ހިޔާގައި ހުރީ ކުންފުނީގެ ފެން މީޓަރެއް ނޫން، ބިލު ބޮޑުވަނީ އެހެންވެ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައިހުރީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ފެން މީޓަރު ތަކެއް ނޫން ކަމަށާއި އެ މީޓަރު ތަކަކީ ފްލެޓްތަކުގެ ކޮންޓްރެކްޓަރު އަޅުވައިފައި ހުރި މީޓަރުތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އިން މިހެން ބުނީ ހިޔާ މަޝްރޫގެ ބައެއް ފްލެޓްތަކުގެ ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވާ މައްސަލައާ ގުޅުވައިގެން އެތަންތަނުގައި ދިރިއުޅޭ މީހުންނާއި އާއްމު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާ ފްލެޓުތަކުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން (އެސްސީއީ)އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މިއަދު ވިދާޅުވީ ފްލެޓްތަކުގެ ފެންބިލު އާދަޔާ ހިލާފަށް ބޮޑުވުން، ނުވަތަ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމުގައި ބަދުނާމު ވަނީ އެ ކުންފުނި ކަމަށެވެ.

އެހެންނަމަވެސް ފްލެޓްތަކުގައި ބޭނުން ކުރަނީ އެ ފްލެޓްތަކުގެ ކޮންޓްރެކްޓަރުގެ އަމިއްލަ މީޓަރުތަކާއި ފެންހޮޅިތައް ކަމަށެވެ.

"މިތަނުގަ މީޓަރުތައް އަޅުވާފަ ހުރިއިރު އެ މީޓަރު ތަކަކީ އެމްޑަބްލިޔުއެސްސީގަ އަޅުގަނޑުމެން ބޭނުންކުރާ މީޓަރުތަކެއް ނޫން. އަދި މިތަނުގަ އާޅާފަ ހުރި ފެންހޮޅި ލައިނަކީ ވެސް އެމްޑަބްލިޔުއެސްސީ އިން ބޭނުންކުރާ ހޮޅި ލަނެއް ނޫން،" ޝާހް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެ ކުންފުނީގެ ފެން މީޓަރުތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެގޮތުން މީޓަރުގެ ރީޑިންއަކީ ސައްހަ ރީޑިންއެއް ކަމުގެ ޔަގީން ކަން އެ ކުންފުންޏަށް ނުދެވޭނެ ކަމަށެވެ.

ހަމައެހެންމެ އެމްޑަބްލިޔުއެސްސީން ބޭނުންކުރާ ހޮޅި ނޫން އެހެން ހޮޅިއެއް ހުރުމުގެ ސަބަބުން ގެއްލުމެއް ލިބުނު ނަމަވެސް މަރާމާތުކުރެވެން ނެތް ކަމަށެވެ.

"މިހާރު މިތަނުގައި ބޭނުންކޮށްފައި ހުރީ ޕީޕީއާރު ހޮޅި، ޕީޕީއާރު ހޮޅި މަރާމާތުކޮށް ނުވަތަ އެއިން ކަމެއް ކުރަން ޖެހިއްޖެނަމަ ބޭނުން ކުރާނެ ޓޫލެއް އެމްޑަބްލިޔުއެސްސީގައި ނެތް، އެމްޑަބްލިޔުއެސްސީއަށް އެ ގޮންޖެހުން އެބައޮތް،" ޝާހު ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ ހިޔާގެ ފެނުގެ މެއިންޓެނަންސް މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ޖެހެނީ މުޅި ފްލޯގެ ފެން އެއްކޮށް ކަނޑާލަން ކަމަށާއި އެއީ ވެސް ދިމާވާނެ ގޮންޖެހުމެއް ކަމަށެވެ.

"ގިނަ ތަންތަނުގަ ވޭލްވްތައް ލަައިފައިހުރިނަމަ މެއިންޓެނަންސް މަސައްކަތް ކުރާއިރުގަ މުޅި ފްލޯއިން ފެން ކަނޑާލާކަށް ނުޖެހޭނެ،" ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ފެން ބިލު ކުރަމުން އަންނަނީ އޯގަސްޓް މަހުން ފެށިގެން ކަމަށާއި ބިލް ކުރަމުން އަންނައިރު އަސްލު ކޮންސަޕްޝަން ޕެޓާން ފެންނަ ކަމަށެވެ. މި އެނާލިސިސްގައި 7،000 ފްލެޓުގެ ތެރެއިން 3،500-4،000 އެއްހާ ފްލެޓުގައި ސައްހަ މީޓަރު ހުރިކަން އެނގިފައިވާ ކަމަށާއި އެ މީޓަރުތަކަށް ބިލު ކުރެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފެން ބިލާ ގުޅުން ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް ކޮންޓްރެކްޓަރުން އެހީ ނުވާނަމަ، ފެން ކުންފުނީގެ ހަރަދުގައި ވެސް އެކަން ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

comment ކޮމެންޓް