އެސްޓީއޯގެ ކަލަންޑަރުގައި ދިވެހި އަދަބީ ސިފަތަކެއް

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހި އަދަބީ ސިފަތަކެއް އެކުލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ 2022 ވަނަ އަހަރުގެ އެސްޓީއޯ ކަލަންޑަރު އިފްތިތާހު ކޮށްފިއެވެ.

މިއަދު އާޓިފިޝަލް ބީޗުގައި އެސްޓީއޯއިން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން އެ ކަލަންޑަރު އިފްތިތާހު ކޮށްދެއްވީ، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދުއެވެ.

ކަލަންޑަރު އިފްތިތާހު ކޮށްދެއްވުމަށްފަހު އަމްރު ވިދާޅުވީ، އެ ކަލަންޑަރުގެ މަގްސަދަކީ އާންމުންގެ މެދުގައި ދިވެހި އަދަބީބަސް ދިރުވައި، އާލާ ކުރުން ކަމަށެވެ.

"ދިވެހިބަސް އަދި އެހެން ގައުމުތަކުގައި ވެސް ބަސް ބޭނުން ކުރުމުގައި ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް، އެ ބައެއްގެ އަދަބީބަސް ބޭނުން ކުރުމަކީ... އެ ބަހުގެ މާނައިގެ ތެރޭގައި ވަރަށް ބައިވަރު ކަންކަން އެކުލެވިގެންވޭ. ވަރަށް ބައިވަރު ބައެއްގެ، ވަރަށް ގިނަ ތަޖުރިބާތަކެއް އެއީ. މިކަހަލަ ބަސްބަސް ގިނަގިނައިން ބޭނުންކޮށް، އެ ބަސްބަހުގެ މާނައިން އިބުރަތް ހާސިލު ކުރުމަކީ ވަރަށް މުހިންމު ކަމެއް." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ކަލަންޑަރުގެ ކޮންމެ ގަނޑެއްގައި ވެސް ދިވެހި އަދަބީބަހެއް ރަމްޒު ކޮށްދޭ ތަސްވީރަކާއި ސްމާޓްފޯނުގެ ކެމެރާއިން ސްކޭން ކޮށްލެވޭ ކިއުއާރު ކޯޑެއް ވަނީ ހިމަނާފައެވެ.

އެ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އެސްޓީއޯގެ ވެބްސައިޓުގައި ހިމެނޭ، އެ މަހަކަށް ހާއްސަކޮށްފައިވާ ތަސްވީރުގެ ވީޑިއޯއެއް ނުވަތަ "ހިޔާލީ ދުނިޔެއެއް" ހުޅުވެއެވެ. އަދި ވީޑިއޯގެ ތިރީގައި ހިމެނެނީ އެ ތަސްވީރުން ނުވަތަ އެ ވީޑިއޯއިން ދައްކައިދޭ މަންޒަރާ ގުޅޭ ސުވާލެކެވެ.

ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯއެއްގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ވަރަށް އަގުހުރި އިނާމުތަކެއް އެސްޓީއޯއިން ވަނީ ހުށަހަޅާފައެވެ.

ކަލަންޑަރުގައި ދައްކައިދޭ އަދަބީބަސްތައް ހިމެނޭ ގޮތަށް ކުޑަކުދިންނަށް ހާއްސަ ފޮތެއް ވެސް އެސްޓިއޯއިން ވަނީ އުފައްދާފައެވެ. އެ ފޮތް އިފްތިތާހު ކޮށްދެއްވީ ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ފޮތް އިފްތިތާހު ކޮށްދެއްވުމަށްފަހު ޑރ. އަޝްރަފް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން ދިވެހިބަހަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަކީ، ވަރަށް އިންތިޒާރު ކުރެއްވި ކަމެއް ކަމަށެވެ.

ޑރ. އަޝްރަފް ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީއިން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، ދައުލަތުގެ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތަކުން ދިވެހިބަހަށް ދޭން ޖެހޭ ސަމާލުކަން ނުދީފި ނަމަ، ދިވެހިބަސް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުދާނެ ކަމަށެވެ.

"ވަރަށް ހިތާމަޔާއެކު ދަންނަވަން، ބައެއް ކުންފުނިތަކުގައި އަދިވެސް އެތެރޭގެ ލިޔެކިޔުންތައް، އިނގިރޭސިބަހުން މުއާމަލާތް ކުރެވެމުންދާ ކަން. މިއީ ވަރަށް ހެޔޮ ފާލެއް، އެސްޓީއޯއިން ތިޔަ އިސްނެންގެވީ. ކުރިއަށް ތިޔަ އެޅުއްވި ފިޔަވަޅަކީ، ދިވެހި ބަހާ މެދު ކުންފުނިތަކުން ވެސް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމެއް ކަމުގައި އުންމީދު ކުރަން." ޑރ. އަޝްރަފް ވިދާޅުވިއެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯއިން ދިވެހި އަދަބީ ފޮތެއް ތައްޔާރު ކުރުމުން ޑރ. އަޝްރަފް ވަނީ ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އެ ކުންފުންޏަށް މަރުހަބާ ދަންނަވާފައެވެ. އަދި މިފަދަ ކަންކަމުގައި ވެދެވެން ހުރި ހުރިހާ އެހީއެއް އެކެޑަމީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

އެސްޓީއޯ ފަދަ ކުންފުންޏަކުން އެކެޑަމީއާ ގުޅިގެން މަސައްކަތް ކުރުމަކީ ދިވެހި އަދަބީބަސް، ކުރިއަށްވުރެ ރަނގަޅު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

comment ކޮމެންޓް