ކިނޮޅަހު ލޯކަލް ޓޫރިޒަމަށް ހާއްސަ ބްރޭންޑްއަކަށް "އިބްނު ބަތޫތާ މަންޒިލް"

ރ. ކިނޮޅަހުގައި ހަދާފައިވާ 'އިބްނު ބަތޫތާ މަންޒިލް' -- ފޮޓޯ/ ކިނޮޅަސް ކައުންސިލް

ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާއިރު، ރ. ކިނޮޅަހުންވެސް މަސައްކަތް ކުރަމުންދަނީ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށެވެ.

އެ މަސައްކަތުގެ ތެރެއިން، ކައުންސިލްގެ އެކި ދައުރުގައި، ދެ ފިޔަވައްސަކަށް ބަހާލައިގެން ރަށުގެ މަލަމަތީގައި ހެދި "އިބްނު ބަތޫތާ މަންޒިލް"އަކީ ލޯކަލް ޓޫރިޒަމްއަށް އެރަށުގެ ހާއްސަ ބްރޭންޑެއްކަމަށް ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން "ސަން" އަށް ވިދާޅުވިއެވެ.

ރ. ކިނޮޅަހުގައި ހަދާފައިވާ 'އިބްނު ބަތޫތާ މަންޒިލް' -- ފޮޓޯ/ ކިނޮޅަސް ކައުންސިލް

އިބްނު ބަތޫތާގެ ބަޔޮގްރަފީ ބަލައިގެން ބޭރުގެ ދިރާސާ ކުރާ ބައެއް ގްރޫޕްތައް އެ ރަށަށް ގޮސްފައިވެއެވެ. އަދި އެ ދަތުރުގައި، އިބްނު ބަތޫތާގެ ބަޔޮގްރަފީގައި ބަޔާންކޮށްފައިވާ ބައެއް ތަންތަނާ ބެހޭގޮތުން ސުވާލު ކޮށްފައިވެއެވެ.

"އެމީހުން އައިސްފަ ބުނެފަ އެބަހުރޭ މަސްޖިދުލް ފުރުގާން ކޮބައިހޭ، މިސާލަކަށް. އުސްމާނު ތަކުރުފާނުގެ ޒިޔާރަތް ކޮބައިހޭ. އެ ތަންތަނަކީ ކާބަފައިންގެ ދުވަސްވަރު ކިނޮޅަހުގަ ހުރި ތަންތަން،" ބަޔޮގްރަފީއިން ފެނުނު ބައެއް ތަންތަން ދެކިލުމަށް ކިނޮޅަހަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ވާހަކަ ހިއްސާކުރަމުން އަހުމަދު ފާހަގަ ކުރިއެވެ.

ދަތުރުވެރިންނަށް ހާއްސަކޮށް ބަނދަރު ސަރަހައްދުގައި ހަދާފައިވާ ޕާކަށް ނަން ދީފައި ވަނީ ރަށުގެ ތާރީހާ ގުޅުވާލާފައެވެ. އެ ޕާކަކީ ވެއިޓިން އޭރިއާ އަކާއި ހިޔާ ލިބޭގޮތަށް ގަސްގަހާ، މާމެލާމެލި ހިމަނައިގެން ހަދައިފައިވާ ތަނެކެވެ.

އިބްނު ބަތޫތާ މަންޒިލްގެ ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށުނީ ކައުންސިލްގެ ދެވަނަ ދައުރުގައެވެ. ކައުންސިލްގެ ތިންވަނަ ދައުރުގައި އެ މަސައްކަތް ވަނީ ނިމިފައެވެ.

އަހުމަދު ވިދާޅުވީ، ފިޔަވަހިތަކަކަށް ބަހާލައިގެން ކައުންސިލްގެ އެކި ދައުރުގައި ކުރިއަށް ގެންދިޔަ މި ޕާކުގެ މަސައްކަތުގައި މި ދައުރުގައި ފުރިހަމަކޮށް، ޕާކުގެ މަލަމަތި ރީތިކޮށްފައިވާ ކަމަށެވެ.

އެގޮތުން "އިބްނު ބަތޫތާ މަންޒިލް"ގެ ނަމުގައި ނަންބޯޑެއް ހަދައި، ޕާކުގެ ހަޓުގައި އިބްނު ބަތޫތާ ދަތުރުކުރެއްވި ޗާޓު ވަނީ ކުރަހާފައެވެ.

ރ. ކިނޮޅަހުގައި ހަދާފައިވާ 'އިބްނު ބަތޫތާ މަންޒިލް' -- ފޮޓޯ/ ކިނޮޅަސް ކައުންސިލް

އަހުމަދު ބުނީ މަޝްހޫރު އާޓިސްޓް މުހައްމަދު ޝިރުހާނު (ޝިރޫ އާޓްސް)ގެ އެހީގައި އެ ޗާޓު ވަރަށް ރީއްޗަށް ކުރަހާފައި ކަމަށެވެ.

"އިށީންނަ ގޮނޑިތައްވެސް ވަރަށް ރީއްޗަށް އެކި ޑިޒައިންތަކަށް ކުލަކުލައިގަ ހަދާފަ، ދެން ހަޓުގެ ބައެއް ތަނބުތައްވެސް ވަރަށް އެޓްރެކްޓިވް ގޮތަކަށް ހުންނާނީ،"

ޝިރޫ އާޓްސް ކުރެހުންތައް ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައިވާކަމަށް އަހުމަދު ފާހަގަ ކުރެއްވިއެވެ.

މިދިޔަ ދައުރުގެ ކުރީކޮޅު ނިމިފައިވާ ޕާކުގެ 'ލޮނުހެޔޮވަރު ކޮށް' ނިންމިގޮތް އަހުމަދު ކިޔައިދިނެވެ.

"މިހާރު ރަށުގަ ވަރަށް ކުޑަކުދިންނަށްވެސް ބުނަން އެނގޭނެ ކީއްވެކެންކަން އެތާގަ އިބްނު ބަތޫތާ މަންޒިލް ޖެހީ. އިބްނު ބަތޫތާ ރާއްޖެއައި ދެފަހަރުވެސް އެންމެ ފުރަތަމަ ކިނޮޅަހަށް އައިސް ވާތީއޭ އެގޮތަށް ނަން ކިޔުނީ،"

މި ޕާކުގެ މުޅި މަޝްރޫއަށް 8-7 ލައްކަ ރުފިޔާ ހަރަދުވެފައި ވާނެ ކަމަށް އަހުމަދު ލަފާކުރެއެވެ.

ކުރިއަށް އޮތް ތާނގައި މި ޕާކުގައި ރީޑިންގް ކޯނައެއް ހެދުމާއެކު ހަމަޖެހިލައިގެން ތިބެވޭ އޭރިއާއެއް ހެދުމަކީ ކައުންސިލްގެ އަމާޒެވެ.

މީގެ އިތުރުން ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި، ގިނަ ބަޔަކަށް އިއްތިފާގުވެވި، ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ރަށުގެ އެއްކޮޅު ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރެވޭ ގޮތަށް ރަށުގެ ލޭންޑްޔޫސްޕްލޭން ހަދަން ވަނީ ނިންމާފައެވެ.

ލޯކަލް ޓޫރިޒަމް ވިޔަފާރިއަކީ ފުދޭވަރެއްގެ ނަފައެއް ލިބޭކަމެއް ކަމުން، އޭގެ ފައިދާ ރަށަށް ކުރާނެ މަގުތައް ފަހިކުރުމަކީ ކައުންސިލްގެ އަމާޒެވެ.

"އޭގަ އަޅުގަނޑު ގަބޫލުކުރަން އިޖުތިމާއީ ފޭރާމަށް ގެއްލުން ނުވާގޮތަށް ރަނގަޅު އުސޫލުތަކާ ގަވާއިދުތައް ހަދައި، ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ރަނގަޅު ފެންވަރެއްގަ، އިރާދަކުރެއްވިއްޔާ ކުރެވިދާނެކަމަށް،"

މީލާދީގޮތުން 14 ވަނަ ގަރުނުގައި ރާއްޖެ ވަޑާއިގެންނެވި އިބްނު ބަތޫތާ އަކީ ރާއްޖެއާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ލިޔުއްވުން ލިޔުއްވާފައިވާ ސައްޔާހެކެވެ. އެގޮތުން ރާއްޖެ ވަޑައިގެން ރާއްޖޭގައި ވަޒީފާ އަދާކުރައްވައި އުޅުއްވިއެވެ. ރާއްޖޭގެ ތާރީހު ދިރާސާކޮށް، އޭރުގެ މައުލޫމާތު ހޯދާ ގިނަ މީހުން އިބްނު ބަތޫތާގެ ފޮތްތަކާއި ތަރުޖަމާތައް ކިޔައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު