ސްވިޓްޒަލެންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓު ކުރުމަށް ރައީސް، ދައުވަތު ދެއްވައިފި

ސްވިޓްޒަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ-- ފޮޓޯ/ ރައީސް އޮފީސް

ސްވިޓްޒަލެންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދައުވަތު ދެއްވައިފިއެވެ.

ރައީސް، މިކަމަށް ދައުވަތު ދެއްވީ، ސްވިޓްޒަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޮމިނިކް ފާގްލާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއާ ސްވިޓްޒަލެންޑާ ދެމެދު ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމަށާއި އެހެންކަމުން ސްވިޓްޒަލެންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ދައުވަތު ދެއްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި، ރައީސް، ވަނީ ސްވިޓްޒަލެންޑުން ރާއްޖެއަށް ކަނޑައެޅި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކަން އިތުރު ކުރުމާއި ލާމަރުކަޒު ކުރުމާއި ކޮވިޑް މެނޭޖު ކުރުމާއި ފަތުރުވެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްވިޓްޒަލެންޑަކީ ރާއްޖޭގެ ބައިނަލްއަގްވާމީ މުހިންމު ބައިވެރިއެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރާއްޖޭގެ ފަތުރުވެރިކަން ވިލާތުގެ ގައުމުތަކަށް އިތުރަށް ފުޅާކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ސްވިޓްޒަލެންޑުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ގައުމުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ރާއްޖެއަކީ ސްވިޓްޒަލެންޑުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި، ސަފީރު ވިދާޅުވީ ރާއްޖެއާ އެ ގައުމާ ދެމެދު ސިދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ވިލާތުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ރައީސް، ވަނީ ދިވެހި ދަރިވަރުންނަށް ވިލާތުގެ ގައުމުތަކުން މަތީ ތައުލީމުގެ ސްކޮލަޝިޕް ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޝައުގުވެރިވާ ކަމުގައި ވިދާޅުވެފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ސްވިޓްޒަލެންޑްއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ޑޮމިނިކް ފާގްލާގެ އިތުރުން، ސެނަގަލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، އަބްދުލް ވަހާބް ހައިދަރާ ވެސް މިއަދު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

ސެނަގަލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، ރައީސް ވަނީ ސެނަގަލްއިން ރާއްޖެއަށް ކަނޑައެޅި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ.

ސެނަގަލްއިން ރާއްޖެއަށް ކަނޑައެޅި ސަފީރު، ވަނީ ސަފީރުކަމުގެ މަގާމާއި ހަވާލުވުމުން އުފާކުރައްވާކަމުގައި ވިދާޅުވެ، ސެނެގާލްގެ ރައީސް މެކީ ސާލްގެ ހެޔޮއެދުންތައް ރައީސްއަށް އަރިސްކުރައްވާފައެވެ.

މީގެ އިތުރުން ސަފީރު ވަނީ ރާއްޖެއިން އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބު ކުރުމުން ދިވެހި ސަރުކާރަށް ތަހުނިޔާ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އެންމެ އިސްކަންދޭ އެއްކަމަކީ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ރަނގަޅުކޮށް، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުންކަން ފާހަގަކުރެއްވިއެވެ. އަދި އެ ދެ ބޭފުޅުން ވަނީ ކޮވިޑް-19 ގެ ކަންކަން މެނޭޖްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރާއި ފަތުރުވެރިކަމާއި ސަގާފަތް ފަދަ ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުގައި މަޝްވަރާ ކުރައްވާފައެވެ.

ސެނަގަލްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމާއި ސަގާފަތް ކުރިއެރުމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ އެ ގައުމަށް މުހިންމުކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކައުންޓާ ޓެރަރިޒަމް އަދި އިންސާނީ ހައްގުތަކާ ގުޅޭ ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

comment ކޮމެންޓް