އިއްޔެ އިރުއޮއްސިގެން ދިޔައިރު، މ. މުލީ މާފަހިގޭ ޝީރީނާ އަބްދުއްލަތީފް، 35، މިފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ހީވެފައެއް ވެސް ނެތެވެ.
ބައްޕައާއި ފިރިމީހާ ރަށުން ބޭރުގައި ވަޒީފާ އަދާކުރާއިރު، ޝީރީނާ އުޅެމުން ދިޔައީ ދެ ދަރިންނާ މަންމައާއެކުގައެވެ. ތިން ކޮޓަރިއާ ސިޓިންރޫމެއް ހުންނަ ގެއާ 20 ވަރަކަށް ފޫޓު ދުރުގައި ގުދަނަކާ، ބަދިގެއާ، ކާގެއާ، ކޮޓަރިއެއް ހިމެނެއެވެ. ގޭގެ ދޮރުން ވަންނަތާ ކައިރީގައި ދަރުން ކައްކާ ބަދިގެއެއް ހުރެއެވެ. މާފަހިގޭގައި މަސް ކައްކައި، ކެޔޮ ތެލުލުން ފަދަ ކަންތައް ކުރަނީ އެތާނގައެވެ.
ރޭ އިރާކޮޅު ޝީރީނާ އޭނާގެ އަށް އަހަރުގެ ދަރިފުޅަށް ކާންދީފައި ބަދިގެއިން ގެއަށް ދިޔައީ އިޝާ ނަމާދު ވަގުތު ކައިރިވާތީ އަވަހަށް މަޣްރިބް ނަމާދު ކޮށްލާށެވެ. އޭރު ދަރު ބަދިގޭގައި ހުރީ މަސް ކައްކަން އުދާފައެވެ.
މާލޭގައި ހުރި ކޮއްކޮ އަކާ ފޯނުން ވާހަކަ ދައްކަމުން ގެއަށް ވަދެ، 13 އަހަރުގެ ދަރިފުޅު އަތަށް ފޯނު ދީފައި ޝީރީނާ ފާހާނާއަށް ވަނީ ވުޟޫ ކުރާށެވެ.
އެވަގުތު ގެއިން ކަރަންޓު ދިޔަ ނަމަވެސް، މީގެކުރިން ވެސް ދެރެއަކު އެގަޑީ ކަރަންޓު ގޮސްފައި ވުމާއެކު، ވީގޮތެއް ބަލަން ޝީރީނާ ނުކުތެވެ.

މ. މުލީ މާފަހިގޭ ދަރުބަދިގޭގައި ރޯވެފައި-- ފޮޓޯ/ ޝީރީނާ އަބްދުއްލަތީފް
"ނުކުތްއިރު ބަދިގެއާ ވީކޮޅުން، އޮރެންޖުކޮށް ފެންނަނީ ދުންގަނޑު. ދެން ވެގެން އުޅޭގޮތެއް ބަލަން އަޅުގަނޑު ދުވެފަ ނުކުތީ ބޭރަށް. ނުކުތް އިރު މުޅި [ދަރު] ބަދިގޭގަ ރޯވެފަ އޭރު ހުރީ،" ޝީރީނާ ކިޔައިދިނެވެ.
" ދެން އަޅުގަނޑު ނުކުތީ މަގުމައްޗަށް. އެވަގުތު އަޅުގަނޑުމެން ގޭގަ ނެތް ފިރިހެނަކުވެސް. ދެން ބޭރަށް ނުކުމެފަ [ބެލީ] މީހަކު ފެނޭތޯ. ދެން އަލިފާން ރޯވެއްޖޭ، މީހެކޭ، އެގޮތަށް ގޮވަން ބޭރަށް ނުކުތީ،"
ޝީރީނާއަށް އެންމެ ފުރަތަމަ އެހީވީ އަވައްޓެރިންނެވެ. އެވަގުތު ޝީރީނާގެ އަތުގައި ފޯނު އޮތް ނަމަވެސް، ލިބުނު ކުއްލި ސިހުމާއެކު ފުލުހުންނަށް ގުޅުމުގެ ބަދަލުގައި، ފުލުހުންނަށް ގުޅާދިނުމަށް ކައިރީގައި ހުރި އަވައްޓެރިޔާގެ ކައިރިން އެދެވުނެވެ.
އެ ވަގުތު ޝީރީނާގެ އަވައްޓެރިއަކު އައިސް މަންމައާއި ދެ ދަރިން، އަވައްޓެރިޔާގެ ގެއަށް ގެންދިޔައެވެ. ޝީރީނާ މަޑުކުރީ ވަމުންދާ ގޮތް ބެލުމަށެވެ.
އަވައްޓެރިއެއްގެ އެހީގައި ފުލުހުންނަށް ގުޅިތާ ދެ މިނެޓް ވެސް ނުވަވީސް ފުލުހުން އެތަނަށް ހާޒިރުވި ނަމަވެސް ގެއިން ކަރަންޓު ގޮސްފައި ވުމުގެ ސަބަބުން ފެން ނަގަން ދަތިވި ކަމަށް ޝީރީނާ ކިޔައިދިނެވެ.
އޭގެ ފަހުން ފެނަކައިން ވެސް އައެވެ. އަލިފާން ނިއްވާ ފުޅިއެއް ބޭނުންކޮށްގެން އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ. ނަމަވެސް ރޯވެފައިވާވަރު ބޮޑު ކަމުން އެކަމެއް ނުވިއެވެ.
"އެހާ ބޮޑު އަލިފާންގަނޑެއް، އެއް ފުޅި ދެފުޅި ޖަހައިގެން ނުނިވޭނެ ދެއްތޯ؟ ދެން ފެން ޖަހަމުން ދަނިކޮށް ވީގޮތަކީ އަޅުގަނޑުމެން ފެންބޯން ބޭނުންކުރާ ދެތާނގިފަޅައިގެން ގޮސް ބޮޑަށް އަލިފާންގަނޑު ކޮންޓްރޯލް ވީ،"
"މިތާ ކައިރީގަ އިންނާނެ ލޯންޑްރީ ގޮތަށް ބޭނުންކުރާ ވަޅެއް. އެވަޅުން ޓައްޕުތައް ޖަހައިގެން ފެން ބޭނުންކުރަން ފެށީ،" އަލިފާން ނިއްވާލެވުނުގޮތް އޭނާ ކިޔައިދިނެވެ.
ޝީރީނާގެ ގޭގެ ދަރުބަދިގޭގައި ރޯވުމުގެ ސަބަބުން ޖެހިގެން ހުރިގޭ، ހޮޓަލަކަށް ހަދަން މިހާރު ތައްޔާރު ކުރަމުންދާ ތަނުގެ ސީލިންގަށް އަސަރު ކުރިއެވެ. ޖެހިގެން ހުރި ގޭ ބަދިގެއަށް ވެސް އަލިފާންގެ އަސަރު ކުރިއެވެ.
އަލިފާނުގެ ސަބަބުން މާފަހިގެއަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. ނަމަވެސް ލިބުނު ގެއްލުމުގެ އަގު ބުނަން ނޭނގޭކަމަށް ޝީރީނާ ބުންޏެވެ.
"ވިރިގެން އެއްކޮށް ފައިބައިގެން ދިޔައީ ދެތާނގި، ދެތާނގީގެ ހަމަ އެންމެ އެތިކޮޅެއްވެސް ފެންނާކަށް ނެތް، އެވަރަށް ރޯވެގެން ގޮސްފަހުރީ"
ދަރުބަދިގެއާ އެންމެ ކައިރިއަށް އިނީ ކޮޓަރި ކަމަށާއި ކޮޓަރީގެ ދެފާރު ރަނދުލައިގެން ގޮސް، މިހާރު ސިމެންތިތައް ފޮޅިގެއް ނެއްޓެން ފަށާފައިވާކަމަށް ޝީރީނާ ބުންޏެވެ.

މ. މުލީ މާފަހިގޭ ދަރުބަދިގޭގައި ރޯވެފައި-- ފޮޓޯ/ ޝީރީނާ އަބްދުއްލަތީފް
"އެދިމާލުން މަތީގަ ހިޔާކޮށްފަ ހުރި ފަތިތަކުގަވެސް ރޯވެފަ ހުރީ، ޓިނުތައްވެސް ފޮޅިގެން މައްޗަށް ގުދުވެފަ ހުރީ،" ރޯވި ދަރުބަދިގޭގެ މިހާރުގެ ހާލަތު އޭނާ ކިޔައިދިނެވެ.
"އަޅުގަނޑުމެން ފެންބޯން ބޭނުންކުރާ ވާރޭފެން ދެތާނގިއާ، ވަށާފާރު ދޮރާއްޓާއެކު، ހަމަ ދޮރާށި ދޮރުފަތާ ފާރާއެކު އެއްކޮށް އަނދައި ފުނޑުފުނޑުވެފަ ހުރީ،" ޝީރީނާ ބުންޏެވެ.
"އެތަނަކީ އަޅުގަނޑުމެން ކުނިއުކާލަން ބޭނުންކުރާ ޑަސްބިންތަކާ އަޅުގަނޑުމެން ކުނިކަހަން ބޭނުންކުރާ އިލޮށިފަތި، ކުނިއަޅާ ގޯނި ދެން އެތާ އެތެރޭގަ ހުންނާނެ ކަބަޑަކާ މޭޒަކާއެއްޗެހި،"
ލިބުނު ގެއްލުމާ ގުޅިގެން މާފަހިގޭގެ ގުދަނަކާ، ބަދިގެއާ، ކާގެއާ، ކޮޓަރި ހުންނަ އިމާރާތުގައި ކަރަންޓު ނެތުމުން މިވަގުތު އަވައްޓެރި ގެއަކުން ކާން ގެންނަނީ ކަމަށާއި، މިއަދުގެ ވަގުތެއްގައި އެބަޔަށް ކަރަންޓު ލިބޭނެގޮތް ހަދައިދޭނެކަމަށް ފެނަކައާ ހަވާލާދީ ޝީރީނާ ބުންޏެވެ.
"ފެނަކައިން މަސައްކަތް ކުރިއަށް އެބަ ގެންދޭ އެތާނގެ ކަރަންޓު ވަކިކޮށްލަން. ގެއްލުން ލިބިފަ ހުރި ދިމަދިމާލުން ކަރަންޓު ވަކިކޮށްލާފަ ބަދިގެއާ ކާގެއާ ގުދަނާ ލޯންޑްރިއާއެކު ކަރަންޓު ދެވޭތޯ. އަޅުގަނޑަށް ހީވަނީ މިރޭ އިރުއޮއްސޭތަނުން އެބޭފުޅުން ކަރަންޓުގެ މަސައްކަތް ނިންމަވާ ދެވޭތޯ މަސައްކަތް ކުރައްވާހެން،" ޝީރީނާ ބުންޏެވެ.
ޝީރީނާ ބުނީ އާނާގެ އަވައްޓެރިންނާ އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ޕޮލިހާއި ފެނަކައިން ވެދިން އެހީތެރިކަން ފާހަގަ ކުރާ ކަމަށެވެ.
އެ އެންމެން އެހީ ނުވި ނަމަ ކައިރީގައި ހުރި ގެތަކަށްވެސް ގެއްލުންވެ، އަލިފާންގަނޑުގެ ސަބަބުން އެތައް ގެއަކަށް އޭގެ އަސަރު ކުރީސް ކަމަށެވެ. ސަބަބަކީ ޖެހިގެން ހުރި ހަތަރު ގޭގެ ބަދިގެވެސް ހުންނަނީ ޖެހިޖެހިކަން ކަމަށް ވާތިއެވެ.
މުދަލަށް ކުދިބޮޑު ގެއްލުން ލިބުނު ނަމަވެސް އާއިލާގެ މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތް ވުމަކީ ހާދިސާއިން ޝީރީނާގެ ހިތަށް އެންމެ ފިނިކަން ލިބުނު ސަބަބެވެ.