"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ. ސަދަގާތަކަށް ކަދުރުކޮޅެއް ހާ މިންވަރު ދީގެން ނަމަވެސް ތިމާގެ ނަފުސް ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ."

"އާ ޔޫ އޯކޭ ކައިލް؟" ހައިތަމް ކުޑަކޮށް ކުރިއަށް ޖެހިލަމުން ސުވާލުކުރިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ކައިލްގެ ހުދުވަމުން އައި މޫނަށެވެ. ދެން ހުރިހާ ކަމެއް އެއްފަހަރާ ހިނގައިގަތްފަދައެވެ. އެއްވެސް މީހަކަށް އެއިން ކަމެއް ނަގައިގަތުމުގެ ފުރުސަތެއް ނުލިބި ގޮނޑިތަކުގައި ތިބެވުނީއެވެ. ބިރުވެރިކަމާއި ހާސްކަމާއެކު އަނގަ ހުޅުވިފައެވެ. އެންމެނަށްވެސް ފެނުނީ މޭޒުމަތީގައި އެކި ކޮޅަށް ދުވަމުން ދިޔަ ކަޅު ކެހެރިގަނޑެއްކަހަލަ އެއްޗެއްކެވެ. ދުވާލެއް ބާރުކަމުން މޭޒުމަތީގައި ހުރި އުއްބައްތިތައްވެސް އެކިފަރާތަށް އުކަމުން ދިޔައިރު މޭޒުމަތީގައި އަޅާފައިވާ ފޮތިގަނޑުގައި އަލިފާން ހިފައިފިއެވެ.

އެތާ ތިބި މެހުމާނުންނަށް އެ ހާދިސާ ނަގައިގަންނަން އިރުގަނޑެއްވިއެވެ. އެއާއެކު އަންހެންވެރިން ތޫލި އަޑުން ހަޅޭއްލަވަމުން އަތުގައި ހުރި އެއްޗެއް ވިއްޔާ އެވެސް ދޫކޮށް ފުރާނައާއިގެން ސަލާމަތްވާން ދުއްވައިގަތެވެ. އަންހެންވެރިން އަތުގައި ހުރި އަގުބޮޑު ޕާސްވެސް މޭޒުމައްޗަށް ދޫކޮށްފައެވެ. އަވަސްވެ ބިރުގެންފައިވާ އަޑުން ވާހަކަދެއްކުމާއި ހަޅޭއްލަވާ އަޑު މާހައުލުގައި ގުގުމައިލިއެވެ. އަނބިންނަށްވުރެ ފިރިން ކުރިން އެތަނުން ނުކުތީ ފިނޑި މީދާތަކެއް ބުޅަލެއް ފެނުމުން ދުވާހެންނެވެ. އިންސާނާގެ ހާލަކީ އެއީއެވެ. އެމީހުން ނުރައްކާތަކާއި ދުރަށް ދުވަނީ އަގުބޮޑު ސާމާނާއި މުދާތައްވެސް ދޫކޮށްލާފައެވެ. އަދި ލޯބިވާ މީހުންނަށްވެސް ބަލާ ނުލައެވެ. މުއްސަދިކަމާއި ލޯތްބަށްވެސް ފަރުވާލެއްނެތިއެވެ. މަދު ފިރިޔަކު އަނބިމީހާއަށް އެހީތެރިވާން މަޑުކުރިނަމަވެސް އެފަދަ އަލިފާންގަނޑަކުން ސަލާމަތްވާން މަސައްކަތްކުރާއިރު ތިމާގެ ނަފުސް ނޫނީ ހޮވާނީ އަނެކަކާ ބާވައެވެ. އެހެން މީހެއްގެ ތަދުގެ އިހުސާސްވެ އެމީހާގެ ޖިސްމު ނެތިކޮށްލާނެހެއްޔެވެ؟ އެފަދަ ހާދިސާއަކާއި ކުރިމަތިނުލާ މީހެއް ވެއްޖެއްޔާ އާއެކޭވެސް ބުނެފާނެއެވެ.

