މެސީ ރޭގެ މެޗުގައި ޖެހި 758 ވަނަ ގޯލާއެކު ޕެލޭގެ ރެކޯޑު މުގުރާލައިފި

ލިއޮނެލް މެސީ 758 ވަނަ ކެރިއާ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ކުލަބް ބުރޫޖް ބައްދަލު ކުރި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ޖެހި 758 ވަނަ ގޯލާއެކު ފުޓުބޯޅައިގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މުގުރާލައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި އެތައް ރެކޯޑެއް ހަދާފައިވާ ޕެލޭ ތިން ފަހަރަށް ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް ޖުމުލަ 77 ގޯލު ފުޓުބޯޅައިގެ މައިދާނުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ.

ބްރެޒިލްގެ ފޯވާޑު ޕެލޭ 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ފުޓުބޯޅައިގެ ކެރިއާ ނިންމާލިއިރު އޭނާ ވަނީ ޖުމުލަ 757 ގޯލު ޖަހާ ދެވަނަ އަށް އެންމެ ގިނަ ކެރިއާ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. ޕެލޭ ހެދި ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ ޕޯޗުގަލްގެ އެންމެ އިތުބާރު ހިފޭ ފޯވާޑް ކްރިސްޓިއާނޯ ރޮނަލްޑޯއެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ޕެލޭ ހަދާފައިވާ ރެކޯޑް މުގުރާލީ މެޗުގެ 68 ވަނަ މިނެޓުގައި މެސީއަށް ކުރި ފައުލާ ގުޅިގެން ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ އަކުން އާޖެންޓީނާގެ މެސީއެވެ.

އެމެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އޭރިއާ ބޭރުން ކުލަބް ބުރޫޖްގެ ކުޅުންތެރިއެއް ކައިރިން ނެއްޓުމަށްފަހު ފޮނުވާލި ބޯޅައާއެކު އޭނާ ވަނީ ޕެލޭ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި އެތައް ރެކޯޑެއް ހަދާފައިވާ ޕެލޭ ތިން ފަހަރަށް ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް ޖުމުލަ 77 ގޯލު ފުޓުބޯޅައިގެ މައިދާނުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ.

ހަމައެހެންމެ ފަސް ފަހަރަށް ގޯލްޑަން ބޫޓު ހޯދި މެސީ ވަނީ އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާގައި އާޖެންޓީނާއަށް ތަށި ކާމިޔާބުކޮށްދީ ދެކުނު އެމެރިކާގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޕެލޭގެ ރެކޯޑް 79 ގޯލާއެކު މުގުރާލައިފައެވެ.

ބެލަންޑޯ އެވޯޑް ދިން ހަފްލާއެއްގައި ބްރެޒިލްގެ ލެޖެންޑް ޕެލޭއާއެކު ލިއޮނެލް މެސީ

ރޭ ކުޅުނު މެޗުގައި މެސީ ދެ ގޯލު ޖެހިއިރު އެމެޗު ޕީއެސްޖީ ކާމިޔާބު ކުރީ 1-4 ގެ ނަތީޖާ އަކުން ކްލަބް ބުރޫޖްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އުމުރުން 22 އަހަރާއި 352 ދުވަސް ވެފައިވާ އެމްބާޕޭ ވަނީ ޖެހި ދެ ގޯލާއެކު ޗެމްޕިއަންސް ލީގުގައި 30 ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ މެސީގެ ރެކޯޑް މުގުރާލައިފައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނު މެސީ ޕެލޭ ހަދާފައިވާ ދެ ރެކޯޑެއް މުގުރާލިއިރު ދާދި ފަހުން އޭނާ ވަނީ ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑު ހަތް ފަހަރަށް ކާމިޔާބު ކޮށް ރެކޯޑު ހަދާފައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި އެންމެ ގިނަ ކެރިއާ ގޯލު ޖަހާފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ރޮނަލްޑޯ ވަނީ ދާދި ފަހުން އާސެނަލްއާ ބައްދަލު ކުރި މެޗުގައި 801 ވަނަ ކެރިއާ ގޯލު ޖަހައި ރެކޯޑް ދަމަހައްޓާފައެވެ. އެ މެޗުގައި ރޮނަލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ކާމިޔާބުކޮށްފައެވެ.

ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެކުޅުންތެރިން ކަމަށްވާ މެސީ އަދި ރޮނަލްޑޯ އަންނަނީ ދުނިޔޭގެ ފުޓުބޯޅައިގައި އެތައް ރެކޯޑެއް ހަދައި ތަފާތު ދައްކަމުންނެވެ.

comment ކޮމެންޓް