުން ދެއްކި އަހުވަންތަކަމާއި އެއްބައިވަންތަކަން ފާހަގަކޮށް އެކަމަށް ޓަކައި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ ދުވަހުގެ ނާޒުކު އެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން ދެއްކީ ދުލާއި ގަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

"ސުނާމީ ކާރިސާއަކީ އަވައްޓެރި ގައުމުތަކާއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރަށް ވީއިރު، ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ގައުމުތަކާމެދު ނަފުރަތު އުފައްދައި އެ ގައުމުތަކާއެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވާލަން" ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކި މަތިވެރި ގައުމީ ރޫހުގެ ހަނދާން އާކޮށް، އެއިން އިބްރަތް ލިބިގަންނަންޖެހޭ ކަމަށް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ދުވަހު ދިވެހި ރައްޔިތުން އިސްކޮށްފައިވަނީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަމަށެވެ. އަދި ގައުމަށް ދިމާވާ އެފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެއް ކަމަށެވެ.

އެގޮތުން، ކޮވިޑުގެ ހާލަތުގައިވެސް ސަރުކާރާއެކު ރައްޔިތުން ދައްކުވައިދީފައިވަނީ ގައުމީ އެއްބައިވަންތަ ކަމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ ވެސް އެއްބައިވަންތަކާމާއެކު، ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާއަކީ މާތްﷲ އަހަރެމެންނަށް ކުރިމަތި ކުރެއްވި ވަރުގަދަ އިމްތިހާނެއް ކަމަށެވެ.

އެހެންކަމުން އެ އިމްތިހާނުން ދިވެހީންނަށް ހާސިލްވި އެންމެ މަތިވެރި އިބުރަތަކީ ގައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ކަމަށެވެ. އަދި ގައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތު، އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ އަވައްޓެރި ގައުމުތަކުގެ ރައްޔިތުންނަށާއި ހާއްސަކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިޙުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުސޫލުތަކުގެ ތެރެއިން، އަހުވަންތަކަމާއި އޯގާތެރިކަމާއިއެކު އެ މީހުންނާއިމެދު އަމަލުތައް ބެހެއްޓުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ބަޔާނުގައި ބުނެފައިވަނީ ސުނާމީ ކާރިސާ ފަދަ ކޮންމެ ދަނޑިވަޅެއްގައި، ފަސްޖެހުމެއްނެތި އަވައްޓެރި ގައުމުތަކުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ބަލައިގަނެ، އެ ޕާޓީއިން އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

comment ކޮމެންޓް