އޭސީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް-- ސަން ފޮޓޯ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 30 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މިއަދު ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

މިއީ މި މަހުގެ ތެރޭގައި އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އޭސީސީގެ މެންބަރުން މަސައްކަތް އަދާކުރާ މިންވަރު ބެލުމަށްފަހު، ކޮމިޓީއަށް ފެންނަ ނަމަ އެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށާފައި ވަނިކޮށް، އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެއީ އަލީ އަޝްރަފް އާއި އިބްރާހިމް ޝަކީލްއެވެ. މިހާރު އޭސީސީގައި ބާކީ ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް