ޖެންޑާއިން ވަކިކުރި މުވައްޒަފުންނަށް އިދިކޮޅުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

ވަކިކުރި މުވައްޒަފުންނާ ޕީޕީއެމް/ޕީއެންސީން ބައްދަލުކުރަނީ-- ފޮޓޯ/ޕީޕީއެމް

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސަސްގައި މަސައްކަތްކުރަމުން އަންނަނިކޮށް، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައިވާ ކަމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސް ބައެއް ބޭފުޅުންނާއި ލީގަލް ޓީމުގެ ބޭފުޅުން ވަނީ މިއަދު، ވަކިކުރި ބައެއް މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަށްފަހު ޕީޕީއެމުން ބުނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައިވާ ކަމަށެވެ.

ވަކިކުރި މުވައްޒަފުންނާ ޕީޕީއެމް/ޕީއެންސީން ބައްދަލުކުރަނީ-- ފޮޓޯ/ޕީޕީއެމް

ނޯޓިސް ދިނުމަށްފަހު ޖެންޑާގެ ވަޒީފާއިން ވަކިކުރީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ.

އެ މުވައްޒަފުން ވަކިކުރަނީ ވިލިމާލޭ ކުޑަ ކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ފަހުން ޖެންޑާ މިނިސްޓްރީން ހުޅުވި އަމާން ހިޔާއަށް ބަދަލުކުރުމާއެކު ވިލިމާލެ ކުޑަކުދިންގެ ހިޔާ ބެލެެހެއްޓުމަށް ބޭނުންކުރާ މުވައްޒަފުން މަދުކުރުމަށެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން "ސަން"އަށް ވިދާޅުވީ ކުޑަކުދިންގެ ހިޔާ މީގެ ކުރިން ހުސްކުރުމަށްފަހު ވެސް އެ ތަނުގައި ތިބި މުވައްޒަފުންނަށް ނޯޓިސް ދިންކަމަށެވެ. އެގޮތުން 71 މުވައްޒަފަކަށް ނޯޓިސް ދީ މިނިސްޓްރީގެ ތެރެއިން ވެސް ވަޒީފާގެ ފުރުސަތު ދީފައިވާނެކަމަށް ބުންޏެވެ. ނަމަވެސް އޭނާ ވިދާޅުވީ މި ފަހަރު ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަސް ނޯޓިސް ދިނީ ސިވިލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކަކާއެކުކަމަށެެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ބަލަހައްޓަަމުން އަންނަ ކުޑަކުދިންގެ ހިޔާގެ އަމާންކަން ގެއްލި މި އަހަރުގެ ތެރޭ އެ ތަނުގައި ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ކުދިންގެ އަހްލާގީ ފެންވަރު ދަށްވެ ގިނަ މައްސަަލަތަކެއް ވެސް ވަނީ ފާހަގަވެފައެވެ. ހަމައެއާއެކު އަލިފާނުގެ ތިން ހާދިސާއެއް ވެސް އެތަނުގައި ވަނީ ހިނގާފައެވެ.

އެއާއެކު ޖެންޑާ މިނިސްޓަރަށާއި މިނިސްޓްރީގެ އިސްވެރިންނަށް ގިނަ ފާޑު ކިޔުންތަކެއްވަނީ އަމާޒުވެފައެވެ. އަދި އެ މިނިސްޓްރީއަށް މައްސަަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމުގެ އަޑުތައްވަނީ ގަދަވެފައެވެ.

comment ކޮމެންޓް