ޝައިޚް ޙަސީނާގެ ދަތުރުފުޅުގެ ރަސްމީ ބައި ނިމިއްޖެ، މިހާރު ހޭދަކުރައްވަނީ ޗުއްޓީ

ޝައިޚް ޙަސީނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރަސްމީބައި ނިމި، ޗުއްޓީ ހޭދަކުރައްވަން ފައްޓަވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތުފުޅަކަށް ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގަތުމަށްފަހު ދަތުރުގެ ރަސްމީބައި ނިންމަވާލައްވައި، މިހާރު އެކަމަނާ ގެންދަވަނީ ޗުއްޓީގެ ދުވަސްތައް ހޭދަ ކުރައްވަމުންނެވެ. އަދި އެނބުރު ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުއެވެ.

ޝައިޚް ޙަސީނާގެ މި ދަތުރުފުޅުގައި ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާނެ ޝިޕިން ލައިނެއް ގާއިމު ކުރުމާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ކުޅިވަރާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިންނަށް އަނެއްކާވެސް އޮން އެރައިވަލް ވިސާ ދޭން ނިންމައިފައިވާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ޝައިޚް ޙަސީނާ މާލެ ވަޑައިގަތުމުން ރަސްމީ ފާލަން ސަރަހައްދުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހުއެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަކަށް ފަހު، ދެ ގައުމުގެ އިސްވެރިން ހިމެނޭ ގޮތަށް ރަސްމީ މަޝްވަރާތައް ވެސް ވަނީ ބާއްވައިފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އިއްޔެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އާ ގުޅޭ ގޮތުން ސޮއި ކުރި އެއްބަސްވުމަކާއި ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހެދި ދެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ހެދި އެއްބަސްވުމެކެވެ.

comment ކޮމެންޓް