އަގުއޭރޯ ރިޓަޔާކުރުމާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމަނީ

ސާޖިއޯ އަގުއޭރޯ

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއޭރޯ ވަނީ ހިތުގެ މައްސަލައަކާ ގުޅިގެން ފަރުވާ ހޯދުމަށްޓަކައި އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ބާސެލޯނާއަށް ކުޅުން މެދުކަނޑާލައިފައެވެ.

އަގުއޭރޯގެ ފުޓުބޯޅައިގެ މުސްތަގުބަލާ ގުޅޭގޮތުން މާދަމާގެ ވަގުތެއްގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާއަށް ބަދަލުވި އާޖެންޓީނާގެ ސްޓްރައިކަރު ސާޖިއޯ އަގުއެރޯއަށް ސީޒަން ފެށުމުގެ ކުރިން ވަނީ އަނިޔާވެފައެވެ.

އަގުއޭރޯގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް ދެން ފުޓުބޯޅަ ނުކުޅެވޭނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދާދި ފަހުން ބާސާއާ ހަވާލުވި ހެޑް ކޯޗް، ޒަވީ ހެނާންޑޭޒް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

"އަހަރެން އޭނާއާ [އަގުއޭރޯ] އާ ވާހަކަ ދައްކައިފިން. އޭނާ ހުރީ ޕޮޒިޓިވް ވިސްނުމެއްގައި. ރަނގަޅުވުމާ އެކު ޓީމާ ގުޅޭނެ ކަމަށް ބުނި. ދައުރު މިވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް،" ޒަވީ ބުންޏެވެ.

ބާސާއިން މިދިޔަ މަހު އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭވަޔަށް އުނދަގޫވެ އަގުއޭރޯ ދަނޑުން ވަނީ ބާލައިފައެވެ. އަދި ދަނޑުން ބާލައިގެން އޭނާ ގެންދިޔައީ ސީދާ ހޮސްޕިޓަލަށެވެ.

ބައެއް ޓެސްޓްތައް ފުރިހަމަ ކުރުމުން އަގުއޭރޯގެ ހިތުގެ މައްސަލައެއް ހުރިކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ބާސާއިން އޭރު ބުނެފައި ވަނީ ދެމަސް ދުވަހަށް އަގުއޭރޯ ދަނޑުމަތިން ނުފެންނާނެ ކަމަށެވެ.

ބާސާގެ އޮފިޝަލް އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެކުލަބުގެ ރައީސް ޖޯން ލަޕޯޓާއާއެކު އަގުއޭރޯ މާދަމާގެ ވަގުތެއްގައި ޕްރެސް ކޮންފަރެންސެއް ބާއްވައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކާނެކަމަށެވެ.

ސިޓީ ދޫކޮށް އަގުއެރޯ ބާސެލޯނާއަށް ބަދަލުވީ އޭނާގެ އާޖެންޓީނާގެ ޓީމް މޭޓް މެސީއާއެކު ކުލަބު ލެވެލްގައި ކުޅުމަށް ކަމަށް އޭނާ ކުރިން ބުނި ނަމަވެސް އެ ހުވަފެން ހަގީގަތަކަށްވާ ގޮތް ނުވީ މެސީ ބާސެލޯނާގައި މަޑު ނުކުރުމުންނެވެ.

އެ ހަބަރާ އެކު އަގުއެރޯ ބާސާ ދޫކޮށްލަން ބޭނުންވާ ކަމުގެ ވާހަކަތައް ދައުރުވާން ފެށުމުން އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

އަގުއޭރޯ 33، ވަނީ ކްލަބު ކެރިއަރުގައި ބާސާ އަށް ކުޅުމުގެ ކުރިން އިންޑިޕެންޑިއެންޓޭ އާއި އެތުލެޓިކޯ މެޑްރިގެ އިތުރުން މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައެވެ. އެ ކްލަބުތަކަށް ޖުމްލަ 386 ގޯލު އަގުއޭރޯ ޖަހައިދީފައިވާ އިރު، ގައުމީ ޓީމަށްވެސް އޭނާ ވަނީ 101 މެޗު ކުޅެދީ 41 ގޯލު ޖަހައިދީފައެވެ. އަގުއޭރޯ އަކީ މިއަހަރު އާޖެންޓީނާއަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ޓީމުގެ ކުޅުންތެރިއެކެވެ.

comment ކޮމެންޓް