ވައިކަރަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ޓީޗަރަކަށް ސީރިއަސް އަނިޔާތަކެއް

ވައިކަރަދޫގައި އަލިފާނުގެ ހާދިސާ ހިނގި ގެ -- ފޮޓޯ/ އާމިނަތު ޒީނިޔާ

ހދ. ވައިކަރަދޫ ގެއެއްގައި ގޭސް ލީކުވެ، އަލިފާނުގެ ހާދިސާއެއް ހިނގައި، ޓީޗަރަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެެއެވެ.

މި ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރެވެ.

ހާދިސާއާ ގުޅޭ މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު "ސަން"އަށް ވިދާޅުވީ މި ހާދިސާގައި ގެއަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް ޓީޗަރަށް ލިބުނު އަނިޔާތައް ސީރިއަސްކަމަށެވެ.

އެގޮތުން ޓީޗަރުގެ މޫނާ ދެ އަތް ވަރަށް ބޮޑަށް ފިހިފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެއީ މި ރަށު ސްކޫލުގައި އިނގިރޭސި ކިޔަވައިދޭ ފިރިހެން ޓީޗަރެއް. އިންޑިއާ ޓީޗަރެއް އެއީ،" ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ގޭސް ލީކުވެފައި ހުރުމުން އެ ޓީޗަރު އެކަން ރަނގަޅު ކުރުމަށް އުޅުމުގެ ތެރޭގައެެވެ. އެގޮތުން އެ ޓީޗަރަށް އޮޅުމެއްގެ ތެރޭގައި އުނދުން ރޯކުރެވި ބިންމަތީގައި ލީކުވެފައި ހުރި ގޭހުގައި ހުޅުހިފީކަމަށް ޒަމީރު ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވި ޓީޗަރަށް މިހާރު އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

comment ކޮމެންޓް