އެވަގުތު އެތާ ތިބި ވިޔަފާރިވެރިންނަކީ ޑްރަގް ވިޔަފާރިކުރާ މީހުންނާއި ކަޅުބާޒާރުގައި ފައިސާ އެތެރެކުރުން އަދިވެސް ދުނިޔޭގައި ލެއްވިހާ ނުބައިކަމެއް ކުރަމުން އުޅޭ މީހުންވެ. މީހުން މެރުމުގެ ގާބިލުކަން ހުރި އަދި ފައުޅުގައި މަރާފައިވާ އަދި ބައެއް ސިއްރު މަރުގެ ފަހަތުގައިވި މީހުންނެވެ. މިތަނުގައި މިމީހުން ފިނިޑިވެ ފިލަން އެދުވަނީ ކުޑަ އަލިފާންކޮޅަކަށެވެ. ވީއިރު އެމީހުން އާލަމްގެ ވެރި ރައްބު ވައުދުކުރައްވާފައިވާ އަލިފާނާއިމެދު އިހުމާލުވަނީ ކީއްވެހެއްޔެވެ؟ ޔަގީނުންވެސް އެ ދުވަހަކުން އެކަކަށްވެސް ފިލައިގެން ނުދެވޭނެއެވެ. ސަލާމަތެއް ނުވެވޭނެއެވެ. މޮޔަކަމާއެކު ފައިސާ ހަރާމްކަމާއެކު ހޯދާ ރޮގު ޚިޔާރުކުރަނީ ކިއްވެހެއްޔެވެ؟ އެ ފައިސާއަކީ އެމީހުންނާއެކު ކަށްވަޅަށް ގެންދެވޭނެ އެއްޗެއް ނޫނެވެ.

"ހައްޔަރުވެފަތަ؟ކީއްތިކުރަނީ؟ އަވަހަށް ތިތަނުން ނިކުންނަން އުޅޭ..." އައިޒަކް ކައިލްގެ މޫނުމަތީގައި އަތް ހިންގައިލިއެވެ. އައިޒަކްއާއި ކައިލްގެ ކަޅި ބައްދަލުވީހިނދު އެކަން ނުކުރެވުނުނަމައޭ އައިޒަކްގެ ހިތަށް އެރިއެވެ. އަލިފާނުގެ އަލި އެލޮލަށް ފުރިހަމަކަމާއެކު ހިޔަނިވެ އަދި ސިކުންތުކޮޅަކަށް ކައިލްގެ އެމްބާ ކުލައިގެ ލޮލަށް ސާފު ރަންކުލަ އެޅި އަދި އެކުލައިގެ ތެރެއިން އޮރެންޖްވެސް ފާއްދާލިއެވެ. އައިޒަކްއަށް ބޭއިޚުތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ.

"އަލިފާނާއި މާ ކައިރީގައި ތިހުރީ އައިޒަކް..." ކައިލް ނިކަން ހަމަޖެހިލާފައި ބުނެލިއެވެ. ކައިލްގެ މޫނުމަތީގައި ހުރި ކުލަވަރުން އައިޒަކް ކޮންމެއަކަސް ބިރުގަތެވެ. ތެޅިފޮޅެމުން ދެލޯ މުދުނަށް އަރުވައިގެން ދުވަމުން ދިޔަ މީހުންގެ ތެރެއިން ކައިލް ނިކަން ލަސްލަހުން ހިނގާފައި ދިޔަތަން ދެކެން އައިޒަކް ހުއްޓެވެ. ކުޑަ ކުޑަ އަތެއް އޭނަގެ އަތާއި ގުޅުމާއެކު އޭނަ ދަމަންފެށިއެވެ. އޭނަ ބަލައިލިއިރު އެމީހަކީ ސާރާއެވެ. ބިރުގެންފައިވާ ނަޒަރަކާއެކު ނާއުއްމީދާއި އެހީއަށް އެދޭފަދަ މޫނެކެވެ." ކީއްވެ ގުޑާނުލާ ތިހިރީ؟" ސާރާ ހަޅޭއްލަވާފަދައެވެ. އެދެލޯ ބުނަނީ އެހެންނެވެ. އައިޒަކް ކުއްލިއަކަށް ކޮށިއަރާފަދަ ގޮތަކަށް ކެއްސައިގަތެވެ. ގަދަފަދަ ވަސްތަކަށް އޭނަގެ ހަށިގަނޑު ރިއެކްޓްކުރަނީ ނުބައިގޮތަކަށެވެ. ސާރާ އޭނަ ދަމާފައި ނެރެން ދީގެން އޭނަ ހުއްޓެވެ. އޭރު ޚާދިމުން ފެން ބާލިދީތަކާއިއެކު ގެއަށް ވަދެގެންފިއެވެ.

***

މިކާލް ކައިލްއަށް ބަލައިލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

"ވަޓް؟" ނިތުމައްޗަށް ވެއްޓުނު ފަން އިސްތަށިގަނޑު މޫނުމަތިން އެއްފަރާތްކޮށްލަމުން ކައިލް ސުވާލުކުރިއެވެ.

"ދެންމެ މި ހިނގި ކަންތައްގަނޑު އެކްސްޕްލެއިން ކޮށްދީފާނަންތަ؟"މިކާލް ތަންކޮޅެއް މަޑުމަޑުން އަހައިލިއެވެ."ކީއްވެ ހިނިއައިސްފަ ތިހިރީ؟"

މިކާލް ނިކުންނަމުން ގެނައި މޭބިސްކަދުރުޖޫސްތަށިން އެތިފޮދެއް ބޯލަމުން އޭނަ އެހިއެވެ.

"އޭމް އައި؟" ކައިލްގެ އަޑުގައި ކުށްވެރިކަމުގެ ކުޑަވެސް އަސަރެއް ނެތެވެ. އެކަމަކު އެލޮލުގައިވި ނުސިޔާނު ވިދުވަރުގެ މާނަ މިކާލް ދެނެގަތެވެ.

"މި ހިނގި ނުރައްކާތެރި ހާދިސާއާއިހެދި ވަރަށް ބޮޑަށް މާފަށް އެދެން މިސްޓަރ ކައިލް..." ޒައިނަބުގެ އަޑު ހުރިހާ ފިރިހެންވެރިންގެ ސަމާލުކަން އަތުލިއެވެ." ވަރަށް ހީނުކުރާގޮތެއް ވީ. ޚާދިމާއަކަށް ދޮރު ހުޅުވާފައި ބެހެއްޓުނީކަން ނޭގޭ. ޖަނަވާރެއް އެތެރެއަށް ވަދެގަތީ......"

ޒައިނަބު ހުރީ ބުމަ ކައިރިކޮށްލައިގެންނެވެ. އަލިފާނުގެ ހާދިސާއާއިމެދު ކަންބޮޑުވެފައެވެ. ދުއްވައިގަތް ދަނޑިވަޅު ޖެކެޓަށް ވެރުނު އާފަލު ޖޫސް ފޮހެން ހައިތަމް ހުއްޓެވެ.

"ހިއަރ މިސްޓަރ ކައިލް..."ފިރިހަނަކު ކައިލްގެ އަތަށް ރުމާލެއް ދިއްކޮށްލިއިރު އެހެން މީހަކު ފެންތަށްޓެއް ދިނެވެ. އެންމެންވެސް މަސައްކަތްކުރީ ކައިލް އިސްހާގުގެ ރަގަޅުފޮތަށް ނަން އަރުވާށެވެ. އެމީހުންގެ ވިޔަފާރީގެ ކުރިމަގަށްޓަކައެވެ.

"ޑިނަރ ދިޔައީ ރަގަޅަކަށް ނޫން.އަދި އަވަހަށް މިފަދަ ބައްދަލުވުމެއް އޮންނާނެ..."ހައިތަމްވެސް މޫނު ފޮހެލިއެވެ.

"މިގޮތަށް ރޭގަނޑު ކުރުކޮށްލަން ޖެހުނީތީ ހިތާމަކުރަން.." ކައިލްވެސް ވިންޓަފެލް އާއިލާއަށް ވަދާއުގެ ސަލާމްކޮށްލުމަށްފަހު ދާން ހިނގައިގަތެވެ.

