ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ މަސަައްކަތް އަންނަ އަަހަރު ފަށާނެ: އެމްއެމްއޭ

އޮގަސްޓް 22، 2021: އެމްއެމްއޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ކަނޑައަޅައިފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން އެކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްގެންދާ ރައްޔިތުންފެ މަޖިލީހުގެ ބަޖެޓު ކޮމިޓީއެއްގައެވެ. އެގޮތުން މަޖިލީހުގަައި އޮތް ބަޖެޓު ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވެސް ވަނީ ހާޒިރުކޮށްފައެވެ.

މި ކޮމިޓީގައި ގަވަރުނަރު ހާޝިމް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ޓަކައި ހަދާފައިވާ ޑީ ޑޮލަރައިޒޭޝަންގެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަ ބައްދަލުކޮށްފައިވަނީ ބޭންކިން ދާއިރާއާ ގުޅޭ ފަރާތްތަކާ. އެއަށްފަހު ދެން ޑީޑޮލަރައިޒޭޝަންގެ ސިޔާސަތަށް ދެ ގަވާއިދެއްވާނީ ހަދާފައި،" ހާޝިމް ވިދާޅުވިއެވެ.

އެގޮތުން ހަދާފައިވަނީ މަނިޓަރިންގެ ގަވާއިދަކާއި ފޮރިން އެކްސްޗޭންޖް ލައިސެންސިންގެ ގަވާއިދެކެވެ.

ހާޝިމް ވިދާޅުވީ އެ ދެ ގަވާއިދާއެކު ޕްރައިވެޓް ސެކްޓާގެ ފަރާތްތަކާ މަޝްވަރާކުރާނެކަމަށެވެ. އަދި އޭގެ ކުރީގައި ކަމާ ގުޅޭ ފަރާތްތަކާ އިތުރަށް މަޝްވަރާކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ފިނޭންސް މިނިސްްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގައި އިތުރަށް މަޝްވަރާކޮށް ގަވާއިދުގައި ހުރި ތަފްސީލްތައް ކިޔައިދެމުން އަންނަކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެމްއެމްއޭއިންވަނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ބުނެފައެެވެ.

ނަމަވެސް ކޮވިޑު19 އާއެކު ދިމާވި ދަތިތަކުގެ ސަބަބުން އެ ކަން ތަންފީޒުކުރުމަށް ލަސްކަމެއް އައިސްފައިވާކަމަށް ޑެޕިއުޓީ ގަވަރުނަަރު އިމާދުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ސިޔާސަތާއެކު ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އިމާދު ވިދާޅުވިއެވެ.

ޑީ ޑޮލަރައިޒޭޝަންގެ ސިޔާސަތު ތަންފީޒުކުރަން ފަށާނެކަމަށް އެމްއެމްއޭއިން ބުނެފައިވަނީ އަންނަ އަހަރު ފެށޭ ހިސާބުންނެވެ. އެ ސިޔާސަތު ތަންފީޒުކުރަން ފަށާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

comment ކޮމެންޓް