ލޮލަށް ވަޅިއެއް ހެރި ފެނުން ގެއްލިދާނެކަމުގެ ބިރުހީވެ، އެހީއަށް ބޭނުންވެފައި!

ލައިޝާންގެ ލޮލަށް ވަޅި ހެރި ފެނުން ގެއްލިދާނެކަމުގެ ބިރު އޮތީ ހީވެފައި -- ފޮޓޯ/ އާއިލާ

ތ. ތިމަރަފުށީގައި ކުޑަކުއްޖެއްގެ ލޮލަށް ވަޅިއެއް ހެރި، ލޮލުގެ ފެނުން ގެއްލިދާނެކަމުގެ ބިރު އޮތީ ހީވެފައެވެ.

އިއްޔެ މެންދުރު ހިނގި މި ހާދިސާގައި ވަޅި ހެރިފައިވަނީ އުމުރުން ހަތަރު އަހަރުގެ އިބްރާހިމް ލައިޝާން މުހައްމަދުގެ ވާއަތު ލޮލަށެވެ.

ލައިޝާންގެ ބައްޕަ، މުހައްމަދު އިމާދުއާއި އޭނާގެ އާއިލާ ދިރިއުޅޭ ގޭގެ މައި ދޮރުގެ ތަޅު ހަލާކުވީތާ ވާނީ އަދި ދެ ދުވަހެވެ. ތަޅު ތެރެއަށް ފުރަތަމަ ތަޅުދަނޑި ވަނީ ބިނދިފައެވެ. އެހެންކަމުން ތަޅު ހުޅުވަން ޖެހެނީ އެއްޗަކުން މަތާލައިގެންނެވެ.

ސުކޫލުގެ ދަންފަޅި ނިމުނު ވަގުތު އިއްޔެ ލައިޝާން ބަލައި ދިޔައީ ވެސް އިމާދުއެވެ. ދަރިފުޅު ގެއަށް ލައިފައި، މަންމަ އެބަ އާދެޔޭ ބުނުމަށްފަހު އިމާދު ސައިކަލުގައި ނައްޓާލީއެވެ. އޭރު ލައިޝާންގެ މަންމަ ގެ ހުންނަ މަގުން ހިނގައިފައި އާދެއެވެ.

މާ ދުރަށް އިމާދުއަށް ނުދެވެނީސް އަންހެނުން އޭނާއަށް ގުޅިއެވެ. އަދި ލައިޝާންގެ ލޮލަށް ވަޅިއެއް ހެރުނީ ކަމަށް ބުންޏެވެ.

"އަސްލު ވެފައިން ގޮތަކީ މީނަ [ލައިޝާން] އެތަނުން ކުޑަ ވަޅިއެއް ބޭނުންކޮށްގެން ހުޅުވަން ވެގެން މަތާލަން އުޅެނިކޮށް ނައްޓައިގެން އައިސް ކަޅީގައި އެ ޖެހުނީ. އަޅުގަނޑުމެން ވެސް ހުޅުވާތަން ފެންނާތީ ކަންނޭނގެ އޭނަ ހުޅުވަން އެ އުޅުނީ ވެސް،" އިމާދު ކިޔައިދިނެވެ.

ވަޅި ލޮލަށް ހެރުނު ވަގުތު ލައިޝާންގެ ލޮލުން ވަރަށް ގިނަ ލޭ އައެވެ. ވަގުތުން ލައިޝާން ގޮވައިގެން އިމާދުގެ ދެމަފިރިން ދިޔައީ އެ އަތޮޅު ވޭމަންޑުއަށެވެ. ވޭމަންޑޫން ޓެސްޓު ކުރުމަށްފަހު ލަފާ ދިނީ މާލެއަށް ވީ އެންމެ އަވަހަކަށް ގެނައުމަށެވެ.

ރޭ އިރާކޮޅު ލައިޝާން ގޮވައިގެން އެ ދެމަފިރިން މާލެ އައެވެ. އަދި އައިޖީއެމްއެޗަށް ދައްކައި ގިނަ ޓެސްޓުތަކެއް ހެދުމަށްފަހު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

"ހޭ ނައްތައިގެން ބެލިއިރު ކަޅު ކަޅި މެދުން އިނީ ވަޅި ހެރިފައި. ދެ ފަޅި ވެފައި އިނީ. އެހެންވެ މިކޮޅުން ފެހީ. މިކޮޅުން ބުނީ ލޯ ރިކަވާ ވެގެން އިތުރަށް ބެލުނީމައޭ އެނގޭނީ ފެންނާނެކަން ނޫނީ ނުފެންނާނެކަން ވެސް،" އިމާދު ބުންޏެވެ.

ލައިޝާން މިހާރު އޮތީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑުގައެވެ. ޑޮކްޓަރުން ލަފާދެނީ ލައިޝާން ގޮވައިގެން އަވަހަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށެވެ. ނޫން ނަމަ ލައިޝާންގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައި ޑޮކްޓަރުން ބުނެއެވެ.

ކުޑަ ހިނދުކޮޅެއްގައި ހިނގި ހާދިސާއެއްގެ ސަބަބުން ތުއްތު ލައިޝާންގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ. ރާއްޖެއިން ބޭރަށް ދިއުމަށް އާއިލާއިން ބޭނުންވަނީ އާއްމުންގެ އެހީތެރިކަމެކެވެ.

އާއިލާއާ ގުޅޭނެ ނަންބަރު: 7380188 (މުހައްމަދު އިމާދު، ކުއްޖާގެ ބައްޕަ)

އެކައުންޓު ނަންބަރު: 7701157481101

އައިމިނަތު ލިއުޝާނާ (ކުއްޖާގެ މަންމަ)

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް