އަމިއްލަޔަށް ފުންމައިލި ހަލާކުގެ ވަޅުގަނޑުން ސަލާމަތް ވުން

ޒުވާނުންގެ އާބާދީގެ ބޮޑު ބައެއް ނުރައްކައުތެރި މަސްތު ވާ ތަކެތީގެ އަވައިގައި ޖެހިފައެވެ. ޢުމުރުން ފަނަރަ އަހަރާއި ސަތާރަ އަހަރާ ދެމެދުގެ ޅަކުދީންގެ 85 އިންސައްތަ ޒިނޭ ކުރާ ކަމަށް ދިރާސާތަކުން އެބަ ދައްކައެވެ. ޒުވާނުންގެ އެތައް ބަޔަކު އަނިޔާވެރި ގޭންގުތަކުގެ މެންބަރުންނަށް ވެއްޖެއެވެ. އެ ގޭންގުތަކުން ގެންދަނީ އެއްވެސް ރަޙުމެއް ނެތި، އިންސާނީ ލެޔަށް އެއްވެސް ޙުރުމަތެއް ނެތި، އިންސާނާ ހެއްދެވި ކީރިތިވަންތަ ﷲ ގެ ޖަލާލަތާއި މަތިވެރިކަމާ މެދު އެއްވެސް ޖެހިލުމެއް ބިރެއް ނެތި، ރޯމާ ދުވާލު، މީހުން ކަތިލަމުން މަރަމުންނެވެ. އަނބީންނާއި ފިރީންގެ ގުޅުމަކީ އެއްވެސް ޙުރުމަތެއް، މާނައެއް ނެތް ގުޅުމަކަށް ވެއްޖެއެވެ. މައިންބަފައިންނާއި ދަރީންނާ ދެމެދު އޮންނާން ޖެހޭ ގުޅުމަކީ ފުލޯކު ޚިޔާލެއް ފަދަ އެއްޗަކަށް ވެއްޖެއެވެ. ވިޔަފާރިވެރީން ވިޔަފާރީގައި މަކަރު ހަދަނީއެވެ. މުއައްޒަފުން މަސައްކަތުގައި މަކަރު ހަދަނީއެވެ. ޤައުމުގެ ވަސީލަތްތަކުން އުފެއްދޭ އާމުދަނީގެ ތެރެއިން ރައްޔިތުންނަށް ލިބެނީ އެއް ޕަސެންޓެވެ. ޤައުމުގެ ލީޑަރުންނަކީ، ޤައުމުގެ ތާރީޚާއި، ޤައުމުގެ ދީނާއި، ޤައުމުގެ ރައްޔިތުންނާ މެދު ކުޑަވެސް ލޯތްބެއް ނެތި، ވެރިކަމުގެ ބާރަކީ އަމިއްލަ ބޭންކު އެކައުންޓްތަކާއި އަމިއްލަ ތިޖޫރީތައް ފުރައިލާން ބޭނުން ކުރާ ވަސީލަތަކަށް ހަދައިގެން އުޅޭ ބަޔަކަށް ވެއްޖެއެވެ. ވެރީން ރައްޔިތުންނަށް، ރައްޔިތުން ވެރީންނަށް ދޮގު ހަދަނީއެވެ. ދުނިޔޭގައި ފެތުރުނު ކޮންމެ ބާޠިލު ވިސްނުމެއްގައި އަޅުގަނޑުމެންގެ އަދުގެ ޖީލުތަކުގެ އެތައް ސަތޭކަ ޒުވާނުންނެއް ދަނީ، މަކުނު ވާގަނޑެއްގައި މެހިތަކެއް ހައްޔަރު ވާ ފަދައިން، ހައްޔަރު ވަމުން ހަފުސް ވަމުންނެވެ. ފެމިނިޒަމަށް ވިޔަސް، ލިބަރަލިޒަމަށް ވިޔަސް، އެތެއިޒަމަށް ވިޔަސް، އެލްޖީބީޓީކިޔު ޕްލަސް ތަހުރީކު ކަމަށް ވިޔަސް، އަދި އެހެން ނަމެއް ކިޔަސް ވެހެވެ.

ހިތާމަޔާ އެކު ދަންނަވާން ޖެހެނީ، މުޖުތަމަޢުތައް އެ އަސާސްތަކެއްގެ މަތީގައި ބާއްޖަވެރިކަމަށް ވާޞިލު ވާ އެއްވެސް އަސާސެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނެތް ކަމުގައެވެ. އާދެ، ހެޔޮ ބުއްދި އާއި، ހެޔޮ ޟަމީރާއި، އިލާހީ ހިދާޔަތުގެ އަލިކަން އަޅުގަނޑުމެންގެ ތެރޭގައި ވަނީ، ބައެއް މީހުންގެ ހިތްތަކުގައި ވާ ކަނި ހުޅުކޮޅުތަކަކަށް ވެފައެވެ. ޤައުމީ އަދި އިޖުތިމާޢީ ކަންކަމުން މި އަސާސްތައް ވަނީ މުޅީންހެން ބޭރު ކޮށްލެވިފައެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެން ދަންނާން ޖެހޭ ކަމަކީ، މި ނުބައިތަކާއި ބާޠިލްތަކުން އަޅުގަނޑުމެންގެ ޤައުމު އަވަސް ގޮތެއްގައި ސަލާމަތް ނުކުރެވިއްޖެއްޔާ، ދިވެހި ޤައުމުގެ އެއްވެސް ކުރިމަގެއް ނެތްކަމެވެ. އާދޭހެވެ! އިސް ވެދެންނެވި ކަންކަން ހުރި އެއްވެސް މުޖުތަމަޢެއް ދެމިގެން ނުދާކަމާއި، އެ މުޖުތަމަޢެއް ވަނީ އަޅުވެތިކަން ނުވަތަ އެހެން ކޮންމެވެސް ބަރުބާދީއެއްގެ އަނދިރިކަމުގެ ތެރެޔަށް އާޚިރުގައި ވެއްޓިގެން ގޮސްފައިކަމީ، ދުނިޔޭގެ ތާރީޚު ދައްކާ ޙަޤީޤަތެވެ.

ދެން އަޅުގަނޑުމެން ބަލާން ޖެހެނީ، މި ހިސާބަށް ދިވެހި ޤައުމު ދިޔަ ސަބަބަކީ ކޮބައިތޯއެވެ. އާދެ، ކޮންމެ މައްސަލައެއްގެ ވެސް ޙައްލަކީ، އެ މައްސަލައެއްގެ އަޞްލު ދެނެގަތުން ކަމަށް ވާތީއެވެ. ބައްޔަކަށް ބޭސް ކުރެވެނީ އެ ބަލީގެ އަޞްލާއި ގޮތްބާވަތް ދެނެގަނެގެން ކަމަށް ވާ ފަދައިންނެވެ. އެގޮތުން، މިއަދު އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ ޒުވާން ޖީލުތައް ވެއްޓިފައި ވާ ބަދުޙާލަތަށް އަޅުގަނޑުމެން ދިޔަ ސަބަބުތަކުގެ މައްޗަށް ބަލައިލުމުން، އެތައް ކަމެއް ފާހަގަ ކުރެވެއެވެ. ޝައްކެއް ނެތެވެ. އޭގެ ތެރެއިން އެންމެ މައިގަނޑު ސަބަބަކީ، އަޅުގަނޑުމެންނަކީ މާތް ވެގެން ވާ އިސްލާމް ދީނުގެ އަހުލުވެރީން ކަމަށް ވުމާ އެކުގައިމެ، އެ ދީނުގެ ފުރިހަމަ ޢަޤީދާ އާއި، ފިކުރީ ތަޢުލީމާތާއި، މަތިވެރި އަޚްލާޤީ ނިޒާމާއި، ރޫޙާނީ ނޫރުގެ އަލިކަން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހިތާ ހަމަޔަށް ވާޞިލު ކުރުމަށް އަޅުގަނޑުމެން ނުކުޅެދުނު ނުކުޅެދުމެވެ. މި ކަންކަން ހެޔޮ ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮތް ނަމަ، އަދި ހުރިހައި މާނައެއްގައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިސްލާމް ދީން "އިންސްޓިޓިޔުޝަނަލައިޒް" ވެފައި އޮތް ނަމަ، އަޅުގަނޑުމެންނާ ހަމަޔަށް އަންނަ ނުބައި ނުފޫޒުތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޖުމުލަ ގޮތެއްގައި އޮތީހީ ސަލާމަތް ވެފައެވެ. މަދު ބަޔަކު ކެވި އަރައިގެން ދިޔަޔަސް، މުޅި މުޖުތަމަޢު އޮތީހީ ހެޔޮކަމުގެ މަގުގައި ސާބިތުކަމާ އެކުކަން ކަށަވަރެވެ. ހެޔޮ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީން އޮތް ނަމަ، އަޅުގަނޑުމެންނަކީ ހެޔޮ ބުއްދީގެ އަހުލުވެރީން ކަމުގައި ވީހެވެ. ޢިލްމާއި ފިކުރުގެ އަހުލުވެރީން ކަމަށް ވީހެވެ. ރިވެތި އަޚްލާޤާއި ހަރުދަނާ ގޮތްތަކުގެ ވެރި ބަޔަކު ކަމުގައި ވީހެވެ. ނަމަވެސް އަޅުގަނޑުމެން އިސްލާމް ދީނުގެ މި ދަންނަވާ ޙިމާޔަތުން މަޙުރޫމު ވެފައި ތިބުމުގެ ނަތީޖާ އަކީ، އަޅުގަނޑުމެންނާ ހަމަޔަށް އެ ނުފޫޒެއް ފޯރި ކޮންމެ ނުބައި ނުފޫޒެއްގައި އަޅުގަނޑުމެން ޖެހުމެވެ. އެއީ ބާޠިލު ފަލްސަފާތައް ކަމަށް ވިޔަސް، މާއްދިއްޔަތަށް އަޅުކަން ކުރުމުގެ ނުބައި ސަގާފަތް ކަމަށް ވިޔަސް، އިސްތިޢުމާރީ އެކިއެކި ނުފޫޒުތައް ކަމަށް ވިޔަސް ވެހެވެ.

