ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް: ޓީމު އިވެންޓުގެ ފައިނަލުން އީގަލްސް އާއި ކަސްޓަމްސް ޖާގަ ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގެ ޖާގައެެއް ހޯދި ކަސްޓަމްސް -- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުން ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ޖާގަ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކަށްފަހުއެވެ.

ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބު ނުކުތީ ވަރުގަދަ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. އެ މެޗުން 3-1 ގޭމުން މޮޅުވެ, ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އީގަލްސް އިންނެވެ.

ރޭ ވަނީ ނޮކްއައުޓް މެޗެއް ވެސް ކުޅެފައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ދެވަނަ މެޗުން ޖާގައެއް ލިބޭ އިރު, ބަލިވާ ޓީމެއް މުބާރާތާ އަލްވަދާއު ކިޔަން ޖެހެއެވެ. ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް, 3-2 ގޭމުން އެ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ހޯދީ ކަސްޓަމްސްއެވެ.

ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ސިފައިންނާއި ނޮކްއައުޓް މެޗުން މޮޅުވި ކަސްޓަމްސްއެވެ. އެ މެޗުން 3-1 ގޭމުން މޮޅުވެ, ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ ކަސްޓަމްސްއެވެ.

ޓީމު އިވެންޓުގެ ފައިނަލުގައި އީގަލްސް އާއި ކަސްޓަމްސް ބައްދަލުކުރާނީ މާދަމާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15 ގައެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް