އާލިއާ ބަޓް ކަރަންޓީނުގެ އަދަބާ ޚިލާފުވެއްޖެ!

ބޮލީވުޑުގެ ފަހުގެ ޚަބަރުތަކަށް ބަލާއިރު ޑައިރެކްޓަރ ކަރަން ޖޯހަރުގެ ޕާޓީއަކަށް ދިޔަ ބޮލީވުޑުގެ ބައެއް ތަރިން ވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ.

ޑައިރެކްޓް ކޮންޓެކްޓެއްގެ ސަބަބުންނާއި ކޮވިޑްގެ ބައެއް އަލާމާތްތައް ފެންނަން ހުރުމުން އާލިއާވެސް ވަނީ ހޯމް ކަރަންޓީނަކަށް ގޮސްފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްތަކާއި ގިނަ ބަޔަކު އެއްވެފައި ވުމުން އެންމެންނަށްވެސް އަންގާފައި ވަނީ ކޮވިޑް 19 އަށް ނައްސިވެފައިވީ ނަމަވެސް ދުވަސްކޮޅަކު ހޯމް ކަރަންޓީނުގައި މަޑުކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް އާލިއާ ވަނީ މި އެންގުންތަކާ ޚިލާފުވެ، ކޮވިޑަށް ނައްސި ވުމާއެކު ކަރަންޓީނު ނިމުމަކަށް ގެނެސްފައެވެ. އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުން އާލިއާ މިގޮތަށް ކަންތައް ކޮށްފައިވަނީ އޭނާގެ "ބްރަމާސްޓްރާ" ފިލްމް ޕްރޮމޯޓު ކުރުމަށްޓަކައި އޮތް ފުރުސަތަކަށްޓަކައެވެ.

ހަމަ އެހެންމެ ރިޕޯޓުތައް ބުނާގޮތުން އާލިއާ ވަނީ ފިލްމް ޕްރޮމޯޓުކުރުމުގެ ގޮތުން ދިއްލީގައި ބޭއްވި ސްޓޭޖް ޝޯއެއްގައި ރަންބީރް ކަޕޫރާއި އާޔަން މުކެރްޖީއާއެކު ބައިވެރިވެފައެވެ.

މިކަމާ ގުޅިގެން މުނިސިޕަލް ހެލްތު ކޮމިޓީގެ ޗެއަރ ޕާސަން ރަޖުލް ޕަޓޭލް ބުނެފައިވަނީ ކަރަންޓީންގެ އަދަބާ ޚިލާފުވުމުން ބަލަންޖެހޭ ކަންތައްތައް އިތުރަށް ބެލުމަށްފަހު އާލިއާއާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކަރަން ޖޯހަރުގެ ޕާޓީއަށް ދިޔަ ތަރިންގެ ތެރެއިން ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ ކަރީނާ ކަޕޫރެވެ. އަލާމާތްތަކާއެކު ކޮވިޑަށް ޓެސްޓުކުރުމާއެކު ކަރީނާ ވަނީ ކޮވިޑަށް ފައްސިވެފައިވާކަން މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު