ޗެލްސީގެ ޒިޔެޗު އަލުން އަޔެކްސްއަށް ދާން ބޭނުންވެފައި

ޗެލްސީގެ ވިންގަކަށް ކުޅެމުން އަންނަ މޮރޮކޯގެ ހަކީމް ޒިޔެޗް --- ފޮޓޯ/ގެޓީ އިމޭޖެސް

އިނގިރޭސިވިލާތުގެ ޗެލްސީގެ ވިންގަކަށް ކުޅެމުން އަންނަ މޮރޮކޯގެ ހަކީމް ޒިޔެޗް އަލުން އަނބުރާ ކުރީގެ ކުލަބް، އަޔެކްސްއަށް ދާން ބޭނުންވާކަން ހާމަކޮށްފިއެވެ.

އަޔެކްސްއާ އެކު ހޯދި ބޮޑެތި ކާމިޔާބީތަކަށްފަހު ޔޫރޮޕުގެ ބޮޑެތި ކުލަބުތަކެއްގެ ގަދަ ހިފުމުން ކުރި ހޯދައި، ޗެލްސީން ޒިޔެޗުގެ ސޮއި ހޯދީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޗެލްސީއަށް ޒިޔެޗު ގެނައީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 48 މިލިއަން ޑޮލަރަށެވެ.

އެހެން ނަމަވެސް ޗެލްސީއާ އެކު ޒިޔެޗް ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި އޭނާއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ފޯމު ކެޓުމާއި، އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލި، ޗެލްސީގެ ގިނަ މެޗުތަކުގައި ޒިޔެޗް ފެންނަނީ ބެންޗުންނެވެ. އަޔެކްސްގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާ ކުއްލިއަކަށް، ބެންޗުން ފެންނަން ފެށުމުން މީޑިއާގެ ފާޑުކިޔުންތަކެއް ވެސް މިފަހުން އޭނާއަށް ވަނީ ކުރިމަތިވެފައެވެ.

ޒިޔެޗް 28، އަށް ޗެލްސީގައި ދިމާވެފައިވާ ހާލަތުގެ ސަބަބުން އޭނާގެ ހިތްހަމަ ނުޖެހުން މީގެ ކުރިން ވެސް ފާޅުކޮށްފައިވާ އިރު، އަންނަ މަހުގެ ޓްރާންސްފާ މާކެޓުގައި ޒިޔެޗް ކުލަބު ދޫކޮށްލާނެ ކަމުގެ "ޔޯލަ" ވާހަކަތަކެއް ވަނީ ފެތުރެން ފަށައިފައެވެ. އަދި އެހެންމެ ކުރިން ކުޅުނު އަޔެކްސްއަށް ދާން ބޭނުންވާކަން ޙުދު ޒިޔެޗް ވެސް ވަނީ މިފަހުން ޒިއްގޯ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

"އަހަރެން އަޔެކްސްއަށް ދާން ބޭނުންވާކަން އެއީ ސިއްރުކަމެއް ނޫން. އަބަދުވެސް އަމިއްލަ ހޯމް ފީލް ވަނީ އެކުލަބުގައި. އެކަމަކު އަނބުރާ ދިއުން އެއީ އަހަރެންގެ އަތްމަތީގައި އޮތް ކަމެއް ނޫން. އެކަން އަހަރެންނަށް ކުރެވޭނެ ނަމަ އެކަން ކުރާނަން،" ޒިޔެޗް ބުންޏެވެ.

ޒިޔެޗް ޗެލްސީއާ އެކު ހަދާފައިފާ އެއްބަސްވުން ހަމަވާން އޮތީ 2025 ވަނަ އަހަރުއެވެ. އޭގެ ކުރިން ކުލަބު ބަދަލުކުރަން ބޭނުންވާ ނަމަ ޗެލްސީއަށް ބޮޑު ޙަރަދެއް ދައްކަން ޖެހޭނެއެވެ. ނޫނީ ދެން އޮތް ގޮތަކީ ލޯން އެއްބަސްވުމެއްގެ ދަށުން ކުލަބު ބަދަލު ކުރުމެވެ.

"މުސްތަގުބަލުގައި ކަން ވާނެ ގޮތެއް ނޭންގެ. މިކަމުގައި ފަހުގެ ނިންމުން ނިންމަނީ އަހަރެންނެތް ނޫން. އެކަމަކު ކޮންމެވެސް ދުވަހަކުން އެނބުރި އަޔެކްސްއަށް ދާން ބޭނުން."

ޒިޔެޗް އަކީ 2018-19 ވަނަ އަހަރު އަޔެކްސްއިން ހޮލެންޑްގެ ޑޮމެސްޓިކް ޑަބަލްސް ނެގުމުގައްޔާއި، އެ ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެ ޓީމު ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

comment ކޮމެންޓް