ޕީޖީގެ ޗެޓްލޮގާ ގުޅިގެން އުފެދޭ ބޮޑު ސުވާލު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ސަން ފައިލް

ދިވެހި ދައުލަތުގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙުސައިން ޝަމީމްގެ ނަޒާހަތްތެރިކަމާ މެދު ސުވާލުތަކާއި ޝައްކުތައް އުފައްދާ ބާވަތުގެ ޗެޓްލޮގެއް މި މަހުގެ 24 ވަނަ ދުވަހު ޢާއްމު ވިއެވެ. ޚަބަރުތަކުގައި އޮތް ގޮތުން، އެ ޗެޓްލޮގް ޢާއްމު ކުރެއްވީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. މަޙްލޫފު ވިދާޅުވި ގޮތުން، އޭނާއާ ދެކޮޅަށް ރިޝްވަތު ހިފުމުގެ ދަޢުވާއެއް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅުމުގައި، ޕީޖީ ޝަމީމް ވަނީ އޭނާއާ މެދު ޒާތީ ގޮތަކަށް ޢަމަލު ކުރައްވައިފައި ކަން އެ ޗެޓްލޮގުން ސާބިތު ވެއެވެ. ޗެޓްލޮގުގައި އޮންނަ ގޮތުން، ޕީޖީ ޝަމީމާ ކޮންމެވެސް ބޭފުޅަކާ ދެމެދު ފޯނުގެ ޒަރީޢާއިން މެސެޖުން ދެކެވުނު ވާހަކައިގައި، ޕީޖީއާ ވާހަކަ ދެއްކެވި ބެއިފުޅާ "މައްސަލައިގައި 110 ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާ" ވާހަކަ ވިދާޅުވުމުން، ޖަވާބުގައި ޕީޖީ ޝަމީމް ވިދާޅުވަނީ "އެއީ ފުއްޕީމާ ވީ ގޮތް" ކަމަށް ވިދާޅުވެފައެވެ.

ޗެޓްލޮގް ހާމަ ވެ، އެކަމުގެ ޚަބަރު އެތައް ނޫހެއްގައި ޖަހައި އެ ދުވަސް ފާއިތު ވެގެން ދިޔަ އިރު ވެސް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ ފަރާތްޕުޅަކުން އެއްވެސް ޖަވާބެއް ނައެވެ. އެކަން ވެސް ނޫސްތަކުގައި ފާހަގަ ކުރެވުނެވެ. ޖެހިގެން އައި ދުވަހު، ޕީޖީ ވަނީ ވަޒީރު މަޙްލޫފު ހާމަ ކުރެއްވި ޗެޓްލޮގުތަކުން ހާމަ ވާނޭ އެއްޗެއް ނޯންނާނޭ ކަމަށާއި، ޒާތީކަމެއް އޮތްކަން ޗެޓްލޮގުތަކުން ނުފެންނާނޭ ކަމަށް ވިދާޅުވެފައެވެ. މި ވާހަކައިން ސާބިތު ވާ އެއް ކަމަކީ، ޗެޓްލޮގަކީ ޞައްޙަ ޗެޓްލޮގެއް ކަމެވެ. އެކަން އެނގެނީ، އެ ޗެޓްލޮގާ މެދު ޕީޖީ ޝަމީމް ވާހަކަ ދައްކަވައިފައިމެ، އެއީ ދޮގު ޗެޓްލޮގެކޭ ވިދާޅުނުވެ، އޭގައި އޭނާ ވިދާޅުވާ ކަމަށް ފެންނަ ވާހަކަ ދިފާޢު ކުރައްވައި، އެ ވާހަކައިގައި ގޯހެއް ނެތްކަން ސާބިތު ކުރައްވާން އުޅުއްވި އުޅުއްވުމެވެ.

އެއް ގޮތެއްގައި، ޕީޖީގެ ވާހަކަފުޅު ރަނގަޅެވެ! ޗެޓްލޮގުގައި އެ އޮންނަ ފަދައިން، ވަޒީރު މަޙްލޫފުގެ ދަޢުވާގައި އޭނާއާ މެދު ނޭދެވޭ ގޮތަކަށް ކަންކަން ގޮސްފައި ވަނީ ކީއްވެގެންތޯ މީހަކު ޕްރޮސިކިޔުޓަރ ޖެނެރަލާ ސުވާލު ކުރުމުން، އެއީ "ފުއްޕީމާ ވީ ގޮތެއް" ވިދާޅުވެ ޕްރޮސިކިޔުޓަރ ޖެނެރަލް ޖަވާބު ދެއްވުމަކުން، ދަޢުވާ އުފުލިފައި ވަނީ ޒާތީ ގޮތުން، ޒާތީ މަޤްޞަދެއްގައިކަން ސާބިތެއް ނުވެއެވެ. މަންޠިޤީ ހަމަތަކުން ބަލާ އިރު، ޙަޤީޤަތަކީ މިއެވެ. ނަމަވެސް، އެ ޖަވާބުން އެނގޭ، އަދި ސާބިތު ވާ އެހެން ކަމެއް އެބަ އޮތެވެ. އެ ކަމަކީ، ޕީޖީ ޝަމީމް ކުށެއްގެ ތުހުމަތު ކުރެވިފައި ވާ، ކުށްވެރިއެއް ކަން ސާބިތު ވެފައި ނުވާ، މަޢުޞޫމު މީހެއް ކަމަށް ބަލާން ޖެހޭ މީހަކު ޒަލީލު ކުރައްވައި، ނިކަމެތި ކުރައްވައި، އޭނާގެ އިންސާނީ ކަރާމާތާއި ޝަރަފާ ނުއެކަށޭނަ ބަހުރުވައަކުން ވާހަކަ ދެއްކެވިކަމެވެ.

ވަޒީރު މަޙްލޫފުގެ މައްޗަށް ރިޝްވަތުގެ ކުށުގެ ދަޢުވާ އުފުލިފައި ވިޔަސް، އޭނާ އަކީ އަދި ކުށްވެރިއެއް ނޫނެވެ. އޭނާ ކުށްވެރި ކަމަކަށް އެއްވެސް ކޯޓަކުން ޙުކުމް ކޮށްފައެއް ނުވެއެވެ. އެހެންކަމުން، މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރި ޝަރީޢަތާއި، ދިވެހި ދައުލަތުގެ ޤާނޫނުއަސާސީ އާއި، ޤާނޫނުގެ ޢާއްމު ޤާޢިދާތަކުގެ ދަށުން، އޭނާ އަކީ ކުށެއް ސާބިތު ވެފައި ނުވާ މަޢުޞޫމު މީހެއް ކަމަށް މެނުވީ ދައުލަތުން ބަލައިގެން ނުވާނެއެވެ. ދައުލަތުގެ އޮފިޝަލަކު ވެސް އެފަދައިން ދެކެގެން ނުވާނެއެވެ. އެފަދައިން ވާހަކަ ދައްކައިގެން ވެސް ނުވާނެއެވެ. އެއްވެސް މުއްތަހަމަކާ މެދު، ޕްރޮސިކިޔުޓަރ ޖެނެރަލް "އެއީ އޭނާ ފުއްޕީތީ ހެދި ގޮތެކޭ" ވިދާޅުވެގެން ނުވާނެއެވެ. އެފަދަ ވާހަކައެއް ޕްރޮސިކިޔުޓަރ ޖެނެރަލް މުއްތަހަމަކާ މެދު ވިދާޅުވާ ހިސާބުން، ޕްރޮސިކިޔުޓަރ ޖެނެރަލް އެ މުއްތަހަމާ މެދު ދެކެވަޑައިގަންނަވަނީ ނުރުހުން، ނިކަމެތި ކޮށްލުން، ޒަލީލު ކޮށްލުން، ނުވަތަ ރުޅިވެރިކަމާއި ނަފްރަތު ފަދަ ޝުޢޫރުތަކަކާ އެކުކަމުގެ ޝައްކު އެބަ އުފެދެއެވެ. އެ މުއްތަހަމާ ދެކޮޅަށް އުފުލިފައި ވާ ދަޢުވާ އަކީ "މެލިޝަސް ޕްރޮސިކިޔުޝަނެއް" ނުވަތަ ނުބައި ނިޔަތެއްގައި ޕީޖީ ކޯޓަށް ހުށައެޅުއްވި ދަޢުވާއަކަށް ނުވިޔަސް، ކުރިޔަށް އޮތް ތަނުގައި ޕްރޮސިކިޔުޓަރ ޖެނެރަލް އެ މުއްތަހަމަކާ މެދު ކަން ކުރައްވާނީ މި ދެންނެވި ކަހަލަ ނުބައި ޝުޢޫރުތަކެއްގެ އަސާސުގައި ކަމަށް ވެދާނޭނޫންތޯ މި ސުވާލު އުފެދެއެވެ.

އެހެންކަމުން، ޕީޖީ ޝަމީމް ވަޒީރު މަޙްލޫފާ މެދު ބޭނުން ކުރެއްވި ބަހުރުވައިގައި އޮޅުމެއް ނެތް ދެ ގޯސް އެބަ އެކުލެވެއެވެ. އެއް ގޯހަކީ، އޭނާގެ ބަހުރުވައިގެ ހުތުރުކަމެވެ. މުއްތަހަމަކު ނިކަމެތި ކޮށްލައްވައި ޒަލީލު ކޮށްލެއްވުމުގެ ބަހުރުވައެއް ބޭނުން ކުރެއްވިކަމެވެ. ދެވަނަ ގޯހަކީ، އެފަދަ ބަހުރުވައަކުން ވާހަކަ ދެއްކެވީތީ، އޭނާ އެ މުއްތަހަމާ މެދު ނުރުހުމާއި ރުޅިވެރިކަމާ ދެމެދުގެ ކޮންމެވެސް ނައްސި ޝުޢޫރުތަކެއް ގެންގުޅުއްވާކަމުގެ ޝައްކު އުފެދޭއުފެދުމެވެ. މި ދެ ކަމަކީ ވެސް ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމާ އެކަށީގެން ނުވާ ދެ ކަންތަކެވެ. އެ މަޤާމުގައި ހުންނަވާ ބެއިފުޅަކު ކުރެއްވުން އެއްވެސް ޙާލެއްގައި ތަބްރީރު ނުކުރެވޭނޭ ދެ ކަންތަކެވެ. ދައުލަތުގެ އޮފިޝަލުން، ރައްޔިތުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތުތައް އަދާ ކުރައްވާ އިރު، ނުފުއްޕާށޭ، ފުއްޕީތީއޭ، ފުއްޕަންޏާ ވާނީ އެވަނި މިވަނި ގޮތްގޮތޭ، މި ބަހުރުވައިން ވާހަކަ ދައްކަވައިގެން ނުވާނެއެވެ. ޕްރޮސިކިޔުޓަރ ޖެނެރަލް މި ބަހުރުވައިން މުއްތަހަމުންނާ މެދު ވާހަކަ ދައްކަވަންޏާ، ހައްޔަރު ކުރެވޭ މީހުންނާ ދިމާޔަށް ފުލުހުން ވެސް "ނުފުއްޕާށޭ، ފުއްޕަންޏާ ތަޙުޤީޤު ބަންދުގައި ސަތޭކަ ދިހަ ދުވަސް ކީއް ކުރާން ހޭ ނުވަސަތޭކަ ދުވަސް ވެސް ކޮށްލާނަމޭ" ބުނާން ވީއެވެ. ފަނޑިޔާރުން ވެސް ކޯޓަށް ގެނެވޭ މުއްތަހަމުންނާ ދިމާޔަށް "ނުފުއްޕާށޭ، ފުއްޕަންޏާ ޝަރީޢަތް އަވަހެއް ނުކުރާނަމޭ، ސަތޭކަ ދިހަ ދުވަހަކުން ނޫނޭ، ޝަރީޢަތް ފަށާނީ ވެސް ނުވަ ސަތޭކަ ދުވަސް ފަހުންނޭ" ވިދާޅުވާން ވީއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން، މިނިވަން އަދި މުސްތަޤިއްލު މަޤާމެއްގެ ގޮތުގައި އުފައްދައިފައި ވާ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަކީ، ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ހ) ގައި އޮންނަ ގޮތުން، ވަކި ފަރާތަކަށް ބުރަ ނުވާ އަދި މިނިވަން، މުސްތަޤިއްލު މީހަކު ކަމަށް ވާން ޖެހެއެވެ. އެ މާއްދާގެ (ނ) ގައި ބުނާ ގޮތުން، ޕްރޮސިކިޔުޓަރ ޖެނެރަލަށް ލިބިފައި ވާ ބާރުތައް ބޭނުން ކުރުމުގައި އަދި އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި، އެއްވެސް ކަހަލަ ތަޢައްޞުބެއް ގެންގުޅެގެން ވެސް ނުވާނެއެވެ. އިސް ވެ ދިޔަ ނުކުތާތަކުގެ އަލީގައި، އުފެދޭ ސުވާލަކީ ޤާނޫނުއަސާސީން ކަނޑައަޅާ މި އުޞޫލުތަކާ އެއްގޮތަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލިއްޔަތު އަލްއުސްތާޛު ޙުސައިން ޝަމީމުގެ ކިބައިގައި އެބަހުރިހެއްޔޭ، މިއެވެ.

މި ތަނުގައި އަޅުގަނޑުމެން ހަނދާން ކުރާން ޖެހޭ ކަމަކީ، ޝަމީމާ މެދުގައި މީގެ ކުރީން ވެސް ސީރިޔަސް އިޢުތިރާޟުތަކެއް ކުރެވިފައި ވާކަމެވެ. އޭގެ ތެރެއިން އެއް ކަމަކީ، އޭނާ އާއި ދިވެހިރާއްޖޭގެ ވަކި ސިޔާސީ ޕާޓީއަކާ ފިކުރީ ގޮތުން އޮތް ގުޅުމުގެ ސަބަބުން، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި އޭނާއަށް މަސައްކަތް ކުރެވިދާނޭތޯ މި ސުވާލާ އެކު ކުރެވުނު އިޢުތިރާޟެވެ. ދެވަނަ ކަމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާ މެދު އޭނާ ފާޑު ކިޔުމުގެ ވާހަކަތައް ދައްކަވައިފައި ވާ ބަހުރުވައަށް ބަލާ އިރު، އޭނާ އަކީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމު ފަދަ މަޤާމަކާ އެކަށޭނަ އަޚްލާޤެއް ހުރި ބެއިފުޅަކުތޯ، މި ސުވާލާ އެކު ކުރެވުނު އިޢުތިރާޟެވެ. ތިންވަނަ ކަމަކީ، އިސްލާމް ދީނަށް ނިކަމެތިކަން ރައްދު ކުރެވޭ ގޮތަށް އޭނާ ދައްކަވައިފައި ވާ ކަމަށް ބުނެވޭ ވާހަކަތަކާއި، މަޝްހޫރު އެމްޑީއެންއާ އޭނާއާ އޮތް ގުޅުމާ ހުރެ، އޭނާ އަކީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަށް އެކަށީގެން ނުވާ ބެއިފުޅެއް ކަމަށް ބުނެ ކުރެވޭ އިޢުތިރާޟެވެ. ހަތަރުވަނައަށް އަންނަނީ، އޭނާ މަޤާމުގައި ހުންނަވައިގެން ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތުން އުފެދޭ އިޢުތިރާޟުތަކެވެ. މިފަދަ އެތައް ކަންތައްތަކެއް ހުރި އިރު، އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ، ކޯޓުތަކުގެ ފަނޑިޔާރުން ކުރައްވާ ބައެއް ޙުކުމްތަކާއި ޤަޟާއީ ގޮތުން ނިންމަވާ ބައެއް ނިންމެވުންތަކަށް މައުޟޫޢީ ގޮތުން ރައްދު ދެއްވުމާއި، ފަނޑިޔާރުންނާއި ކޯޓަށް ބަދުބަސް ރައްދު ކުރައްވައި އޭނާ ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުން އިހަކަށް ދުވަހު ނިންމެވި ނިންމެވުމެއްގައި ފަނޑިޔާރުން ފާހަގަ ކުރެއްވި ކަންތަކެވެ. މީގެ ތަފްޞީލުތައް ހިމެނޭ ނޫސް ރިޕޯޓެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

އަނެއްކާވެސް ތަކުރާރު ކޮށްލާނަމެވެ! މި ކަންތައްތަކާ އެކު އުފެދޭ ބޮޑު ސުވާލަކީ، އަލްއުސްތާޛު ޙުސައިން ޝަމީމަކީ ދިވެހި ދައުލަތުގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވުމަށް އެކަށީގެންވާ ބެއިފުޅެއް ބާވައެވެ! މި ސުވާލާ މެދު ރައްޔިތުން ވެސް، ރައްޔިތުންގެ މަޖިލިސް ކަމަށް ބުނާ ތަނުގައި ތިބޭ މެންބަރުން ވެސް، އަދި ޚުދު އަލްއުސްތާޛު ޙުސައިން ޝަމީމް ވެސް ސީރިޔަސްކޮށް ވިސްނާކަށް ނުވޭ ބާވައެވެ!

comment ކޮމެންޓް