އުރީދޫގެ އޭއާރު ކަލަންޑަރުން މިފަހަރު ދައްކުވައިދެނީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް!

މަގޭ ރާއްޖެ- އުރީދޫ ކަލަންޑަރު 2022-- ސަން ފޮޓޯ/ ނާއިލް ހުސައިން

އުރީދޫއަކީ ކޮންމެ އަހަރަކު ވެސް ތަފާތު ގޮތަކަށް ކަލަންޑަރު ތައްޔާރު ކުރާ ކުންފުންޏެކެވެ. ރާއްޖޭގައި އޯގްމެންޓަޑް ރިއަލިޓީ (އޭއާރު) ބޭނުން ކުރެވޭ ފަދަ ސިފަތަކަކާއެކު ކަލަންޑަރެއް ތައްޔާރު ކުރި ފުރަތަމަ ކުންފުންޏަކީ ވެސް އުރީދޫއެވެ. އެއީ މި ހިނގާ 2021 ވަނަ އަހަރުގެ ކަލަންޑަރެވެ. މި ފެށޭ 2022 ވަނަ އަހަރަށް އެ ކުންފުނިން ތައްޔާރުކޮށް، މިއަދު އިފްތިތާހު ކުރި "މަގޭ ރާއްޖެ- އުރީދޫ ކަލަންޑަރު"ގައި ވެސް އޯގްމެންޓަޑް ރިއަލިޓީ ހިމެނެއެވެ. ނަމަވެސް ފެންނާނީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކެވެ.

އެ ކަލަންޑަރުގައި އަހަރުގެ ކޮންމެ މަހަކު ވެސް ކަނޑުއަޑީގެ ތަފާތު ދިރުމެއް، އޭއާރު މެދުވެރިކޮށް ތަޖުރިބާ ކޮށްލެވޭނެއެވެ. ސްނެޕްޗެޓް މެދުވެރިކޮށް ކަލަންޑަރުގެ ސަފުހާތަކުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އޭއާރުން ދައްކުވައިދޭ އެ މަންޒަރުތައް، ކޮންމެ ތަނެއްގައި ހުރެ ވެސް ބަލައިލެވޭނެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އުރީދޫގެ ސީއީއޯ ނަޖީބް ހާން މަގޭ ރާއްޖެ- އުރީދޫ ކަލަންޑަރު 2022 އިފްތިތާހު ކޮށްދެއްވަނީ-- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ ކަލަންޑަރު އިފްތިތާހު ކޮށްދެއްވައި، އޭއާރު މަންޒަރުތައް ތަޖުރިބާ ކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ މިއީ އާދައިގެ ކަލަންޑަރެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ކަލަންޑަރު ފެނޭ. އެކަމަކު މިއަދު މި ފެނުނީ އާދަޔާހިލާފު ކަލަންޑަރެއް. ކަލަންޑަރު ހުޅުވާލާފައި ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދެން މި ދަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ތަފާތު މަންޒަރުތަކުގެ ތެރެއަށް." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިއީ އުރީދޫގެ ކަލަންޑަރެއްގައި އޭއާރު ޓެކްނޮލޮޖީ ހިމެނި ފުރަތަމަ ފަހަރަށް ނުވި ނަމަވެސް، އައު ކަލަންޑަރުގައި އިތުރު ކަމެއް ވެސް ހިމެނެއެވެ. އެއީ "އޮރިގާމީ" ނުވަތަ ކަރުދާސް އެކި ގޮތްގޮތަށް ފަތްޖަހައިގެން އެކި އެއްޗެހި ފަރުމާ ކުރުމުގެ އާޓެވެ.

މި ކަލަންޑަރުގައި ކަރުދާސް ފަތްޖަހައިގެން ކަނޑުއަޑީގެ ތަފާތު 12 ވައްތަރެއްގެ ދިރުން ފަރުމާ ކުރާނެ ގޮތް ކިޔައިދީފައިވެއެވެ. އެކަމަށް ބޭނުންވާ ކަރުދާސް ވެސް ކަލަންޑަރުގައި ހިމަނާފައިވެއެވެ. އޮރިގާމީއިން އެ ތަކެތި ތައްޔާރު ކުރާނެ ގޮތް ކިޔައިދީފައިވަނީ ވީޑިއޯ މެދުވެރިކޮށެވެ. އެކަމަށް ވަކިން ހާއްސަކޮށް ކަނޑައަޅާފައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން، އެ ވީޑިއޯ ބަލައިލެވޭނެއެވެ.

ކަލަންޑަރު އިފްތިތާހު ކުރި ހަފްލާގައި މިނިސްޓަރު މައުސޫމް ވަނީ އޮރިގާމީ ވޭލް ޝާކެއް ފަރުމާ ކުރައްވާފައެވެ.

އޭއާރު މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ބަލައިލުމުގެ އިތުރުން، އެ ދިރުންތަކާ ބެހޭ މައުލޫމާތު އަދި އެ ތަކެއްޗަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ކިޔާ ނަން ވެސް ކަލަންޑަރުގެ ސަފުހާތަކުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް އުރީދޫއިން ފަރުމާކުރި ކަލަންޑަރު އަމާޒުކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލަށެވެ.

comment ކޮމެންޓް