އޭސީސީ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އުސޫލުން ބޭރުން އަމަލުކުރާ މައްސަލަ ބަލަނީ

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމުގެ މަރުހަލާތައް ކުރިއަށް ދަނިކޮށް، އުސޫލުން ބޭރުން މެންބަރުން އަމަލު ކުރާ ކަމަށް ބުނެ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި، އޭސީސީ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން ކުރަމުން އަންނައިރު، ކޮމިޓީން ވަނީ މެންބަރުން ޖަވާބުދާރީވުމަށް ފަސް ދުވަސް ދީފައެވެ.

އޭސީސީ މެންބަރުން ޖަވާބުދާރީވުމަށް މުއްދަތެއް ދީފައިވާއިރު، މެންބަރުން އުސޫލުން ބޭރުން އަމަލުކުރަމުން އަންނަ ކަމަށް ބުނެ، މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ތިން މެންބަރަކު ސޮއިކުރައްވައި ވަނީ އެ މައްސަލަ ކޮމިޓީއަށް ހުށަހަޅައިފައެވެ.

މިކަމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ނިންމައިފައިވަނީ އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައި ވަނީ އޭސީސީގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ދިހަ ކަމެއް ފާހަގަކޮށްފައެވެ. ރިޕޯޓުން ވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަކަން ފާހަގަކޮށްފައެވެ.

ހަމައެހެންމެ ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަމަށާއި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަށް ނަގައިދީފައިވަނީ 11 ހާސް ރުފިޔާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ ތިން މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.

ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ. ޝަކީލްގެ ކުރިން، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް