ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް: ބީޖީން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގައި ބީޖީ ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގައި ބީޖީ ސްޕޯޓްސް ކްލަބުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޓީމު އިވެންޓުގައި ރޭ ކުޅުނު މެޗުގައި ބީޖީން ވަނީ ކްލަބު މާޒިޔާ އަތުން 3-2 ގޭމުން މޮޅުވެފައެވެ.

އެ މެޗުގައި ބީޖީން މޮޅުވެފައިވަނީ ޑަބަލްސް ދެ މެޗަކާއި ސިންގަލްސް މެޗަކުންނެވެ. އަދި މާޒިޔާ މޮޅުވެފައިވަނީ ސިންގަލްސް މެޗަކާއި ޑަބަލްސް މެޗަކުންނެވެ.

ރޭގެ މެޗަކީ މާޒިޔާގެ ފުރަތަމަ މެޗެވެ. ބީޖީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަސްޓަމްސް އަތުން ވަނީ ބަލިވެފައެވެ. އެ މެޗުން ބީޖީ ބަލިވީ 3-2 ގޭމުންނެވެ.

ޓީމު އިވެންޓުގެ ތާވަލުގެ އެންމެ ކުރީގައި އޮތީ ކްލަބު އީގަލްސްއެވެ. މުބާރާތުގައި މިހާތަނަށް އީގަލްސް އިން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ރޭ ކުޅުނު މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަތުން މޮޅުވި އިރު, މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި އީގަލްސް ވަނީ ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްފައެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް