ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީން ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ހިރިމަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހިރިމަރަދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ 32 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އެމްޑަބްލިއުއެސްސީން ބުނީ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގިވެސް ބަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 1.12 ކިލޯމީޓަރުގެ ޕަންޕިން ލައިން އަޅާނެއެވެ. ހަމައެއާއެކު ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފްލޯ ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ތެރެއިން އެ ކުންފުނިން ކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 69.14 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް