ދަރިފުޅުގެ ބޮޑުބައެއް ފިހި، އެދެނީ އާއްމުންގެ ދީލަތި އެހީއަކަށް!

އައިރީންގެ ބޭސް ފަރުވާއަށް އާއިލާއިން އެދެނީ އާއްމުންގެ ދީލަތި އެހީއަކަށް -- ފޮޓޯ/ އާއިލާ

މުހައްމަދު ވަހީދާއި އައިޝަތު ޝުރުފާގެ ދިރިއުޅުމަށް އުފާވެރިކަން ގެނުވީ މީގެ އެއް އަހަރާއި ހަތަރު މަސް ކުރިން، އެ ދެމަފިިރިންނަށް އެއްމާބަނޑު ދެ ކުދީން ލިބުމުންނެވެ. އެ ދެ ކުދީންގެ ތެރެއިން އައިރީން މުޙައްމަދު ވަހީދަކީ ދޮށީ ދަރިފުޅެވެ. އެ ދެމަފިރިންގެ ދެން ހުންނަނީ ހަތް އަހަރުގެ އަންހެން ދަރިއެކެވެ.

ނިމިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ޝުރުފާ ރޯގާޖެހިފައި ހުރުމުން، ދިވެހިންގެ އާދަކާދައިގެ މަތީން އާވިއަރުވަން އޭނާ ހޫނުފެން ކެއްކިއެވެ. އެއަށްފަހު، ފަސް ލީޓަރުގެ ހަމަކަށް ފެންއަޅައިފައި މޭޒުމަތީގައި ބަހައްޓައިފައި ހުރިއިރު، އޭގެ ތެރެއަށް ކޯރާޑި ތެޔޮ ވެސް ހުރީ އަޅައިފައެެވެ.

އެ ފެން ހަން މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝުރުފާ އުނދުން ކައިރިއަށް ޖެހިލީ، އުނދުން ޖައްސައިފައި ހުރުމުން، ނިއްވާލުމަށެވެ.

އެ ތަންވަޅު، އެ ދެމަފިރިންގެ ހަތް އަހަރުގެ ދަރިފުޅު، "މަންމަ އަރުވާ ގޮތަށް އާވި އަރުވަން" އެ ފެން ހަމާ ގާތްވެލިއެވެ. އެ ގާތްވެލި ވަގުތު ފެންއެތި ބަންޑުންވީ އޭނާގެ ކޮއްކޮ އައިރީންގެ ގަޔަށެވެ.

ދަރިފުޅުގެ ހަޅޭކުގެ އަޑަށް، މުހައްމަދު ވަހީދު އަވަސްކޮށްލައިގެން ފާހަނާއިން ނުކުމެ، ދަރިފުޅު ނަގައިގަނެގެން ސައިކަލަށް ލައިގެން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް ދަރިފުޅު ފިޓުޖެހުނީއެވެ. ފިޓުޖެހި ރަނގަޅުވި އިރު ދަރިފުޅު ވަރަށް ގަދަޔަށް ހުން އަންނަން ފެށީއެވެ. ހުން މައިތިރިނުވެގެން ދަރިފުޅުގޮވައިގެން އިތުރު ފަރުވާއަށް ބަދަލުވީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ޓްރީޓޮޕްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ވެސް ހުން މައިތިރި ނުވެގެން ދަަރިފުޅު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ބަދަލުކުރުމަށް ޓްރީޓޮޕުން ލަފާދިނެވެ.

އެ ލަފާގެ މަތިން އައިޖީއެމްއެޗަށް އަށް ބަދަލުވެ ނުވަ ދުވަސްވީއިރު ވެސް ދަރިފުޅުގެ ހުމަކަށް ބަދަލެއް ނައެވެ.

"ކުޑަކުދިންގެ އެކި ޑޮކްޓަރުން އައިސް ނުވަ ދުވަސް ތެރޭގައި ބަލައި، ބޭސްތައް ވެސް ބަދަލު ކުރި އިރުގައި ވެސް ކުއްޖާގެ ހުން ދަށެއްނުވި" އައިރީންގެ ބައްޕަ "ސަން"އަށް ކިޔައިދިނެވެ.

އެ ހިސާބުން، ހޮސްޕިޓަލުން ލަފާދިނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެއްކަމަށްވާ ރެއިންބޯ ހޮސްޕިޓަލަށް ވީ އެންމެ އަވަހަށް ދިޔުމަށެވެ. ނަމަވެސް އެ އާއިލާގައި، އެވަރުގެ ބޮޑު ހަރަދެއް ކުރުމަށް މާލީ ގޮތުން ގާބިލުކަމެއް މިވަގުތު ނެތެވެ.

ތުއްތު އައިރީންގެ ހާލު ގޯސްވުމާއެކު އެ ދެމަފިރިންނަށް ލިބިފައިވާ ހިތްދަތިކަން ބޮޑެވެ. އެ ދެމަފިރިންގެ ވަށައިގެން މިހާރު ވަނީ ކަންބޮޑުވުމާއި ހާސްވުމެވެ. އެހެންކަމުން، އެ ދެމަފިރިން މިއަދު އެދެނީ އާއްމުންގެ ދީލަތި އެހީއަކަށެވެ.

އެހީތެރިކަން ފޮރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ފޮނުވާނެ ނަންބަރާއި އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު

އައިޝަތު ޝުރުފާ (އައިރިންގެ މަންމަ): 7589392

އެކަންޓު ނަން: އައިޝަތު ޝުރުފާ

އެކައުންޓު ނަންބަރު: 7730000037388

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް