ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް

އެމްޓީސީސީން މަސައްކަތެއްގެ އެއްބަސްވުމެއްގައި ސޮއިކުރުން -- ފައިލް ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތަރައްގީކުރާ އާ އޯޕީޑީ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެ ކުންފުންޏަށް މި މަޝްރޫއުގެ މަަސައްކަތް ހަވާލުކޮށްފައިވަނީ އިއްޔެ އެކަމަށް ޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިނެެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ.

މި މަޝްރޫއަކީ 20.22 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން 180 ދުވަހުގެ ތެރޭ 21 ކޮންސަލްޓަންޓް ރޫމްގެ މަސައްކަތް ނިންމަން ޖެހެއެވެ. އަދި އެއް ޓްރީޓްމަންޓް ރޫމާއި، އެއްް ޕްރޮސީޖާ ރޫމްގެ އިތުރުން، އެއް އީކޯ ރޫމްގެ މަސައްކަތް ވެސް ނިންމަންޖެހެއެވެ. މީގެ އިތުުރުން އެއް އީސީޖީ ރޫމުގެ މަސައްކަތް ވެސް ނިންމަންޖެހެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއްް ލިބޭނެއެވެ. އަދި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ހިދުމަތެއް ދިނުމަށް މަގުފަހިވެގެންދާނެއެވެ.

comment ކޮމެންޓް