ބަނޑުގައި ރިހުން އުފެދިދާނެ ބައެއް ސަބަބުތައް!

ދުވަހުގެ ވަކި ހިސާބަކުން ބަނޑަށް ތަދުވުމާއި ބަނޑަށް އުނދަގޫވުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެކި އުމުރުގެ މީހުންނާއި ދެ ޖިންސުގެ މީހުންނަށް މި އުނދަގޫކަމާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް ތަދުވާ އަސްލީ ސަބަބުތައް ދެނެގަތުމަކީ އުނދަގޫ ކަމަކަށްވެއެވެ. ނަމަވެސް ފެންނަން ހުރި އަލާމާތްތަކުން ބަނޑަށް ތަދުވާ ސަބަބު ބައެއް ފަހަރު ދެނެގަނެވިދާނެއެވެ.

ބަނޑުގައި ގޭސް އުފެދުމަކީ ބަނޑުގައި ރިއްސުމަށް ދިމާވާ އެންމެ އާންމު ސަބަބެވެ. މިކަމާ ކުރިމަތި ނުލާ ތިބީ މަދު ބައެކެވެ. ބަނޑުގައި ގޭސް އުފެދޭ ސަބަބުތައް ބައިވަރެވެ. ހާއްސަކޮށް ތަފާތު ވައްތަރުގެ ޖޫހާއި އެފަދަ ރަހަތައް އެކުލެވޭ ދިޔާ ތަކެއްޗަކީ ވަރަށް އަވަހަށް ބަނޑުގައި ގޭސް އުފައްދާ އެއްޗެކެވެ. ބަނޑުގައި ގޭސް އުފެދުމުން ބަނޑަށް ތަދުވުމުގެ އިތުރުން އާދައިގެ ވަރަކަށް ބަނޑު ފުފި, ތަދުވުން އިތުރުވެއެވެ.

ބަނޑުގައި އުފެދޭ ވައިރަހެއްގެ ސަބަބުންވެސް ބަނޑުގައި ރިހުން އުފެދިދާނެއެވެ. މިގޮތަށް ގިނަފަހަރު ދިމާވަނީ ގޮހޮރުގައި އިންފެކްޝަން އުފެދުމުންނެވެ. އިންފެކްޝަން އުފެދިއްޖެނަމަ އެނބުރުމާއި މޭނުބައިކުރުމާއި ހޮޑުލެވުމަކީ ދިމާވެދާނެ ކަންކަމެވެ. މި ބާވަތުގެ އިންފެކްޝަނަކީ ބައެއްފަހަރު ގައިން ގަޔަށް އަރައި ބައްޔެކެވެ. ނަމަވެސް އަނެއްބައިފަހަރު އިންފެކްޝަން އުފެދެނީ ކެވޭ ކާނާގެ ސަބަބުންނެވެ.

ކާ ތަކެއްޗަށް ވިހަވުމަކީވެސް ބަނޑަށް ތަދުވުމަށް މަގުފަހިވާ ކަމެކެވެ. އާންމުކޮށް މިގޮތަށް ދިމާވަނީ ކާތަކެތީގައި ހިމެނޭ ބެކްޓީރިއާއެއް ނުވަތަ ވައިރަހެއްގެ ސަބަބުންނެވެ. މިގޮތަށް ދިމާވެއްޖެނަމަ މޭނުބައިކޮށް ހޮޑުލެވުމާއި ބޯ އެނބުރުމުގެ އުނދަގޫ ކުރިމަތިވެދާނެއެވެ. މިއީ އޭގެ އަމިއްލަ ޒާތުގައި ރަނގަޅުވާ ކަމެކެވެ. ނަމަވެސް ހޮޑުލާއިރު ނުވަތަ ބޮޑުކަމުދިޔުމުގައި ލޭ ފެނިއްޖެނަމަ ޑޮކްޓަރެެއްގެ ލަފާ ހޯދުން މުހިންމެވެ.

ބަނޑުގައި ރިހުން އުފެދިދާނެ އަނެއް ސަބަބަކީ ފާހާނާކުރުމުގެ މައްސަލަ ދިމާވުމެވެ. ބަނޑު ހިކި ފާހާނާ ނުކުރެވޭ ނަމަވެސް ބަނޑަށް ތަދުވެދާނެއެވެ. އަދި މާބޮޑަށް ބަނޑު ދިޔާވެ ގިނައިން ފާހާނާ ކުރެވޭ ނަމަވެސް ކަން ހިނގަނީ އެއްފަދައަކުންނެވެ. ނަމަވެސް ބަނޑު ހަރުވުމާއި ދިޔާވުމުގެ އަސްލު ދެނެގަންނަން އުނދަގޫ ވާނެއެވެ. ބައެއްފަހަރު ކެވޭ ބޭހަކުން ނުވަތަ ކެވޭ ކާނާއިން އެގޮތަށް ދިމާވެއެވެ. އަދި މިނޫނަސް ހަށިގަނދުގެ ހޯމޯންއަށް އަންނަ ބަދަލުތަކުންނާއި ސްޓްރެސްގެ ސަބަބުންވެސް އެ މައްސަލަ ދިމާވެއެވެ.

ހާނިއާގެ މައްސަލަ ދިމާވެއްޖެ ނަމަވެސް ބަނޑުގައި ރިހުން އުފެދި ވޭން އަޅާނެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް ހާނިއާގެ މައްސަލަަ ކުރިމަތިވާއިރު ހާނިއާގެ ސަބަބުން ބަނޑުގައި ވޭން އަޅާނީ ގޮހޮރުން ބައެއް ދުޅަވެ ބަނޑުގެ ބޭރުން ފުއްޕުމުންނެވެ. މިކަން ރަނގަޅު ކުރެވޭނީ ކަމަށް އެކަށޭނަ ސާޖަރީއެއްގެ އެހީތެރި ކަމާއެކުއެވެ. ސާޖަރީއަށް ފަހުވެސް ދުވަސްކޮޅަކު ބަނޑުގެ ރިހުން ނުފިލައި ހުރެއެވެ.


މަސްދަރު: ހެލްތްލައިން.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު