އޭސީސީ މެންބަރުން ޖަވާބުދާރީވެއްޖެ، ދެން އޮތީ ގޮތެއް ނިންމުން

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮމިޝަންގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީވެއްޖެއެވެ.

ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި، އޭސީސީ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން ކުރަމުން އަންނައިރު، ކޮމިޓީން މެންބަރުންނަށް ޖަވާބު ދާރީވުމަށް ދިން ފަސް ދުވަހުގެ މުއްދަތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ.

މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރަކު "ސަން"އަށް ވިދާޅުވީ ދީފައިވާ މުއްދަތުގައި ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް ޖަވާބުދާރީވެފައިވާ ކަމަށެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ ތިން މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން މެންބަރުން ވެސް ޖަވާބުދާރީ ވެފައި ވަނީ ވަކިވަކީންނެވެ.

ކޮމިޝަންގެ މެންބަރުން ޖަވާބުދާރީވެފައިވާއިރު، ދެން އޮންނާނީ ކޮމިޓީން ގޮތެއް ނިންމުމެެވެ. މިކަމަށް ޓަކައި މިއަދު ހަވީރު 16:30 އަށް ކޮމިޓީގެ ޖަލްސާއެއް ވަނީ ތާވަލްކޮށްފައެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ނިންމައިފައިވަނީ އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައި ވަނީ އޭސީސީގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ދިހަ ކަމެއް ފާހަގަކޮށްފައެވެ. ރިޕޯޓުން ވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަކަން ފާހަގަކޮށްފައެވެ.

ހަމައެހެންމެ ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަމަށާއި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަށް ނަގައިދީފައިވަނީ 11 ހާސް ރުފިޔާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ. ޝަކީލްގެ ކުރިން، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް