ހަރުކަށި ފިކުރު ހުއްޓުވަން، ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކުރަންޖެހޭ: ރައީސް

ތުރުކީވިލާތުން، ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން މުޅި ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސަށް އެރުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޓެރަރިޒަމާއި، ކަނޑުފޭރުމާއި، ރޭވިގެން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ތުރުކީއާއި އެކުވެރި އެހެން ގައުމުތަކާއެކު ރާއްޖެއިން އަބަދު ވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ އަމަލުތައް އިތުރުވަމުންދާ ދިއުމަކީ އެމަނިކުފާނު ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ތުރުކީވިލާތުގެ ސަފީރު ވެސް ވަނީ މި ދާއިރާއިން ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް، ވަނީ ރާއްޖެއާއި ތުރުކީގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، އެކަމަނާ ސަފީރުކަމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ރައީސް، ވަނީ ވިޔަފާރިއާއި ސަލާމަތީ ކަންކަމާއި، ކައުންޓަރ ޓެރަރިޒަމާއި، ތައުލީމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުންފަދަ ކަންކަމާ ގުޅޭގޮތުން ތުރުކީގެ ސަފީރާއެކު މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާ ތުރުކީވިލާތާ ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި މި އަހަރަކީ މި ދެ ގައުމު ސިޔާސީ ގުޅުން ގާއިމުކުރިތާ 42 އަހަރު ފުރޭ އަހަރެވެ.

ތުރުކީވިލާތާއި ރާއްޖޭގެ ގާތްގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދޭކަން ފާހަކުރައްވަމުން ރައީސް ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތު ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ އާ ސަފީރުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާފައެވެ.

comment ކޮމެންޓް