ސަރަހައްދުގެ ގަދަ ބާރެއްގެ ގޮތުގައި ދެމިއޮތުމަށް ރާއްޖެއަށް ބޮޑު ދުވަހެއް

ސީޝެލްސް މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ކުރި އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

ބައިނަލް އަގުވާމީ ފުޓުބޯޅަ ފޯރި ހަތްދިހައިގެ އަހަރުތަކުގައި ދުނިޔޭގައި ހިއްޕާލީން ސުރެއް ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތީ އިންޑިޔާއެވެ. ނަމަވެސް 1999 ވަނަ އަހަރު ނޭޕާލްގައި އޮތް ސާފު ގޭމްސްގައި ލަންކާ އަތުން 4-0 ދިވެހިރާއްޖެ މޮޅުވި ހިސާބުން މި ސަރަޙައްދުގެ ފުޓްބޯޅައިގައި ރާއްޖެ ގަދަބާރެއްގެ ގޮތުގައި ބެލެވެން ފެށިއެވެ.

އެއަށްފަހު ރާއްޖޭގައި އުފެދެމުން އައި ޖީލުތަކުން އައީ ރާއްޖޭގެ ނަން ފަޙުރުވެރިކަމާއެކު މި ސަރަހައްދުގައި ވަރުގަދައަށް ނަގައި ދަމަހައްޓަމުންނެވެ. ބާރު ދުވެލީގައި ރާއްޖެ ފުޓުބޯޅައިގައި ކުރިއަރައި، އަރަ ފޯދެމުން އައިސް 2000 ވަނަ އަހަރު ތާރީހު މުޅިން ބަދަލުކޮށްލިއެވެ. ސަރަހައްދުގެ ގަދަބާރު އިންޑިއާ ވެސް ބަލިކުރީއެވެ.

އޭގެ ފަހުން ދެން އައީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ދިވެހި ފުޓުބޯޅައިގެ ރަން ދުވަސްވަރެވެ. މޮންގޯލިއާ ކޮޅަށް 12 ގޯލް، ލަންކާ ކޮޅަށް 10 ގޯލް، އަފްޣާނިސްތާން ކޮޅަށް ނުވަ ގޯލް އަދި ބޫޓާން ކޮޅަށް އަށް ގޯލް ޖެހިއެވެ. ބަންގުލަދޭޝް އަތުން 5-0 މޮޅުވިއިރު ނޭޕާލް ފަސޭހަކަމާއި އެކު ބަލިކުރިއެވެ. އަދި ވޯލްޑްކަޕުގައި މޮޅަށް ކުޅެފައި އައި ސައުތު ކޮރެއާ އާއި އެއްވަރުކޮށް ދުނިޔެ ސިއްސުވާލިއެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމު: އެ ފަހަރުގެ މުބާރާތް ރާއްޖެ އަށް ހޯދައިދިން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް މިރޭ ދަނޑުން ފެނިގެންދާނެ --- ފޮޓޯ: މޯލްޑިވްސޮކާ

އެ ފޯރީގައި ދެފަހަރަކަށް ސަރަހައްދީ ބޮޑު މުބާރާތް ސާފް ޗެމްޕިއަންޝިޕުގެ ތަށި ދިވެހިން އުފުލާލިއެވެ. މި ކުޑަކުޑަ ރާއްޖެއަށް ފުޓުބޯޅައިގައި ކުރިއަށް ދެވިދާނެ ކަމުގެ އުންމީދު ހުރިހާ ދިވެހިންގެ ހިތްތަކުގައި އަށަގެންނެވިއެވެ. ފުޓުބޯޅައަކީ ދިވެހިން އެއްބައިވަންތަކޮށް، އެންމެ ފޯރީގައި އެކަމަކަށް ވަގުތު ހުސްކުރާ ކަމަކަށް ހެދިއެވެ.

އެކަމަކު ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމުގެ މާޔޫސީ ނަތީޖާތަކާއެކު ސަރަހައްދުގެ ގައުމުތަކުން ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރާ މެދު ދެކޭގޮތް ބަދަލުވާން ފަށައިފިއެވެ. ކުރިން ބޮޑު ފަރަގަކާއެކު ބަލިކުރަމުން އައި ޓީމުތައް ފަރަގު ކުޑަކުރުމުން އައިސް މެޗު ފެށުމުގެ ކުރިން ރާއްޖެ ބަލިކުރާނެ ކަމަށް ބުނަން ފަށައިފިއެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލްގެ ޒުވާން ޓީމު ދިވެހި ފަސްގަނޑުގައި ރާއްޖެ ފުރަތަމަ ފަހަރަށް ސާފުގައި ބަލިކޮށްފިއެވެ. އޭގެ ކުރިން ރާއްޖެ ހަތަރު ލަނޑުގެ ލީޑެއްގައި ވަނިކޮށް ފަހަތުން އަރާ ބޫޓާން އިން ތިން ގޯލް ޖެހިއެވެ. އަދި މި ފަހުން ރާއްޖެ އެންމެ ބޮޑެތި ނަތީޖާތަކުން ބަލިކުރަމުން އައި ލަންކާ ވެސް ފަހަތުން އަރާ ހަތަރު ގޯލްޖަހައި ދިވެހިން ލަދުގަންނަވާލައިފިއެވެ.

ސަރަހައްދީ ގަދަބާރުގެ ނަން ދެމެހެެއްޓުމަށް ޗެލެންޖެއް

މި ނަތީޖާތަކާއެކު ރާއްޖެއަށް "ސަރަހައްދީ ގަދަބާރު" ގެ ޓައިޓަލް ދެމެހެއްޓުމަށް މިއަދަކީ ބޮޑު ދުވަހެކެވެ. ފުރަތަމަ ދެ މެޗުން އެއް ޕޮއިންޓް ލިބުނު ނަމަވެސް ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ސީޝެލްސް ބަލިކޮށްގެން ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެކަން ކުރުމަކީ ފާޑުކިޔުންތައް އަމާޒުވެފައި އޮތް ގައުމީ ފުޓުބޯޅަ ޓީމަށް އެހާމެ މުހިންމު އަދި ބޮޑު ޕްރެޝަރެއް އޮތް ކަމެއްވެސްމެއެވެ.

"އަހަރެމެން މިހާހިސާބުން ގިވްއަޕް ނުކުރާނަން. ޓީމަށް އެކަން އެނގޭނެ. މިދިޔަ ދެމެޗުން އަހަރެމެންނަށް ވަރަށް ގިނަ އެއްޗެހި ދަސް ކުރެވޭނެ. އޭގެ ތެރެއިން ކުރިއެރުން ހޯދޭނެ،" މިއަދުގެ މެޗާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އިއްޔެ ބުންޏެވެ.

ސީޝެލްސް މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ކުރި އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިތާ އަދި މަހެއް ނުވެއެވެ. އޭނާ މި ފަހަރުގެ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވީ ދެ ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހުއެވެ. މޮރިއޭރޯ ބުނީ އޭނާ ރާއްޖެ ގޮވައިގެން މި މުބާރާތުގައި ކުރި މަސައްކަތް ނަތީޖާ އަށް ބަލަންޏާ ފެންނާނީ ނެގެޓިވްކޮށް ކަމަށެވެ.

"ހަމައެކަނި ތުހުމަތުގެ އިނގިލި ދިއްކުރުމަކުން ނުފުދޭ. އަހަރެމެން މޮޅުނުވަނީ ކީއްވެތޯ ބަލަން އަދި ނުޖެހޭ މުޅި މަސައްކަތަށް ނުބަލައި. އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް އެބަކުރަން. މި ޓިީމު އެބަ ކުރިއަރާ. އަހަންނަށް އެނގޭ އިތުރަށް ވެސް ކުރިއަރާނެކަން،"

ކޯޗު މިއަދުގެ މެޗަށް އޮތް އުންމީދު ބޮޑެވެ. ދެން އޮތީ ސަޕޯޓަރުން ޓީމާއެކު ތިބުމެވެ. ދިވެހިންނަކީ މީގެ ކުރިން ޓީމު ކިތަންމެ ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް ޓީމުގެ ފަހަތުގައި ތިބި ބައެކެވެ. އީރާނުން ދިވެހިރާއްޖެ ކޮޅަށް 17 ގޯލްޖެހި އިރުވެސް ހަމަ ތިބީ އެއްގޮތެއްގައެވެ. އެކަމަކު ހާލަތު މިހާރު ވަރަށް ބޮޑަށް ތަފާތެވެ. އޭރު އޮތް ފުޓުބޯޅައިގެ ފޯރި މިހާރު ނެތެވެ. އެހެން ކަމުން ސަޕޯޓަރުންގެ ފޯރިއާއި، އިތުބާރު ހޯދުމަށް މިއަދުގެ މެޗަކީ ކޮންމެހެން ވެސް ރާއްޖެ ކާމިޔާބު ކުރަން ޖެހޭ މެޗެކެވެ.

މެޗުގެ ކުރިން ގައުމީ ކެޕްޓަންގެ ބަސް

"މި ތަށި އަޅުގަނޑުމެންނަށް ވެސް ވަރަށް މުހިއްމު ސާފުން މި ލިބުނު ނާކާމިޔާބުން އަރައިގަންނަން އަޅުގަނޑުމެން އައީ މި ތަށި ހޯދަން." 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ (އަކޫ) ބުންޏެވެ.

އަކޫ ބުނީ އެންމެންނަށް ޓީމާ ބެހޭގޮތުން އެކި ވާހަކަތައް ދައްކަމުން އަންނަ އެންމެނަށް ސާފު ކޮށްލަދެން ބޭނުންވާ ކަމަކީ ގައުމީ ޓީމުގައި އެއްވެސް މައްސަލަތަކެއް ނުޅޭ ކަމަށެވެ.

"މި ޓީމުގައި ނެތް އެއްވެސް މައްސަލައެއް. ވޯމްއަޕަށް ނުކުންނަން ޖެހޭ ގަޑި ނިންމާނީ ކޯޗް. މި އުޅެނީ ޓީމުގައި ރޫހް ނެތިގެންނެއް ނޫން،" މާދަމާ ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަކުރަމް ބުންޏެވެ.

"ކަންދިމާކުރި ގޮތުން މި އުޅެނީ އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ވެސް ނައިސް ގެނޭ އަޅުގަނޑުމެން ބޭނުންވާ ގޭމް ވެސް ޓީމަށް ނުކުޅެވިގެންނޭ މި އުޅެނީ. މީގެ ތެރޭގައި ނެތޭ އެއްވެސް މައްސަލައެއް."

މީގެ އިތުރުން މިދިޔަ މެޗުގައި ބަންގުލްދޭޝް އަތުން ލިބުނު ބަލީގެ ޒިންމާއާ އަކޫ ވަނީ ހަވާލުވެފައެވެ. އެ މެޗުގެ ފަހުވަގުތު ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީއަކީ އަކޫއަށް ހެދުނު ގޯހަކަށްފަހު ޒުވާން ކީޕަރު އަލީ ނާޖިހު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީއާ މެދު އެކި މީހުން ވަނީ ނާޖިހުއަށް ފާޑުކިޔައިފައެވެ.

"އެ ގޯލްގެ ޒިންމާ އަޅުގަނޑު ނަގަން. އެކަމަކު މި ބުނަނީކީ އަޅުގަނޑުމެން އަރަނީ އަމިއްލަ ޓީމު ބަލިކުރާކަށް ނޫނޭ. އެހެން ވެގެންނޭ މިހެންވެގެންނޭ ބަލިވީ ބުނެވޭކަށް ނެތޭ."

comment ކޮމެންޓް