މިއަދު އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ވެސް ބިނާ ކުރެވިފައި އޮތީ، މި ދަންނަވާ ބާޠިލުތައް އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް އެއްވެސް ހުރަހެއް ނާޅާ އެއްޗެއްގެ ގޮތުގައެވެ. އަޅުގަނޑުމެންގެ މީޑިއާ އަކީ، އެ ބާޠިލުތަކުގެ ސަވާރީއެއް ކަމަށް ވެއްޖެއެވެ. އަޅުގަނޑުމެންގެ ވެރީންނަކީ އެ ބާޠިލުތަކުގެ ޝިޢާރުތައް އުފުލާ ބަޔަކަށް ވެއްޖެއެވެ.

އަޅުގަނޑުމެންގެ ޤައުމު މި ހިސާބަށް ދިޔައީ، އަޅުގަނޑުމެން އަމިއްލަ އަތްތަކުން ކުރި ކަންތައްތަކުގެ ސަބަބުންނެވެ. ކީރިތި ޤުރްއާނުގެ މޫރިތި އާޔަތެއްގައި، ބިންމަތީގައި ފަސާދަ ފެތުރިގެން ދިޔައީ އެ ބިމުގެ އަހުލުވެރީންގެ އަތްތަކުން ކުރި ކަންތައްތަކުގެ ސަބަބުންނޭ އަންގަވައިފައި އޮންނަ ބަސްފުޅާ، އަޅުގަނޑުމެންގެ ޙާލަތާ ވަރަށް ރަނގަޅަށް ގުޅުވައިލެވިދާނެއެވެ.

އެންމެ މިސާލަކުން، އަޅުގަނޑު މި ދަންނަވާ އެއްޗެއް ސާފު ކޮށްއެރުވޭތޯ މަސައްކަތް ކޮށްލާނަމެވެ. 1990 އިން ފެށުނު ދަހަރައިގެ މެދުތެރޭގައި، ދިވެހި ސަރުކާރުގެ ރަސްމީ ޓީވީ ކަމަށް ވާ ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމްތައް ބެއްލެވި ބެއިފުޅުން ކުރެ ގިނަ ބެއިފުޅުން ހަމަ ގައިމު ވެސް ހަނދުމަފުޅު ހުންނާނޭ ފަދައިން، އެއިރު ޓީވީއެމުން "ފްރެންޑްސް" ކިޔާ ޓީވީ ޑްރާމާ ސިލްސިލާއެއް ގެނެސްދިނެވެ. މި ސިލްސިލާ އަކީ އެމެރިކާގައި 1994 ވަނަ އަހަރުން ފެށިގެން ތައްޔާރު ކޮށް ދައްކަމުން އައި "ސިޓްކޮމް" ސިލްސިލާއެކެވެ. މި ސިލްސިލާގައި ދައްކައިދެނީ އެކުގައި އުޅޭ ޒުވާން ރައްޓެހީންތަކެއްގެ ދިރިއުޅުމެވެ. އެ ދިރިއުޅުމަކީ އެއްވެސް ރޫޙާނިއްޔަތެއް ނެތް ދިރިއުޅުމެކެވެ. އަޅުގަނޑުމެން މުސްލިމުން ޤަބޫލު ކުރާ އަޚްލާޤިއްޔާތުގެ އަސާސްތަކާ މުޅީން އަރައިރުން ވާ ދިރިއުޅުމެކެވެ. އެ ދިރިއުޅުމަކީ ކޮންމެ ދުވަހަކު ވެސް، ފައިސާ ހޯދުމަށް ޓަކައި ވަޒީފާ އަދާ ކުރުމަށް ފަހު، ދެން އޮންނަ ވަގުތުތައް ކައިވެންޏަކާ ނުލައި ޖިންސީ ގުޅުންތައް ހިންގާނޭ ބައިވެރީން ހޯދުމާއި، އެ މީހުންނާ އެކު އެކި ބާވަތްބާވަތު ފާޙިޝް ޢަމަލުތަކުން މަޖާ ނެގުމުގެ ދިރިއުޅުމެކެވެ. މި ސިލްސިލާ ބެއްލެވި ބެއިފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މި ސިލްސިލާގައި ޕޯރނޯގްރަފީ "ނޯރމަލައިޒް" ކުރެވެއެވެ. ސިލްސިލާގެ ވާހަކައިގެ އެންމެ މުހިއްމު އެއް ބަޔަކީ، އެއް ޖިންސުގެ ދެ މީހެއްގެ "ލޯތްބާއި ކައިވަންޏެވެ." ޚުދު އަޅުގަނޑަކީ ވެސް، ނުވަރަފުރައިގެ ޒުވާނެއްގެ ގޮތުގައި އެ ސިލްސިލާ ބެލި މީހަކީމެވެ. އެއިރުގެ ޖީލުތަކުގެ ކުދީން ބޮޑެތި ވަމުން އައީ އެ ބަލައިގެންނެވެ. އެހެންކަމުން، އެއް ޖިންސުން ގުޅުން ހިންގުމުގެ ބިރުވެރި ވަބާ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފުރަތަމަ ކުރީ ދިވެހި ސަރުކާރުން، ސަރުކާރުގެ ރަސްމީ ޓީވީ ޗެނަލުން ކަމަށް ނުބުނެވޭނޭތޯއެވެ؟ "ފްރެންޑްސް" ސިލްސިލާ ދިވެހި ޒުވާނުންނަށް ތަޢާރަފު ކޮށްދިން އިރު، މި ކުރެވެނީ ކީއް ކަމާއި، މީގެ ނަތީޖާ ނުކުންނާނީ ކިހިނެއްތޯ، ޓީވީއެމާއި، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރީން ވިސްނެވިތޯއެވެ؟

