މިއަހަރު ކުރޫޒް ލައިނާއެއް ނާދެ، ސަބަބަކީ ޕައިލޮޓޭޖް ފީ ބޮޑުވުން

މާލޭ ބޭރުގައި ކުރޫޒް ލައިނާއެއް އަޅާފައި: މިއަހަރު މިހާތަނަށް ކުރޫޒް ލައިނާއެއް ރާއްޖެ ނާދޭ-- ފޮޓޯ: އަބްދުﷲ ޖަލީލް

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ނަގަމުން އައި ޕައިލޮޓޭޖް ފީތައް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ބޮޑު ކުރުމާ ގުޅިގެން ކުރޫޒް ލައިނާތައް ރާއްޖެ އައުން ހުއްޓާލާފައިވާ ކަމަށް ބުނެ ޝިޕިން ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުރޫޒް ލައިނާތައް ރާއްޖެ އައިސް އަޅާފައި އޮންނަނީ މާލޭ ބޭރުގައެވެ. އެ ސަރަހައްދަށް ކުރޫޒް ލައިނާތައް ވައްދައި ނެރެދީ ހަދަނީ އެމްޕީއެލްގެ ޕައިލެޓުން ބޯޓްތަކަށް އަރައިގެންނެވެ. އެ ކަމަށް ޕައިލޮޓޭޖް ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ގަޑިއިރަކަށް 16,330.52 ރުފިޔާއެވެ. މިދިޔަ ޑިސެމްބަރުން ފެށިގެން އެ ފީ ވަނީ ބޮޑުތަނުން ބޮޑު ކޮށްފައެވެ. މިހާރު އެކަމަށް ގަޑިއިރަކަށް 74,458.56 ރުފިޔާ ނަގައެވެ. އޭގެ އިތުރުން ވެސް ބަނދަރު ބޭނުން ކުރާތީ ފީތަކެއް ދައްކަންޖެހެއެވެ.

ކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓްތަކުން އެކަނި އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެއާދެއެވެ. މިއަހަރު މިހާތަނަށް ކުރޫޒް ލައިނާއެއް ނާންނާތީ އެ ސެކްޓާއިން ޓޫރިސްޓަކު ރާއްޖެ ނާދެއެވެ.

މާލޭ ބޭރުގައި ކުރޫޒް ލައިނާއެއް އަޅާފައި: މިއަހަރު މިހާތަނަށް ކުރޫޒް ލައިނާއެއް ރާއްޖެ ނާދޭ-- ފޮޓޯ: އަބްދުﷲ ޖަލީލް

މީގެ ކުރިން ރާއްޖެ އަކީ ކުރޫޒް ލައިނާތަކަށް ޓޫރިސްޓުން އެރުވުމަށާއި ބޭއްލުމަށް ބޭނުން ކުރި ބަނދަރެކެވެ. އަދި ކުރޫޒް ލައިނާތައް މާލެ ކައިރި އޮންނަ ދުވަސްތަކުގައި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އެއީ މީހުން ބޭލުމަށް ކުއްޔަށް ނަގާ ފެރީތަކަށާއި ތެލާއި ފެން އެޅުމުގެ އިތުރުން ޓޫރިސްޓުން މާލެ ފައިބައި ކުރާ ހޭދަތަކުންނެވެ. ކުރޫޒް ލައިނާތަކުން ޓޫރިސްޓުން މާލެ ފައިބާ ދުވަސްތަކަކީ ޓެކްސީތަކަށް ވެސް ބޮޑު އާމްދަނީއެއް ލިބޭ ދުވަހެކެވެ. ނަމަވެސް މިހާރު ވަނީ އެކަންކަން ހުއްޓިފައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ޝިޕިން ކުންފުންޏެއް ކަމަށްވާ، އެލައަންސް މެނޭޖްމެންޓް ސާވިސަސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަލީލް، "ސަން" އަށް ވިދާޅުވި ގޮތުގައި ރާއްޖޭން ޕައިލޮޓޭޖް ފީ ބޮޑުތަނުން ބޮޑު ކުރި ނަމަވެސް ވާދަވެރި ގައުމުތަކުގެ ފީތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އެހެންވެ ކުރޫޒް ލައިނާތައް ދަނީ އެ ބަނދަރުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަގު ބަލާފައި އަގު ބޮޑުވީމައި ބަދަލު ކޮށްލަނީ. ލަންކާގައި 400 ޑޮލަރަށް އެބަ ވޭ އެކަން. ލަންކާގައި އެ އަގަށް ޖެޓީގައި ބޯޓް ބޭއްވޭ. ރާއްޖޭގައި އަދި މިޖެހެނީ ބޭރުގައި ބޯޓް ބާއްވައިގެން ފެރީތަކެއް ކުއްޔަށް ހިފައިގެން މީހުން ބާލަން. އިންޑިއާ އާއި ސީޝެލްސްގައި ވެސް އަގު ހެޔޮ. އެހެންވެ އެ ގައުމުތަކަށް މިހާރު މުޅިން ދަނީ،" ޖަލީލް ވިދާޅުވިއެވެ.

"ވަރަށް ދުވަސް ވަންދެން ނުދުއްވާތިބެފައި ދުއްވަން ފެށީމަ ކުރޫޒް ޝިޕްތައް ވެސް ވަރަށް ގެއްލުމުގައި ހިންގަނީ. އެހެންވެ އެ މީހުން ވެސް ފައިދާ ބޮޑު ބަނދަރުތަކަށް އެކަނި އެ ދަނީ."

ސަން ރައިޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަހީރު ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ވެސް އެންމެ ބޮޑު ޕައިލޮޓޭފް ފީއެއް ނަގަނީ ރާއްޖެއިން ކަމަށެވެ. އަދި ރާއްޖެއިން އެހާ ބޮޑު ފީއެއް ނަގާއިރު އެހެން ގައުމުތަކުން ބޯޓްތަކަށް ދޭ ހިދުމަތް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕައިލޮޓޭޖް ފީ ބޮޑު ކުރުމުން ކުރޫޒް ލައިނާއެއް ނާންނައިރު ޔޮޓް ފަހަރު ވެސް އައުން މަދުވެފައިވާ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ކުރޫޒް ލައިނާތަކުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް އެކަން އޮޕަރޭޓް ކުރުމަށް ގިނަ ގޮންޖެހުންތަކަކާ ޝިޕިން ކުންފުނިތަކަށް ކުރިމަތިވެއެވެ. އެގޮތުން މީގެ ކުރިން ކުރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުން ބޭލުމަށް ރަސްމީ ފާލަން ސަރަހައްދު ބޭނުން ކުރަމުން ދަނިކޮށް ފަހުން ވަނީ އެކަން ވެސް މަނާ ކޮށްފައެވެ. އެތައް މަސައްކަތެއް ކުރުމުން ފަހުން އެކަން ކުރުމަށް ދީފައިވަނީ މަސްވެރިންގެ ޕާކް ސަރަހައްދެވެ.

comment ކޮމެންޓް