ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ވިދިވިދިގެން ދެވަނަ ފަހަރަށް ރާއްޖެއިން ހޯދައިފި

ލީޑިން ވޯޓާ ވިލާ ރިސޯޓުގެ މަގާމު ހޯދި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ-- ފޮޓޯ: މޯލްޑިވްސް ފިނެސްޓް

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

މިއީ ރާއްޖެއަށް މި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވެސް މި އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ.

މި އެވޯޑް ރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ. ރާއްޖެއާ ވާދަކުރި އެހެން މަންޒިލްތަކުގެ ތެރޭގައި ދުބާއީ، ގްރީސް، ސްޕެއިން، އިންޑޮނީޝިއާ އަދި ދެކުނު އެފްރިކާ ފަދަ މަގުބޫލް މަންޒިލްތައް ހިމެނެއެވެ.

ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑާއެކު އިތުރު އެވޯޑުތަކެއް ވެސް ފަތުރުވެރިންނަށް ހިދުމަތް ދޭ ރާއްޖޭގެ ގިނަ ތަންތަނުން ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • ލީޑިން ވޯޓާ ވިލާ ރިސޯޓު: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލެ އައިލެންޑް ހޮޓެލް
  • ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
  • ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް: ވައްކަރު މޯލްޑިވްސް
  • ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް: ބަރޮސް މޯލްޑިވްސް
  • ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް: އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ލީޑިން އަންޑަވޯޓާ ހޮޓެލް ރެސްޓޯރެންޓް: ސީ އެޓް އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް

މީގެ އިތުރުން ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓާގެ އެވޯޑު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ވަނީ ކާމިޔާބުކޮށްފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ވަނަ އަހަރުގައެވެ. އެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ.

އެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ ފަތުރުވެރިކަމުގެ އޮސްކާގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ.

comment ކޮމެންޓް