މި ދެންނެވި ފަދަ ކިތަންމެ މިސާލެއް ދެއްކިދާނެއެވެ. އެ މިސާލުތަކުން ސާބިތު ވާނޭ ކަމަކީ، އަޅުގަނޑުމެންގެ ތެރެއަށް އިސްލާމް ދީނާ ބީރައްޓެހި، ދީނާ އަރައިރުން ވާ، އަދި ބާޠިލް އެތައް ކަންތައްތަކެއް ތަޢާރަފު ކުރެވިގެން އައީ އަޅުގަނޑުމެންގެ ކަންކަން "އިޞްލާޙުގެ މަގުން ހިންގުމުގެ" ޒިންމާއާ ޙަވާލު ވެގެން ތިބި މީހުންކަމެވެ.

ދެން އޮތީ، މިހާރު އަޅުގަނޑުމެން މިތިބި ބަދުޙާލަތުން ސަލާމަތް ވެވޭނޭ ގޮތުގެ ސުވާލެވެ. ޝައްކެއް ނެތް ގޮތުގައި، އެ ގޮތަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ހެޔޮ ޢަޤީދާ އާއި، ފިކުރީ ތަޢުލީމާތާއި، ޤުރްއާނީ މަންހަޖާއި، އިސްލާމީ ރިވެތި އަޚްލާޤާއި، އިސްލާމީ ޢިބާދާތާއި ރޫޙާނިއްޔަތާއި، އިސްލާމީ ޝަރީޢަތުގެ މަގަށް ޤައުމު ދިޔުމެވެ. އެއާއެކު، ހުޅަނގުގެ "ރޮމްކޮމް" އާޓާއި، ހުޅަނގުގެ އަދަބިއްޔާތާއި، ހުޅަނގުގެ ފިލްމުތަކާއި މިޔުޒިކާއި، ދެންވެސް ހުޅަނގުގެ ސަގާފަތުގެ ހުރިހައި ބަހާތަކެއްގެ ނުފޫޒުން އަޅުގަނޑުމެންގެ ދަރީން ސަލާމަތް ކުރުމެވެ. ހުޅަނގުގެ ކާޓޫނުތަކާއި ވީޑިއޯ ގޭމުތަކުން ކުދީން ސަލާމަތް ކުރުމެވެ. ތަޢުލީމީ ނިޒާމާއި، މީޑިއާ އިސްލަމައިޒް ކުރުމެވެ. ސިޔާސީ ނިޒާމު އިސްލަމައިޒް ކުރުމެވެ. މުޅި މުޖުތަމަޢު އިސްލާމް ދީނުގެ ތަރަހައިގެ މައްޗަށް ގެނައުމެވެ. މި ނޫން ގޮތަކަށް، އަޅުގަނޑުމެންގެ ޤައުމަކަށް އެއްވެސް ކަހަލަ ހެޔޮ މުސްތަޤުބަލެއް ނެތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް