ފަހުރުވެރި ކާމިޔާބީއާއެކު އީޝަލް ރާއްޖެ އައުމުން ހޫނު މަރުހަބާއެއް!

ޕެރަ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ މޮޅު ރާއްޖެއަށް ހޯދައިދިން ހައްވާ އީޝަލް ރިޔާޒް މިއަދު ރާއްޖެ އައުމުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން މަރުހަބާ ކިޔުމުގެ ތެރެއިން-- ފޮޓޯ / ޔޫތު މިނިސްޓްރީ

ޕެރަ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ މޮޅު ރާއްޖެއަށް ހޯދައިދިން ހައްވާ އީޝަލް ރިޔާޒް މިއަދު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބަހްރޭނުގައި ކުރިއަށް ގެންދިޔަ އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ބަންގްލަދޭޝްގެ ޝޯރމީ މޮޒުމްދާ ބަލިކޮށް ޕެރަ މުބާރާތެއްގެ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމުގެ ޝަރަފު އީޝަލް ވަނީ ހޯދާފައެވެ.

އީޝަލް ރާއްޖެ އައުމާއެކު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ވަނީ އީޝަލް އަށް ހޫނު މަރުހަބާއެއް ކިޔައި އޭނާ ހޯދައިދިން ޝަރަފުވެރި ކާމިޔާބީއަށް ތައުރީފު ކޮށްފައެވެ.

ރާއްޖެއަށް ފުރަތަމަ މޮޅު ޕެރަ ބެޑްމިންޓަން މުބާރާތުން ހޯދައިދީ ތާރީހުގެ ތެރެއަށްވަދެ އެ މެޗުގެ ސެޓުތައް އީޝަލް ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 21-18 އިން އީޝަލް ކާމިޔާބުކުރި އިރު، ދެވަނަ ސެޓުން އޭނާ ކުރި ހޯދީ 21-13 އިންނެވެ.

ޕެރަ ބެޑްމިންޓަން ސިންގަލްސް އިވެންޓުގައި ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވި އީޝަލް ހަތަރު މެޗު ކުޅެފައިވާއިރު ޗައިނީސް ޓައިޕޭއާއި އިންޑިއާ ފަދަ ގައުމުތަކުގެ ކުޅުންތެރިންނާ ދެކޮޅަށް އޭނާ ވަނީ ވަރަށް ހިތްވަރުކޮށްފައެވެ.

ރާއްޖެއިން ޕެރަ ގޭމްސްއަށް ދިޔަ އެންމެ ހަގު އެތުލީޓަށް އީޝަލް ވާއިރު، ރާއްޖޭގެ އަންހެން ޕެރަ އެތުލީޓަކު ބައިނަލްއަގުވާމީ މައިދާނުގައި ބެޑްމިންޓަން އިވެންޓަކުން ފެނުނު ފުރަތަމަ ފަހަރަކީ ވެސް މިއީއެވެ. މި ފުރުސަތަކީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ހޯދި ފުރުސަތެކެވެ.

ތާޖުއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އީޝަލްއަކީ ބެޑްމިންޓަންގެ ކުރިން ހޭންޑްބޯލްވެސް ކުޅުނު ކުއްޖެކެވެ. ދެ އަހަރު ދުވަސްވަންދެން ހޭންޑް ބޯލް ކުޅުމަށްފަހު، ބެޑްމިންޓަންގެ ތެރެއަށް ވަނީ 2019ވަނަ އަހަރު، ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ޝަޓަރ ޓައިމްގައި ބައިވެރިވެގެންނެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސް އެންމެ ފަހުން 2017 ވަނަ އަހަރު ބާއްވާފައި ވަނީ ދުބާއީގައެވެ. އެފަހަރުގެ ގޭމްސްގައި 30 ގައުމަކުން 800 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވި އިރު، 43 ރަން މެޑައްޔާއެކު އެއްވަނަ ހޯދީ ޖަޕާނުންނެވެ. ޖަޕާނުން އެފަހަރުގެ ގޭމްސްގައި ޖުމުލަ 98 މެޑަލް ވަނީ ހޯދައިފައެވެ. ދެވަނަ ހޯދި ޗައިނާއިން ޖުމުލަ 39 މެޑަލް ހޯދި އިރު، އެ ގައުމުން ވަނީ 27 ރަން މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް