އައްމަޓީ ބަންދުކުރަން އަނެއްކާ ވެސް ހައިކޯޓުން އަމުރުކޮށްފި

ސީލައިފްގެ އެމްޑީ އަހުމަދު މޫސާ މުހައްމަދު -- ފޮޓޯ/ އިންޓަޕޯލް

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަލުން ހައްޔަރުކުރުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އައްމަޓީގެ އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނު ކުރުމަށްފަހު, ކަފާލާތުގެ ދަށުން ދޫކޮށްލައިފައިވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހެވެ. ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލި ނަމަވެސް އޭނާ މާލެ އިން ބޭރަށް ފުރާނަމަ ކޯޓުން ހުއްދަ ހޯދަން ޖެހެއެވެ. އަދި ޝަރީއަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާން ވެސް ޖެހެއެވެ.

އެއާއެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުން ކުރި އަމުރު، ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ.

އިސްތިއުނާފު މައްސަލަ ބެލުމަށްފަހު މިއަދު ހައިކޯޓުން ކުރި ހުކުމުގައިވަނީ މައްސަލައިގެ ބާވަތުން އައްމަޓީ ދޫކޮށްލައިފައި ނުބެހެއްޓޭނެކަމަށެވެ. އަދި ދޫކޮށްލައިފައި ހުންނަ ނަމަ ފިލައިގެން ދިޔުމުގެ ފުރުސަތު އޮތްކަމަށް ވެސް ހުކުމުގައިވެއެވެ. މީގެ އިތުުރުން އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރުމުން ވެސް އޭނާ ރާއްޖެ އައިސްފައިވަނީ ގިނަ ދުވަސްތަކެއް ފަހުންކަމަށް ވެސް ހުކުމުގައި އޮތެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފްއިން އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ. ލަންކާ އިން ގެނައުމަށް ފަހު އައްމަޓީ ހުރީ ބަންދުގައެވެ.

ނަމަވެސް އެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުަވަހުއެވެ.

އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ހިޔާނާތްތެރިވީ މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް