ވިލުފުށީ ހޮސްޕިޓަލްގެ ފަންޑިން އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ތ. ވިލުފުށީ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ތ. ވިލުފުށީގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ފަންޑިން އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ވިލުފުށީ ކައުންސިލާއި މިއަދު މެންދުރުފަހު، ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވިލުފުށީ ކައުންސިލުން ވަނީ އެ ރަށުގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލާ ގުޅޭ ގޮތުންނާއި، އެއާޕޯޓް އެޅުމާއި ބަނދަރު ފުންކުރުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި އަދި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން ރަށުގެ އިޖްތިމާއީ އިގްތިސޯދީ ތަރައްގީއަށް އެ ރަށުގެ ކައުންސިލާއި ރައްޔިތުން ބޭނުންވާ ކަންކަން ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ވިލުފުށީ ހޮސްޕިޓަލުގެ އިތުރުން އެ ރަށުގެ އެއާޕޯޓާއި، ބަނދަރު ފުންކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވައިފައިވާ ގޮތްތަކުގެ މައުލޫމާތު ވެސް ކައުންސިލަރުންނާ ހިއްސާ ކުރައްވައިފައެވެ.

މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކޮވިޑުގެ ހާލަތާއެކު ކުރިމަތިވި ބަޖެޓުގެ ދަތިކަމާއެކު ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނުކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވިލުފުށީގެ ގިނަ މަޝްރޫއުތަކެއް ހިމެނިފައިވާކަން ފާހަގަކުރައްވައި ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ރައީސް ކައުންސިލަރުންނާ ހިއްސާ ކުރެއްވިއެވެ.

comment ކޮމެންޓް