"ގިނަގިނައިން މުސްތަގުބަލުގައި ފެންނާނެކަމަށް އުއްމީދުކުރަން.." ހައިތަމް ހީލިއެވެ.

"ލައިކްވައިސް."ކައިލްވެސް ބޮލުން އިޝާރާތްކޮށްލުމަށްފަހު ނުކުތްއިރު އެހެން މެހުމާނުންވެސް ގެއަށް ދާން ބައިބަޔަށް ނުކުންނަތަން ފެނުނެވެ.

"ކައިލް......"ކޮންމެވެސް މީހަކު ގޮވައިލިއެވެ.ސިއެނާ ދުވަމުން ކަހަލަގޮތަކަށް އައިއިރު އޭނަގެ ރަތް މުށި އިސްތަށިގަނޑު ވިހުރެމުން ދިޔައީ ވައި އަޅުވާއިރުހެން ބާރަށެވެ. އަވަސްކުރަން ހަދައިގެން މިކާލްއާއި މުޑިއަރާ މިކާލްގެ އަތުގައި ހުރި ޖޫސްތަށި ވެރުނީ އޭނަގެ ރީތި ހެދުމަށެވެ."ޔޫ އިޑިއަޓް" ސިއެނާގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ.

"ސިއެނާ އަހަރެންގެ ގައިގާ ޖެހިގަތީ.." މިކާލް ދިފާއުގައި އަތް އުފުލައިލަމުން ބުނެލިއެވެ. އެންމެން އެއް ސްކޫލްގައި ކިޔަވާ ސާނަވީ ތައުލީމްވެސް އެކީ ހާސިލުކުރުމުން އެކަކު އަނެކަކަށް އެނގެއެވެ.

"ރަގަޅު ރޭގަނޑެއް ސިއެނާ.." ކައިލް އެންމެ ފަހަރަކުވެސް ސިއެނާއާއި ދިމާލަށް ނަޒަރު ހުއްޓައިލުމެއްނެތި ކުރިއަށް ހިނގަމުން ދިޔައެވެ. އޮޅުމަކުންވެސް މެއެވެ. އެހާވަރުން އެތައް ގަޑިއިރަކަށް ރީތިވާން އޭނަ ކުރި މަސައްކަތްވީ ބޭކާރުކަމަކަށެވެ.

އައިޒަކް ކައިލް އާއިއެކީ ހިނގަމުން ދިޔައެވެ.

"ތި އާއިލާ ވަރަށް ރަގަޅު އައިޒަކް. ދައުވަތުދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން.." ކައިލް ވާހަކަދެއްކިއެވެ. އޭނަގެ ނަޒަރު އެގޭގެ ފާރުތަކުގައިވި އަގުބޮޑު ކުރެހުންތަކަށްވެސް ހުއްޓުނެވެ.

"އަންނާނެކަމަށް ހީވެސް ނުކުރަން....މިތަނަށް އައުމަށް ވަގުތުކޮޅެއް ދިންކަމީ ލިބުނު ޝަރަފެއް...."އައިޒަކް ޖަވާބުދިނެވެ.

ސިޑިބަރިއާއި ދިމާލަށް ހިނގަމުން ދިޔަ އަންހެންކުއްޖާއަށް ކައިލްގެ ނަޒަރު ހުއްޓުނީ އެވަގުތުކޮޅުގައެވެ. ސާދާ އޮރެންޖް ސްވެޓަރަކާއި ގަދަ ނޫކުލައިގެ ޖިންސަކާއިއެކު އާއްމުކޮށް އޭނަ އަޅާ ތޮފީގެ ބަދަލުގައި ކްރީމްކުލައިގެ ހިޖާބެއް އަޅައިގެން ހުރީ ނޯރާ ފިޔަވާ ދެވަނަ އަންހެންކުއްޖެއް ނޫނެވެ. ފުރަތަމަ ފިޔަވަޅު ސިޑިބަރިމަތީގައި އަޅައިލިވަގުތު އޭނަ އަރިއަޅާ ކަހަލަގޮތެއް ވެފައި ބަލައިލެވުނުއިރު ކައިލްއާއި ދެމީހުންގެ ނަޒަރުވެސް ސީދާވިއެވެ. ފަޅި ސިކުންތުކޮޅަކަށް ނަމަވެސް ނަޒަރު ހަރުލާފައި ހުއްޓެވެ. ފުރަތަމަ ފަހަރަށް ދުރު ބަލައިލީވެސް ނޯރާއެވެ. އަދި ސިޑި ގިރާކޮށް މައްޗަށް އަރައިގެން ދިޔައީއެވެ. އައިޒަކްއަށް އެ ވަގުތުކޮޅު ކިތަންމެ ރީއްޗަށްވެސް ފެނި ހިތުގައި ކޮންމެވެސް އެއްޗެއް ހިރިލިއެވެ. އެއީ ހަސަދަވެރިކަން ހެއްޔެވެ؟

އައިޒަކްއަށްވެސް ނޯރާއާއި ކައިލް ބޭކަރީގައި އެކީ މަސައްކަތްކުރިކަމާއި އަދި ކައިލްގެ ގޭގައި ކުއްޔަށް ނޯރާ އުޅުނުކަންވެސް އެނގިފައިވިއެވެ. ނޯރާ ވަރަށް ލޯބިން ގެންގުޅޭ ޖެކެޓަކީ ކައިލްގެ ކަމަށް އެންމެ ކުރިން ހީކުރެވުނެވެ. އެކަމަކު އަމިއްލަ ނަފުސަށް އޭނަ ޔަގީންކަން ދިނީ އެވާނީ ނޯރާގެ ބައްޕަގެ އެއްޗެއްކަމުގައެވެ. އެހެން ހުއްޓާ އެއްރޭ ނިދީގައި ނޯރާ ކައިލްގެ ނަމުން ގޮވިއެވެ. އަދި ދެންމެ ނޯރާ ކައިލްއަށް އެ ބަލައިލި ނަޒަރުން އޭނަގެ ހީ ތެދުކަން ސާބިތުކޮށްދީފިއެވެ.

"އޯ ކިރިޔާ ހަދާން ނުނެތުނީ...."ކައިލް އައިޒަކްއާއި ދިމާލަށް އެނބުރުނެވެ." ކައިވެނީގެ ޚަބަރު އެހިން. މަރުހަބާ.."

ކައިލްގެ މުށި ލޮލާއި އައިޒަކްގެ ލޯ ގުޅުނެވެ. އައިޒަކް ހީލިނަމަވެސް ހިނިތުންވުން ލޮލާއި ހަމަޔަކަށް ނުފޯރިއެވެ.

"ޝުކުރިއްޔާ. ހީވާގޮތުން އަދި އަހަރެމެން ވަރަށް އަވަހަށް ބައްދަލުވާނެ.." އައިޒަކް ކައިލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލީ އެއްވެސް ޝުއޫރެއް އެލޮލުން ފެނޭތޯއެވެ. އެއްވެސް ހިތްދަތިކަމެއް އެއްވެސް ރުޅިވެރިކަމެއްވެސް މެއެވެ. އެކަމަކު އޭނައަށް ވީ ނާކާމިޔާބެވެ.

***

އާވާ އެގެއިން ނުކުތްއިރު އޭނަގެ ހިތުގައި ބައްޕައާއި މާމައަށްޓަކާ އޮތީ ސާފު ނަފްރަތެވެ. ހީވާގޮތުން އޭނަގެ ކޮންމެ ދުވަހެއްގެ ކޮންމެ ކަމެއް ރާވަނީ އެމީހުންނެވެ. އޭނަ ކިޔަވަން ބޭނުންވާއެއްޗެއް ކޮންޓްރޯލްކޮށް ކިޔަވަން ވީތަނެއްވެސް ނިންމާ އަދި ކައިވެނި ކުރަންވީ ކޮންފަރާތަކާއި ކަންވެސް ނިންމީއެވެ. އެގޮތަށް އޭނަގެ ދިރިއުޅުން ހަލާކުކުރުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. އޭނަގެ ބައްޕަ އޭނައަށް ތައާރަފުކޮށްދިން ފަރާތަކީ އޭނަގެ ފުރާވަރު އިރު ބޭކަރީއިން ދިމާވި ފިރިހެނާއެވެ. އަދިވެސް އޭނައާއި އޭނަގެ އެކުވެރިޔާ އެ ބުޅި އިސްތަށިގަނޑުގެ ވެރިޔާގެ މަތިން އޭނަ ހަނދާނެއް ނުނެތެއެވެ. އެ ކައިލް އޭ ކިޔާ މީހާ އޭނަ އެތަނުން ނެރެލުމުން ގަތް ލަދެއްގެ ބޮޑުކަމުން އެކަން ހަނދާން ނައްތައިލުން ފަސޭހައެއްނުވީއެވެ. ބޭކަރީއެއްގައި މަސައްކަތްކުރި ދެ ޒުވާނަކު ވިންޓަރފެލްގެ މިހާ މުހިއްމު ވިޔަފާވެރިންގެ ބައްދަލުވުމަކަށް އަންނަން ޖެހުނީ ކީއްވެހެއްޔެވެ؟ އާވާއަށް ނޭގުނީ މި އަށް އަހަރުތެރޭގައި ހިތަށްނާރާގޮތަށް ކަންތައްތައް ބަދަލުވެގެން ދިޔަގޮތެވެ.

އާވާ ގޮށްމުށްކަވައިލިއެވެ. އެމީހުން މަޖުބޫރުން ކައިލްއާއި ކައިވެނިކޮށްފިއްޔާ ފަރުބަދައެއްގެ މަތިން ފުންމައިލުންވެސް އޭނައަށް މާ ރަގަޅެވެ. އޭނަގެ މޫނަކީ އާވާ އެންމެ ރުޅިއަންނަ ޒާތުގެ މޫނެވެ. ބިރުވެރިކަމާއިއެކު ޝުއޫރެއްނެތް އެލޮލުން ފިނި "ވައިބް"އެއް ދައްކުވައެވެ. ފުދޭވަރަށްވުރެ މާ ގިނައިން އެ ވައްތަރުގެ މޫނު އޭނަ ދެކެފިއެވެ.

ފާރުގެ ބުޑުގައި އުޑަފައިން އޭނަ އިށީނެވެ.ކުއްލިއަކަށް އޭނަގެ ޚިޔާލު ހުރަސްކޮށްލީ އެހެން މޫނެކެވެ. އެ ސޫރައިން ހޫނުކަމާއި މަޑުމަޑުކަން ދައްކުވައިދެއެވެ. އެމީހަކީ ނާޔަލްއެވެ. ހަޔާތުގައިވެސް އެހާ ހިތްހެޔޮ މީހަކު އާވާދެކެފައެއް ނުވެއެވެ. މީހަކު މަރައިލިކަމުގެ ތުހުމަތުގައި ޖަލަށް ލިޔަސް އޭނަ ފަހަރެއްގައިވެސް ނާޔަލްދެކެ ބިރެއްނުގަނެއެވެ. ދުވަސްކޮޅަކަށް ނާޔަލް ދަސްވުމުން މީހަކު މެރުމަކީ ނާޔަލް ފަހަރެއްގައިވެސް ކުރާނެ ކަމެއްނޫންކަން އޭނައަށް ޔަގީންވިއެވެ. އޭނަ ގެއިން ފިލައިގެން ދިޔަ ދުވަހެއްގައި ވާރެޔާއި ތެމިގެން އެކަނި އިންދާ ނާޔަލް އޭނަ ހޯދިއެވެ. އޭނަ ނޯރާއަށް ގުޅާ ގެނެސް ދެމީހުން އާވާ ގޮވައިގެން ރޭގަނޑު ކެއުމަކަށް ގެންދިޔައެވެ. އަދި ނޯރާއާއެކު ޑޯމްގެ ކޮޓަރީގައި ހުންނަންވެސް ހުށަހެޅިއެވެ. އެދުވަހު ވިންޓަފެލްގައި ހުރުމަށްވުރެ މާ ބޮޑަށް އަމިއްލަ ގެއެއްގައި ހުރެވުނުކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ. އާވާ އޭނަގެ ޝަހާދަތް އިނގިލީގައި ހުރި ލަކުނުގައި އިނގިލި ހިންގައިލިއެވެ. އޭނަ ފާރެއްގެ މަތިން އަރަނިކޮށް އިނގިލި ޒަޚަމްވީއެވެ. އޭނައަށް ފަރުވާދިނީ ނާޔަލްއެވެ.

އާވާއަށްވުރެ ނާޔަލް ދިހަ އަހަރު ދޮށްޓެވެ. އެކަމަކު މައްސަލައެއް ނެތްތާއެވެ. އާވާގެ ހަޔާތުގައި ދިމާވި ހުރިހާ ފިރިހެނުންނަށްވުރެ އޭނައަށް ނާޔަލް ކަމުދެއެވެ.

"އާވާ؟" އާވާ ސިހުނީ ދަންނަ އަޑެއް އިވުމުންނެވެ. އޭނަ އިސްއުފުލައިލިއެވެ.

"ނާޔަލް...."އާވާ އަވަސްއަވަހަށް ހޯދައިލީ އޭނަގެ ތޮފި ނުފެނިގެންނެވެ. އޭނައަތުން ތޮފި ވެއްޓުނީކަން ނޭގެއެވެ. އޭނަ ބޭނުންވީ ރޭގަނޑުގެ ހިޔަނީގައި ފިލުމަށެވެ.

"މިތާ ކީއްކުރަނީ؟ ފިންޏެއް ނުވޭތަ؟"ނާޔަލް ސުވާލުކުރިއެވެ."އަވަހަށް އެތެރެއަށް ވަދޭ.."

"ނާޔަލް އަހަރެން..."އާވާ އެއްޗެކޭ ބުނަން އުޅުނެވެ.

"ނޯރާ ދެކުނިންތަ؟ އަހަންނަށް ނުފެނިގެން..މަސައްކަތް ނިންމާފައި އަންނާނެހާ އިރުވެއްޖެ. ކޮޓަރިއަކުވެސް ނެތް..."ނާޔަލް އޭނަގެ ކަރުގައި އަޅާފައި އޮތް ފިނިމޫސުމްގެ ސްކާފް ނަގާފައި އާވާއަށް ދިއްކޮށްލިއެވެ.

"މިތާ އެކަނި އިނދެ ކުދިކިޔަން ބޭނުމިއްޔާ އެންމެ ކުޑަވެގެން ހަށިގަނޑު ހޫނުކޮށްގެން ދޯ އިންނަންވާނީ. ބޭރުގައި މައިނަސް ދިހަ ޑިގްރީ އެބަހުރި."

"ނޯރާ ނުދެކެންތަ؟ ނޯރާ ކޮޓަރިއަށް ވަންތަން ދެކުނިން.."އާވާ އަވަހަށް އެ ސްކާފުން އޭނަގެ މޫނު ފޮރުވައިލީ ބޮޑަށް އެރަތްވެފައިވާ މޫނު ނުދެއްކުމަށެވެ.

"އެހެންވިއްޔާ ދެން މާދަން ހޮސްޕިޓަލުން ދެން ދިމާވާނީ..." ނާޔަލް ބުނެލިއެވެ.

"ހެލޯ އާވާ. އަނެއްކާވެސް މިދިމާވީ.."ފުން އަދި ފާހަގަކުރެވޭފަދަ އެކަމަކު ނުދަންނަ އަޑަކުން މީހަކު އެއްޗެކޭ ބުނެލަމުން އާވާއާއި ނާޔަލްގެ ވާހަކަ މެދުކެނޑުނެވެ. އެމީހުން ހުއްޓުވައިލި މީހާއަށް އާވާގެ ނަޒަރު ހުއްޓުނެވެ. އޭނަ ގެނބުނީ ރުޅިވެިކަން ނޫނީ ލަދުވެތިކަމެއްގެ ތެރެއަށްކަން ޔަގީންނުވެފައި ހުރެ ނާޔަލްއަށް ބަލައިލިއިރު އޭނައަށް ނާޔަލްގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

"ނާޔަލް މަހުމޫދު..." ނާޔަލް ވަގުތުން ސަލާމްކުރަން އަތްދިއްކޮށްލިއެވެ."ނޯރާގެ ފަރާތުން ވަރަށް ވާހަކަ އިވުނު. އެންމެ ބޭނުންވި ދުވަހު ވަރަށް ބޮޑު އެހީތެރިކަމެއް ދިންކަން އެނގޭ.."

އާވާއަށް ބަލައިލެވުނީ ނާޔަލްގެ އަތާއި ގުޅުނު ކައިލްގެ އަންގި ލައްވާފައިވާ އަތެވެ. ހިދުކޮޅަކަށެވެ. އެކަކީ އޭނަ އެމީހަކުދެކެ ލޯބިވާ ފަރާތެވެ. ދެން ހުރީ އޭނަގެ ބައްޕަ އޭނަ ކައިވެނިކުރުވަން ނިންމި ފަރާތެވެ.

ނާޔަލް އޭނަގެ ޖެކެޓްގެ ޖީބުން ގަލަމަކާއި ނޯޓްފޮތެއްނެގިއެވެ. އަދި ނަމްބަރެއް ލިޔެލާފައި ކައިލްއަށް ދިއްކޮށްލިއެވެ." މައްސަލައެއް ނެތިއްޔާ އަދި ދެމީހުން ހަމަޖެހިލައިގެންތިބެ ބައްދަލުކޮށްލަން ބޭނުން. އަހަރެންގެ ކޮއްކޮއަށް އެހީތެރިވެދިނީތީ ޝުކުރު އަދާކުރަން ބޭނުން...."

"ކީއްކުރަން އޭނައާއި ބައްދަލުކުރަނީ ނާޔަލް.."އާވާއަށް ބުނެވުނެވެ.

"ނާޔަލް ބޭބެ. ކިތައް ފަހަރު ރަގަޅުކޮށްދޭނީ؟' ނާޔަލް ބުނެލީ އޭނަގެ "ލެކްޗަރ"އަޑުންނެވެ.ބުޅަލެއް ބާރަށް ގޮވައިގަތެވެ. ދެވަނަ ސިކުންތުކޮޅުގައި ކައިލްގެ ކާރުގެ ކުޑަދޮރުން ފުންމައިލި ސިމްބާ ދުވެފައި އައިގޮތަށް ފުންމައިގަތީ އޭނަ އެންމެ ލޯބިވާ ފަރާތުގެ އަތުތެރެއަށެވެ. ކައިލް ބުޅާ އުރައިލީ ނިކަން ލޯބިންނެވެ.

"އޯ މިއީ ކައިލްގެ ބުޅާތަ؟ ހާދަ ލޯތްބޭ..." ނާޔަލް ކުރިއަށް ޖެހިލާ އެސޮރުގެ ކެހެރިގަނޑުގައި ފިރުމައިލިއެވެ. އާވާއަކަށް ނުވިސްނުނެވެ. މި ބިރުވެރި މަޚުލޫގުގެ ލޯބީ ކޮންތަނެއްހެއްޔެވެ؟ކައިލްގެ ކަޅު ސޫޓުގެ ތެރެއިން ފެންނަހާވެސް އެއްޗަކީ އެސޮރުގެ މަޑު ރީދޫކުލައިގެ ލޮލެވެ.

"އެއީ ޝައިތާނީ ބުޅަލެއް.."އާވާ މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"އޭނަގެ ވެރިޔާއާއި އެއްގޮތަށް ހަމަ..." ފަހު ޖުމްލަތައްވީ އާވާގެ ސިކުނޑީގައެވެ.

"ސީ ޔޫ ސޫން އާވާ... އަހަރެން ހިތަށް އެރީ އާވާއަށް އެނގެން ވާނެއޭ. ބައްޕަގެ ހުށަހެޅުން ވަރަށް ޝުކުރުވެރިކަމާއެކު ގަބޫލުކުރަން ނިންމައިފިން.." ކައިލް ކާރާއި ދިމާލަށް ދަމުން އާވާއާއި ކައިރިން އަޅައިލި ވަގުތު ބުނެލި އެއްޗަކުން އާވާ ސިހި ހައިރާންވެ އަންތަރީސްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު