ޝައިޚް ޙަސީނާއަށް އިސްތިގުބާލު ކުރާން ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން، ޑރ. ދީދީގެ ފާޑުކިޔުން!

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ރާއްޖެއަށް ކުރައްވައި ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގަތުމުން، އެކަމަނާއަށް އިސްތިގުބާލު ކުރާން އެއާޕޯޓަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުން، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

ދީދީ މިހެން ވިދާޅުވީ ބޮޑުވަޒީރު، ޝައިޚް ޙަސީނާއަށް މަރުހަބާ ދެންނެވުމަށް ޓަކައި ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގަތުން އެކަމަށް ފާޑު ވިދާޅުވެ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރުއަށް އިންތިގުބާލު ކުރެއްވުމަށް ޓަކައި ވަޑައިގަތީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލު އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ކަމާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރެއިން މީހަކު ބުނެފައިވާ ގޮތުގައި އަވަށްޓެރި އިންޑިއާގެ ކައުންސިލަރަކު ރާއްޖެ އަޔަސް، އޭނާއަށް މަރުހަބާ ކިޔުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނޭ ގޮތުން މުޅި ކެބިނެޓް ތިއްބަވާނީ އެއާޕޯޓުގައި ކަމަށެވެ.

އޭނާ ވަނީ ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ތަފާތު ކުރުންތައް ގެންގުޅުން ވަގުތުން ހުއްޓާލަން ވެސް ގޮވާލާފައެވެ.

ދީދީ ވިދާޅުވެފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިޤުބާލަށް، "އިންޓަރނޭޝަނަލް ކާރޓެސީ" ގެ އުސޫލުތަކާ ހިލާފަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން، ހާމަވާ ކަމަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ގާބިލުކަން ސަރުކާރުގައި ނެތުން ކަމަށެވެ.

"ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިޤުބާލަށް، "އިންޓަރނޭޝަނަލް ކާޓެސީ" ގެ އުސޫލުތަކާ ހިލާފަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން، މިއަދުގެ ސަރުކާރަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ގާބިލުކަން ނެތް ސަރުކާރެއްކަން ހާމަވެގެންދޭ،" ދީދީގެ ޓްވީޓުގައި ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައިވަނީ މާދަމާއެވެ.

މި ދަތުރުފުޅުގައި، ބޮޑުވަޒީރު، ޝައިޚް ޙަސީނާ، ރައީސުލްޖުމްހޫރިއްޔާއާއި އަދި ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖައްސާފައިވެއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާބެހޭ މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުން ތަކެއްގައި ސޮއި ކުރާން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދު މަޝްވަރާކުރާ ކަންކަމާގުޅޭ ތަފްސީލުތައް ހާމަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ.

ބަންގްލަދޭޝްއާ ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުން މި އަހަރުގެ ތެރޭގައި މި ދެ ގައުމުގެ ދެމެދުގައި ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއެކު ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.

comment ކޮމެންޓް