އޭސީސީގެ ބޮޑެތި މައްސަލަތަކެއް، މެންބަރުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ފަށަން ފެނިއްޖެނަމަ މަޖިލީހުގެ ރިޔާސަތަށް ފުރަތަމަ ފޮނުވަން ޖެހެއެވެ. އެއަށްފަހު އެ މަސައްކަތް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާނު ކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ކޮމިޓީން ހުށަހަޅައިފައިވާ ކޮމިޓީ ރިޕޯޓު އިއްވައިފައެވެ. އަދި މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައި ވަނީ އޭސީސީގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ދިހަ ކަމެއް ފާހަގަކޮށްފައެވެ. ރިޕޯޓުން ވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަކަން ފާހަގަކޮށްފައެވެ.

ހަމައެހެންމެ ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަމަށާއި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަށް ނަގައިދީފައިވަނީ 11 ހާސް ރުރިޔާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ ފަދަ ބޮޑެތި ހިޔާނާތްތަކުގެ މައްސަލަތައް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ގިނަ މައްސަލަތައް ނިންމަން ކޮމިޝަނުން ބުނި ތާރީހުތަކަށް ނިންމައިފައިވާ ނުވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން، އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ފަހު، އަނެއްކާ ވެސް އެ ކަމާ މެދު ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ތަޅުމަށް ފޮނުވާނެއެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ ތިން މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.

ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލް ވަނީ އިއްޔެ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ. ޝަކީލްގެ ކުރިން، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް